Advertisement

ކުވެއިތުން އިންޑިއާއާ ދެކޮޅަށް ވެސް ގޭމް ބަދަލެއް ނުކުރާނެ

24 ޖޫން 2023 - 17:44 0

ބެންގަލޫރު، އިންޑިއާ

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ކުވެއިތުގެ ކޯޗު ރުއީ ބެންޓޯ: އިންޑިއާއާ ދެކޮޅަށް ވެސް ވަކި ހާއްސަ ގޭމެއް ނުކުޅޭނެ ކަމަށް ބެންޓޯ ވަނީ ބުނެފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ކުވެއިތުން އިންޑިއާއާ ދެކޮޅަށް ވެސް ގޭމް ބަދަލެއް ނުކުރާނެ

24 ޖޫން 2023 - 17:44 0

ބެންގަލޫރު، އިންޑިއާ

ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް 2023 ގެ ފުރަތަމަ ދެ މެޗުން މޮޅުވެ، ސެމީ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލި ކުވެއިތު ޓީމުން ގްރޫޕްގެ ފަހު މެޗުގައި އިންޑިއާއާ ދެކޮޅަށް ކުޅެން ޖެހުނަސް ގޭމް ބަދަލެއް ނުކުރާނެ ކަމަށް ކުވެއިތުގެ ކޯޗު ޕޯޗުގަލްގެ ރުއީ ބެންޓޯ ބުނެފި އެވެ. .

މުޅިން އަލަށް މި ފަަހަރު ސާފް ޗެމްޕިއަންޝިޕްގައި ކުޅެމުން އަންނަ ކުވެއިތުން ވަނީ ފުރަތަމަ މެޗުގައި 3-1 އިން ނޭޕާލް ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި މިއަދު ހަވީރު ޕާކިސްތާން އަތުން މޮޅުވީ 4-0 އިންނެވެ. ގްރޫޕް އޭގައި މިރޭ އިންޑިއާ އިން ނޭޕާލް ބަލިކޮށްފިނަމަ، އިންޑިއާ އާއި ކުވެއިތަށް ބާކީ މެޗެއް އޮއްވައި ސެމީގެ ޖާގަ ޔަގީންވާނެ އެވެ.

ޕާކިސްތާން އަތުން މިއަދު ކުވެއިތު މޮޅުވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކުވެއިތުގެ ކޯޗު ބެންޓޯ ބުުނީ އިންޑިއާއާ ދެކޮޅަށް ކުޅުމުގެ ކުރިން އުނދަގޫ ހާލަތެއްގައި ދެ މެޗު ކުޅެ ރަނގަޅު މޮޅުތަކެއް ހޯދުނަސް އަދިވެސް މި އަށް ވުރެ ރަނގަޅަށް އޭނާގެ ޓީމަށް ކުޅެވޭނެ ކަމަށެވެ.

މިހާރު އެންމެ މުހިންމު ކަަމަކީ މެޗަށް ފަހު، ރިކަވަރީ އަށް ފޯކަސް ކުރުން ކަމަށާާއި އަންނަ އަންގާރަ ދުވަހުގެރޭ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗަށް ވިސްނާނީ އެކަންކަން ނިންމުމަށް ފަހު ކަމަށް ބެންޓޯ ބުނެފައިވެ އެވެ.

އިންޑިއާ އިން އަމިއްލަ ގައުމުގައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުން އަންނައިރު، އެ ޓީމާ ދެކޮޅަށް ކުވެއިތުން ކުޅޭ ގޭމް ފުރަތަމަ ދެ މެޗަށް ވުރެ ބަދަލުވާނެތޯ ނޫސްވެރިން ސުވާލުކުރުމުން، ބެންޓޯ ބުނީ އަބަދުވެސް އިސްކަންދެނީ އަމިއްލަ ކޮންޓްރޯލްގައި އޮންނަ ކަންތައްތަކަށް ކަމަށެވެ.

