Advertisement

އީސީގެ ދެ މެމްބަރަކު ބޭނުންވަނީ ޑިމޮކްރެޓުންނަށް ހުއްދަ ދިނުން ތިން މަހަށް ދަންމާލަން

18 ޖޫން 2023 - 21:41 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އީސީއަށް ޑިމޮކްރެޓުންގެ މެމްބާޝިޕް ފޯމުތައް އެ ޕާޓީގެ މުއައްސިސް ހަވާލުކުރަނީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އީސީގެ ދެ މެމްބަރަކު ބޭނުންވަނީ ޑިމޮކްރެޓުންނަށް ހުއްދަ ދިނުން ތިން މަހަށް ދަންމާލަން

18 ޖޫން 2023 - 21:41 1

ވެރިކަންްކުރާ އެމްޑީޕީގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކަށް ފަހު އެޕާޓީގެ ކުރީ ސަފުގައި އުޅުއްވި ބޭފުޅުންްތަކެއް އިސްވެ އުފައްދާ "ދަ ޑިމޮކްރެޓްސް" ރެޖިސްޓްރީ ކުރުން ތިން މަހަށް ދަންމާލަން އިލެކްޝަންސް ކޮމިޝަނުގެ ދެ މެމްބަރުން ބޭނުންވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ޑިމެކްރެޓްސް އުފައްދަން ބޭނުންވާ 3000 ސޮޔާއަކު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޖޫން 1، ގަ އެވެ. މިއަދު އެ ޕާޓީން އެ ކޮމިޝަނަށް ދިޔައީ ޕާޓީ އުފައްދަން ބޭނުންވާ ހުއްދަ ލަސްވާތީ އެވެ. އަދި, އެ ތަނުން ނުކުންނާނީ ޕާޓީ އުފައްދަން ބާއްވަން ޖެހޭ ޖަލްސާއަށް ހުއްދަ ލިބުމުން ކަމަށް ވެސް ޑިމޮކްރެޓުން ބުންޏެވެ.

އެތަނުގައި ތިބި ޑިމޮކްރެޓުންނާ ވާހަކަ ދައްކަވަމުން ފުއާދު ވަނީ މިރޭ ބޭއްވި ބައްދަލުވުމުގައި އެ ޕާޓީ ރެޖިސްޓްރީ ކުރަން ފާސްނުވާކަން އަންގާފަ އެވެ. ހަތަރު މެމްބަރުން ބައިވެރިވިއިރު ރެޖިސްޓްރީ ކުރުމާ އެއްކޮށް ދެ މެމްބަރުން އަދި ދެ ކޮޅަށް ދެ މެމްބަރުން ވޯޓު ދިނެވެ. އެހެންކަމުން, ގާނޫނީ ގޮތުން ރެޖިސްޓްރީ ކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް ފުއާދު ވިދާޅުވި އެވެ.

"އެ ބޭފުޅުން ބޭނުންވާ ކަންތައްތަކެއްކޮށް ނުނިމޭ ކަމަށްވަނީ. އޭގެ އިތުރަށް އެބޭފުޅުން ތުހުމަތު ކުރައްވަނީ އަޅުގަނޑު މަސައްކަތް ކުރަނީ ނުފޫޒެއްގެ ދަށުގައި ކަމަށް. އެހެންވީމާ އެބޭފުޅުން ބޭނުންވަނީ ޗެކް ކުރަން ގާނޫނުން ތިން މަސް ލިބޭތީވެ އޭގެ ކުރިން އެބޭފުޅުން ބޭނުންފުޅުނުވާ ކަމަށް،" ފުއާދު ވިދާޅުވި އެވެ.

އެކަމަކު, އެއީ ކޮން މެމްބަރުންތަކެއްކަން ފުއާދު ހާމަކުރައްވާފައި ނުވެ އެވެ.

އީސީގެ ރައީސް މިހެން ވިދާޅުވިއިރު ރިޔާސީ އިންތިހާބަށް ބާކީ އޮތީ 83 ދުވަހެވެ. އަދި އިންތިހާބަށް ކުރިމަތިލުމާ މެދު އޮތީ މަދު ދުވަސްކޮޅެކެވެ. ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓަކު ހުންނާނެ ކަމަށް އެ ޕާޓީން އޮތީ އިއުލާނު ކޮށްފަ އެވެ.

ޕާޓީގެ ރެޖިސްޓްރޭޝަން ތިން މަހަށް ދަންމާލައިފި ހާލަތެއްގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެއްކޮށް ބަންދުވާނެ އެވެ.