މިލާން (ޖޫން 28) - މިދިޔަ ސީޒަންގައި އިޓާލިއަން ލީގުން ރެލިގޭޓްވި ސަމްޕްޑޯރިއާގެ ކޯޗަަކަށް އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަންދްރެއާ ޕިރްލޯ ހަމަޖައްސައިފި އެވެ.
އިޓަލީގެ ލީގު ޗެމްޕިއަަންކަން ކުރިން ހޯދާފައިވާ ސަމްޕްޑޯރިއާ އިން ނެރުނު ބަޔާނެއްގައި ބުނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕިރްލޯއާ ކޯޗުކަން ހަވާލުކޮށްފައިވާ ކަމަށެވެ.
ޕިރްލޯ، 44، އެންމެ ފަހުން ހުރީ ތުރުކީގެ ފާތިހު ކަރަގުމްރުކްގެ ކޯޗުގެ މަގާމުގަ އެވެ. އެކަމަކު، ސީޒަންގައި ބާކީ ތިން މެޗު އޮއްވައި އޭނާ ވަނީ އެ ޓީމުގެ ކޯޗުކަމުން ވަކިވެފައެވެ.
އިޓަލީގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ޕިރްލޯ ވަނީ ޔުވެންޓަސް އާއި އޭސީ މިލާން އަދި އިންޓަ މިލާނަށް ކުޅެފައެވެ. ކްލަބު ކެރިއަރުގައި އޭނާ ވަނީ ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި އިޓާލިއަން ލީގު ހަ ފަހަރު ކާމިޔާބުކޮށްފައެވެ.
ކުޅުން ހުއްޓާލުމަށް ފަހު ކޯޗިންގެ ތެރެެއަށް ނުކުމެ އޭނާ ވަނީ އެއް ސީޒަންގައި ޔުވެންޓަސްގެ ކޯޗުކަންކޮށްފައެވެ. އެކަމަކު 2021 ވަނަ އަހަރު އެ މަގާމުން އޭނާ ވަކިކުރީ އިޓާލިއަން ލީގުގެ ހަތަރު ވަނަ އަށް ޔުވެންޓަސް ވެއްޓި، ޗެމްޕިއަންސް ލީގުން ވެސް ކެޓުމާ ގުޅިގެންނެވެ.
މިދިޔަ ސީޒަންގައި މާލީ ގިނަ މައްސަލަތަކެއް ކުރިމަތިވި ސަމްޕްޑޯރިއާ އިޓާލިއަން ސީރިއާ އިން ރެލިގޭޓްވީ ތާވަލްގެ ފުލުގައި އޮވެއެވެ. އިޓާލިއަން ލީގު 1991 ވަނަ އަހަރު ކާމިޔާބުކުރި ސަމްޕްޑޯރިއާގެ ކުޅުންތެރިންނަށް މުސާރަ ނުދެވި، ކްލަބު ބަގުރޫޓުވުމުގެ ބިރު މިދިޔަ ސީޒަންގައި ކުރިމަތިވިއެވެ.
އެހެން ނަމަވެސް، މި މަހުގެ ކުރީކޮޅު ސަމްޕްޑޯރިއާގެ ވެރިޔާ މަސިމޯ ފެރޭރޯ ވަނީ އެ ކްލަބު ގަތުމަށް ދެ ކުންފުންޏެއް ގުޅިގެން ހުށަހެޅި ބިޑް ގަބޫލްކޮށް، އެ ކްލަބު ވިއްކާލައިފަ އެވެ.
Comment