Advertisement

އަލީ ރިޒާއަށް ކުރި ހިއުމަން ޓްރެފިކިން ދައުވާތައް ގެންދިއުމުން އެމެރިކާގެ ކަންބޮޑުވުން!

21 ޖޫން 2023 - 11:30 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އެމްޑީޕީގެ ޖަލްސާްއެއްގައި ވާހަކަދައްކަވަަނީ. އެމެރިކާއިން ބުނީ އޭނާއާ ދެކޮޅަށް ކުރި ދައުވާތައް ނެގުމަ


އަލީ ރިޒާއަށް ކުރި ހިއުމަން ޓްރެފިކިން ދައުވާތައް ގެންދިއުމުން އެމެރިކާގެ ކަންބޮޑުވުން!

21 ޖޫން 2023 - 11:30 0

ބ. ބޮޑު ފިނޮޅުގައި ރިސޯޓެއް ހަދަން ގެނައި ބިދޭސީންނާ މެދު އަމަލުކުރި ގޮތާ ގުޅުވައި، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާއަށް ކުރި، ހިއުމަން ޓްރެފިކިންގެ ކުށުގެ ދައުވާތައް އަނބުރާ ގެންގޮސްފައި ވާތީ އެމެރިކާ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރޭ "ޓްރެފިިކިން އިން ޕާސަންސް ރިޕޯޓް" ތަކުގެ ތެރެއިން މިއަހަރުގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ހިއުމަން ޓްރެފިކިންގެ ހުއްޓުވަން ކުރާ މަސައްކަތަށް ބަލައި ގައުމުތައް ކެޓަގަރައިޒް ކުރާ ކުރުމުގައި ރާއްޖެ އަދިވެސް އޮތީ "ޓާޔާ2" ގަ އެވެ. މިދިޔަ އަހަރު ވެސް އެ ކެޓަގަރީގައި އޮތުމަށް ފަހު ރާއްޖޭގެ ކެޓަގަރީއަށް ބަދަލެއް ނައި ސަބަބުތަކުގެ ތެރޭގައި ހިއުމަން ޓްރެފިކިން ޖަރީމާތައް ހިންގާާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ދެކޮޅަށް ދައުވާކޮށް ޝަރީއަތް ހިންގުމުގައި އަމަލުކުރާ ގޮތް ހިމެނެ އެވެ.

ޓަޔާ 2 ގައި ހިމެނޭ ގައުމުތަކަކީ ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވާ މީހުން ހިމާޔަތްކުރަން އެމެރިކާގައި 2000 ވަނަ އަހަރު ފާސްކުރި ގާނޫނުގައިވާ ކަންތައްތައް ފުރިހަމަ ނުވި ނަަމަވެސް އެކަމަށް މަސައްކަތް ކުރާ ގައުމުތަކެވެ. އެއަށް ވުރެ ހާލަތު ގޯސް ގައުމުތައް އޮންނަނީ ޓަޔާ 2 ވޮޗް ލިސްޓްގަ އެވެ. އެ ކެޓަގަރީގައި ވެސް ރާއްޖެ ކުރިން ހިމެނުނެވެ. ޓަޔާ2 އަށް ރާއްޖެ ބަދަލުވީ 2017 ވަނަ އަހަރު އެވެ.

ހިއުމަން ޓްރެކިން މައްސަލަތަކުގައި ދައުވާ ކުރުމުގައި ރާއްޖޭގެ ހުރި މައްސަލަތައް ފާހަގަކޮށް، ރިޕޯޓްގައި ވަކި ސުރުހީއެއްގެ ދަށުން ގެނެސްފައިވާ ބައިގައި އެއް މައްސަލައަކަށް އޮތީ ރިޒާއަށް ކުރި ދައުވާތައް ޕީޖީ އޮފީހުން އަނބުރާ ގެންދިއުމެވެ.

"ހަދަމުން އަންނަ ރިސޯޓެއްގައި ތިބި ބިދޭސީ 200 މަސައްކަތުގެ މީހުންގެ ތެރެއިން ދެ މީހަކަށް މުސާރަ ނުދީ، އެމީހުންނަށް ބިރުދައްކައިގެން ނަހަމަ ގޮތުގައި ބޭނުން ހިފުމުގެ [މަސައްކަތް ކުރުވުމުގެ] ތުހުމަތުގައި ކޮންސްޓްރަކްޝަން ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި، ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރަކާ ދެކޮޅަށް، މިދިޔަ ރިޕޯޓިން ޕީރިއަޑްގައި ކުރި ހިއުމަން ޓްރެފިކިން ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އަނބުރާ ގެންގޮސްފަ،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ރިޕޯޓްގައި ބުންޏެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "އަދަދު" އަށް ވިދާޅުވީ ރިޒާއާ ދެކޮޅަށް ކުރި ދައުވާ ރިވިއު ކުރުމަށް ފަހު، އެ ދަައުވާގައިވާ ކަންތައްތައް ސާބިތު ނުކުރެވޭނެތީ އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

"އެ މައްސަލާގައި ހެކިބަސް ދިން މީހުން [ބިދޭސީން] މިހާރު ރާއްޖޭގައި ނެތް،" ޝަފީއު ވިދާޅުވި އެވެ.

ރިޕޯޓްގައި އެ މައްސަލައާ ވިދިގެން ފާހަގަކޮށްފައި އޮތީ ސެކްސް ޓްރެފިކިންގެ ތުހުމަތަށް ހަމަ އެ މުއްދަތުގައި ހައްޔަރުކުރި ކަމަށް ބުނާ ފުލުހަކާ ދެކޮޅަށް ދައުވާ ނުުކުރި ކަމަށް ބުނާ މައްސަލަ އެކެވެ.

ކުރީގެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވި، ބޭފުޅަކު (އަޝްމަލީ) ސެކްސް ޓްރެފިކިން ރިންގެއްގައި ބައިވެރިވި ކަމުގެ ތުހުމަތަށް ލަންކާގައި ހައްޔަރުކުރި އިރު އޭނާއާ ދެކޮޅަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އެޅިކަމަށް ރިޕޯޓްކޮށްފައި ނުވާ ކަން ވެސް އެމެރިކާގެ ރިޕޯޓްގައި ފާހަގަކޮށްފައި ވެ އެވެ. އޭނާ މިވަގުތު ހުރީ ރާއްޖޭގަ އެވެ.