2 ޖުލައި 2023 - 08:29 0
މިދިޔަ އަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން.---- ފޮޓޯ: އަދަދު ފައިލް ފޮޓޯ
2 ޖުލައި 2023 - 08:29 0
ޖުމްލަ އެކު، 108 ބައިވެރިންނާ އެކުު 49 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތް އިއްޔެ ފަށައިފި އެވެ.
އިއްޔެ އިން ފެށިގެން މި މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ ގައުމީ ބެޑްމިންޓަން މުބާރާތުގައި މި އަހަރު ދެ ޑިވިޝަނެއްގައި 10 އިވެންޓެއް ކުރިއަށްދާނެ އެވެ.
އެހެން އަހަރުތަކަކޭ އެއްގޮތަށް މި އަހަރު ވެސް އެންމެ ގިނަ ކުޅުންތެރިން ވާދަކުރަނީ ދެ ވަނަ ޑިވިޝަންގަ އެވެ. މި ޑިވިޝަންގެ ފިިރިހެން ސިންގަލްސް އިވެންޓުގައި 35 ކުޅުންތެރިން ވާދަކުރާއިރު، އަންހެން ސިންގަލްސްގައި އަށް ކުޅުންތެރިން ވާދަކުރެ އެވެ. ފިރިހެން ޑަބަލްސްގައި 23 ޕެއާ އެއް ވާދަކުރާއިރު، އަންހެން ޑަބަލްސްގައި 8 ޕެއާ އެއް ވާދަކުރާނެ އެވެ. އަދި މިކްސް ޑަބަލްސްގައި 12 ޕެއާ އެއް ވާދަކުރާނެ އެވެ.
ފުރަތަމަ ޑިވިޝަނަށް ބަލާއިރު، ފިރިހެން ސިންގަލްސްގައި ވާދަކުރަނީ ހަތް ކުޅުންތެރިންނެވެ. އަދި އަންހެން ސިންގަލްސްގައި ވާދަކުރަނީ ފަސް ކުޅުންތެރިންނެވެ. ފިރިހެން ޑަބަލްސްގައި ހަތަރު ޕެއާ އެއް ވާދަކުރާއިރު، އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސްގައި ވާދަކުރަނީ އެންމެ ތިން ޕެއާ އެވެ.
ގައުމީ ބެޑްމިންޓަން މުބާރާތުގެ ކުޅުން އިއްޔެ ފެށީ ދެ ވަނަ ޑިވިޝަންގެ ފިރިހެން ސިންގަލްސް އަދި ފިރިހެން ޑަބަލްސް މެޗުތަކުންނެވެ. މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ މެޗުތައް ފަށާނީ އަންނަ ހޯމަ ދުވަހު އެވެ. ދެ ޑިވިޝަންގެ ހުރިހާ އިވެންޓެއްގެ ފައިނަލް މެޗުތައް ކުޅެނީ އަންނަ ބުދަ ދުވަހު އެވެ.
ގައުމީ ބެޑްމިންޓަން މުބާރާތުގެ މިދިޔަ އަހަރުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ނިބާލް އަހުމަދު ހޯދީ ފައިނަލުގައި ޒަޔާން ޒަކީ ބަލިކޮށްގެންނެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ފާތިމަތު ނަބާހާ (ނަބާ) އެވެ. ނަބާ ފައިނަލުގައި މޮޅުވީ އޭނާގެ ކޮއްކޮ އާމިނަތު ނަބީހާ (ނަބީ) އަތުންނެވެ.
ގައުމީ ބެޑްމިންޓަން މުބާރާތަށް ފަހު އަންނަ މަހުގެ ފަހުކޮޅު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް ގައުމީ ޓީމުގެ އަނެއްކާވެސް ފަރިތަކުރުންތައް ފަށާނެ އެވެ. މި ވަގުތު ގައުމީ ސްކޮޑުގެ ފަރިތަކުރުންތައް މެދު ކަނޑާލާފައިވަނީ ގައުމީ މުބާރާތަށެވެ.
މި އަހަރު ގައުމީ ބެޑްމިންޓަން ޓީމަށް އޮތް މުހިންމު ދެ މުބާރާތަކީ އައިއޯއައިޖީ އާއި އަންނަ ސެޕްޓެމްބަރު މަހު އޮންނަ އޭޝިއަން ގޭމްސް އެވެ.
Comment