އާކްރާ (ޖޫން 22) - ގާނާގެ ގަައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތް ފޯވަޑް އަސަމޯއާ ޖިއާން، ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.
ގާނާގެ ވެރިރަށް އާކްރާގައި މިއަދު އޮތް މީޑިއާ އިވެންޓެއްގައި ކުޅުން ހުއްޓާލިކަން ޖިއާން ،37، އިއުލާންކުރިއިރު އޭނާ ހުރީ ފެން ކަޅިވެފަ އެވެ. މި އިވެންޓްގައި ޖިއާންއާ އެކު، އައިވަރީ ކޯސްޓް އަދި ޗެލްސީގެ ލެޖެންޑް ޑިޑިއޭ ޑްރޮގްބާ ވެސް ބައިވެރިވި އެވެ.
"އެ ވަގުތު އައިސް ޖެހިއްޖެ. ރަސްމީކޮށް އަހަރެން ފުޓްބޯޅައިން މި ރިޓަޔާކުރީ،" ގާނާގެ ކުރީގެ ކެޕްޓަން ބުންޏެވެ.
"މިއީ ކޮންމެ ކުޅުންތެރިއަކަށްވެސް ކުރަން އުނދަގޫ ކަމެއް. އެކަމަކު މިއީ ކޮންމެ ކުޅުންތެރިއަކަށް ވެސް އަންނާނެ ދުވަހެއް."
ބީބީސީ އިން ހޮވާ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2010 ވަނަ އަހަރު ހޯދި ޖިއާން ގާނާގެ ގައުމީ ޓީމަށް 2003 ވަނަ އަހަރު ކުޅެން ފެށިއިރު އޭނާގެ އުމުރުން އެންމެ 17 އަހަރެވެ. ގައުމީ ޓީމަށް އޭނާ ކުޅުން ހުއްޓާލީ 2019 ވަނަ އަހަރެވެ. ޖިއާން ވަނީ ގައުމީ ޓީމަށް ކުޅުނު 109 މެޗުން 51 ލަނޑު ޖަހައިފައެވެ.
އެފްރިކާގެ ކަޕް އޮފް ނޭޝަންސްގެ ހަތް މުބާރާތުގައި ޖިއާން ގާނާގެ ޓީމަށް ކުޅުނެވެ. އޭގެ ތެރެއިން 2008 ވަނަ އަހަރު ތިން ވަނަ ހޯދިއިރު، 2010 އަދި 2015 ވަނަ އަހަރު ރަަނަރަޕް ހޯދިއެވެ.
ޖިއާން އަކީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ އެފްރިކާގެ ކުޅުންތެރިޔާއެވެ. ވޯލްޑް ކަޕްގައި އޭނާ ވަނީ ޖުމްލަ ހަ ލަނޑު ޖަހައިފައެވެ. އެކަމަކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ އިތުރު ވަގުތުގައި ގާނާ އަށް ލިބުނު ޕެނަލްޓީއެއް އޭނާ އަތުން ނާކާމިޔާބުވުމަކީ އޭނާގެ ކެރިއަރުގައި ކަޅު ދުވަހެކެވެ.
ކްލަބު ކެރިއަރުގައި އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ސަންޑަލޭންޑާއެކު ކުޅެފައެވެ. މީގެ އިތުރުން ފްރާންސްގެ ރެންސް އަދި އިޓަލީގެ އުދިނޭޒީ އަށް ކުޅުނެވެ.
Comment