"އިދިކޮޅު ޓީމަށް ބަލައިގެން ކަންކަން ކުރައްވެއްޖިއްޔާ، އަމިއްލަ ޓީމުގެ ވިޝަން އެއް ނޯންނާނެ. އަމިއްލަ ވިޝަން އެއް އޮވެގެން ކުުޅުންތެރިން ޑިވެލޮޕްކުރެވޭނީ، އެއީ އަހަރެން ގަބޫލުކުރާގޮތް. ދެން، އެހެންވީމަ، އަހަރެމެން އިންޑިއާއާ އެކު ވެސް ކުޅޭނީ ހަމަ އެ ވިޝަންގައި މޮޅުވާން، ހިތްހަމަޖެހިލައިގެން ކުޅެން، އަހަރެން އެ ގޮތަށް ވިސްނަނީ، ފުޓްބޯޅައިގައި ބައެއް ފަަހަރު މޮޅުވާނެ، އަނެއް ބައި ފަހަރު ބަލިވާނެ،" ބެންޓޯ ބުންޏެވެ.

ކުވެއިތުން ވަނީ ފުރަތަމަ ދެ މެޗުގައި ސްކޮޑުގައި ހިމެނޭ ގިނަ އަދަދެއްގެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދީފަ އެވެ. އެއީ، މުބާރާތުގައި ކުރިއަށްދާއިރު، އެޑްވާންޓޭޖެއްތޯ ސުވާލުކުރުމުން ބެންޓޯ ބުނީ އޭނާ ދެކޭ ގޮތުގައި ގައުމީ ޓީމެއްގައި ސަބްސްޓިޓިއުޓް ކުޅުންތެރިން ނުތިބޭނެ ކަމަށާއި މުޅިން ވެސް ތިބޭނީ ޓީމު ކުޅުންތެރިން ކަމަށެވެ. އެއީ ކޮންމެ ކުޅުންތެރިއަކީ ވެސް މުހިންމު ދައުރެއް އަދާކުރެވޭނެ ކުޅުންތެރިއެއް ކަމަށް ފެންނާތީ ކަަމަށް ބެންޓޯ ބުނެފައިވެ އެވެ.

ޕާކިސްތާން މި ވަނީ މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް އެއް ނަތީޖާއަކުން ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި އިންޑިއާ އަތްދަށުވީ ވެސް މިއަދު ކުވެއިތު އަތުން ބަލިވި ނަތީޖާ ކަމަށްވާ 4-0 އިންނެވެ.

ޕާކިސްތާންގެ އެސިސްޓަންޓް ކޯޗު ޖަރުމަންގެ ޓޯބެން ވިޓަޖެވްސްކީ ބުނީ ކުވެއިތާ ދެކޮޅަށް ކުޅުނު މެޗުގައި ފެނިގެންދިޔައީ ބައިނަލްއަގުވާމީ މެޗުތަކެއް އެކުގައި ކުޅެފައި އޮތް ޓީމެއްގެ ލެވަލާއި، ފުޓްބޯޅަ ޑިވެލޮޕްކުރަން މަސައްކަތް ކުރަމުން އަންނަ ގައުމެއްގެ ތަފާތު ކަމަށެވެ.

"އާ ކުޅުންތެރިންތަކެއް ލައިގެން ކަންތައްތަކެއް ބަދަލުކުރަން ޕާކިސްތާނުން މި މަސައްކަތް ކުރަނީ، ޔަގީންކަމާ އެކީ ބުނަން އެނގޭ، ވަގުތު ބޭނުންވާނެ މި މަސައްކަތަށް، ދެން މި ޓީމު ޑިވެލޮޕްކުރެވޭނީ ގިނަ މެޗުތަކެއް އެކުގައި ޓީމެއްގެ ސިފައިގައި ކުޅުވައިގެން، އެހެންވީމަ އަހަރެން އެ މަސައްކަތް ކުރެވޭތޯ މި ބަލަނީ،" ޓޯބެން ބުންްޏެވެ.

ޕާކިސްތާނުގައި ހިމެނޭ ޔޫރަޕްގެ ގައުމުތަކުގައި ކުޅޭ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ނުކުޅެވެނީ ބެންގަލޫރުގެ މޫސުން ހުރި ގޮތުންތޯ ސުވާލުކުރުމުން، ޓޯބެން ބުނީ ޕްރޮފެޝަނަލް ކުޅުންތެރިންނަކީ ކޮންމެ މޫސުމެއްގައި ނޫނީ ކޮންމެ މާހައުލެއްގައި ވެސް ކުޅެވޭނެ ކުޅުންތެރިންނަށް ވާންޖެހޭނެ ކަމަށެވެ. އަދި އެއީ ޝަކުވާއެއްގެ ގޮތުގައި ހަދައިގެން އެ ވާހަކަ ނުދައްކާނެ ކަމަށް ވެސް ޓޯބެން ވަނީ ބުނެފަ އެެވެ.