Advertisement

ސަރުކާރުން އެދެނީ ނަޝީދު އިސްތިއުފާ ދީފައި ވިޔަސް މަޖިލިސް ކުރިއަށް ގެންދަން

22 ޖޫން 2023 - 13:28 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ތަރުޖަމާނު މިއުވާން؛ މިއުވާން ވިދާޅުވީ ނަޝީދު އިސްތިއުފާ ދެއްވާފައި ވިޔަސް މަޖިލިސް ކުރިއަށް ގެންދަން ޖެހޭކަމަށް -- ފޮޓޯ: ރައީސް އޮފީސް


ސަރުކާރުން އެދެނީ ނަޝީދު އިސްތިއުފާ ދީފައި ވިޔަސް މަޖިލިސް ކުރިއަށް ގެންދަން

22 ޖޫން 2023 - 13:28 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވާފައި ވިޔަސް މަޖިލިސް ކުރިއަށް ގެންދަން އެދޭކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ، މިއަދު ވެސް ރައީސް ނަޝީދު ބޭނުންފުޅުވުމުން މަޖިލީހުގެ ޖަލްސާ ބޭއްވީ ކަމަށާއި، ހަމަ އެގޮތަށް މީގެކުރިން ދިޔަ ދެ ޖަލްސާ ބޭއްވުމުގެ ފުރުސަތު އެމަނިކުފާނަށް އޮތް ކަމަށެވެ. ރިޔާސަތު ނުބަލަހައްވަނީ އިތުބާރު ނެތްކަމަށް މައްސަލަ ހުށަހަޅާފައި އޮތުމުން ކަމަށް ގަބޫލުކުރައްވާ ނަމަ އެމަނިކުފާނަށް އިސްތިއުފާ ދެއްވިދާނެ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

"މަޖިލިސް ހުއްޓިފައި އޮތީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ސޮއިކުރެއްވުމުން ކަމަށް ގަބޫލު ކުރައްވާކަމަށް ވާނަމަ މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު އިސްތިއުފާދެއްވާފައި ނަމަވެސް ގާނޫނު ހަދާ މަޖިލިސް ކުރިއަށްދާން ޖެހޭނެ." މިއުވާން ވިދާޅުވި އެވެ.

ޑިމަކްރެޓިކް ރިޔާސީ ނިޒާމެއް ހިނގާ ގައުމެއްގައި ގާނޫނު ހަދާ މަޖިލިސް ހުއްޓިފައި އޮތުމަކީ މިއުވާން ވިދާޅުވި ގޮތުގައި ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ރާއްޖޭގެ ގާނޫނު އަސާސީންނާއި ރައްޔިތުންގެ މަޖިލީހުގެ ގާނޫނާއި ގަވައިދުތަކުން މަޖިލިސް ހުއްޓުމަކަށް ނުގެނެސް ކުރިއަށް ގެންދެވޭނެ ފުރުސަތު ދޭކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ފަރާތުން ވެސް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވެސް އަދި އާންމު ރައްޔިތުން ވެސް ދައްކަމުން ދިޔައީ އެވާހަކަ. އެވާހަކަ ގަބޫލު ނުކުރައްވާ އެހެނިހެން ވާހަކަތަކެއް އެބޭފުޅުން ދައްކަވަމުން ގެންދެވީ" މިއުވާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ދައުލަތުގެ ބާރުތައް މަސައްކަތް ކުރާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޔަގީންކުރައްވާނެ އެވެ.

"ނިމިގެން މިދިޔަ ހަފްތާގެ ތެރޭގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕާއި އެއްކޮށް ރައީސް ވެސް ވަނީ މަޝްވަރާ ކުރައްވާފައި. އެހެން ނަމަވެސް މިދެންނެވިހެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ބޭނުންފުޅުވީމަ ޖަލްސާ އެބަ ބޭއްވޭ." މިއުވާން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަތުމަށްފަހު މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓަން ނަޝީދު ހަވާލު ކުރެއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފަށެވެ. އެކަމަކު، އެގޮތަށް ކަނޑައަޅާ މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް ގަވާއިދުގައި ބުނެފައި އޮވެ އެވެ. އަފީފު ވަނީ އޭގެ ފަހުން ތިން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައިފަ އެވެ.

އެހެންވެ ރިޔާސަތާ ހަވާލުވާނެ މެމްބަރަކު ނެތުމުން މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށްފަހު ވިދިވިދިގެން ދެ ދުވަހު ޖަލްސާއެއް ނުބާއްވަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ފަށައިގެން މިހާރު ކުރިއަށްދާއިރު ގަވާއިދުގައި ބުނާ ގޮތުން މިއަދު ޗުއްޓީއަށް ދިޔުމުގެ ކުރިން ބައެއް މުހިންމު ކަންކަން ފާސް ކުރަން އެމްޑީޕީން އޮތީ ހުށަހަޅައިފަ އެވެ.

މިއަދު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނަޝީދު އެވެ. ޖަލްސާ ފަށްޓަވަމުން އެމަނިކުފާނު ވިދާޅުވީ ގޮތް ދޫކުރައްވައި މަޖިލީހުގެ ރިޔާސަތާ އަލުން ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ އުޒުރަށް ވުރެ ރައްޔިތުންގެ މަސްލަހަތު ބޮޑުވީމާ ކަމަށެވެ.

"އަޅުގަނޑު މިއަދު މިތަނުގައި ރިޔާސަތު ބަލަހައްޓަން މިއިނީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ އުޒުރުތަކަށް ވުރެން އަދި މާ މަތީ މަސްލަހަތެއް އަޅުގަނޑު އެބަ ހިފަހައްޓާން ޖެހޭ. އެއީ ދިވެހި ރައްޔިތުންގެ މަސްލަހަތު،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 54 މެންބަރުންގެ ސޮޔާއެކު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަ ހުށަހެޅީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އޭގެ ކުރިން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް މައްސަލަ އޮތީ ހުށަހަޅާފަ އެވެ.