Advertisement

ޒިޔަތުގެ ލެޕްޓޮޕާއި އަދީބުގެ ފޯނު ތަހުލީލުކުރި އޮފިސަރުގެ ހެކިބަސް ދީފި

13 ޖޫން 2023 - 17:28 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ައަދީބާއި ޒިޔަތު؛ ދެ މީހުންގެ މުވާސަލާތީ ޑިވައިސްތައް ތަހުލީލުކުރި އޮފިސަރުންގެ ހެކިބަސް ނަގައިފި


ޒިޔަތުގެ ލެޕްޓޮޕާއި އަދީބުގެ ފޯނު ތަހުލީލުކުރި އޮފިސަރުގެ ހެކިބަސް ދީފި

13 ޖޫން 2023 - 17:28 0

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ހިނގަމުން އަންނަ ޝަރީއަތަށް، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކުރި އޮފިސަރު އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނު ތަހުލީލުކުރި އޮފިސަރު ހެކިބަސް ދީފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެ މައްސަލާގައި އެމަނިކުފާނުގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.

ދައުލަތުން ހުށަހަޅާފައިވާ ހެކިން ހާޒިރުކޮށް ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ކުރިއަށްދާއިރު މިއަދު ހެކިބަސް އަދާކޮށްފައިވަނީ ޒިޔަތުގެ ލެޓްޕޮޓް ތަހުލީލުކުރި އޮފިސަރާއި، އަދީބުގެ ފޯނެއް ތަހުލީލުކޮށް އިތުރު ތިން ފޯނުގެ ޑޭޓާ އެނަލިލިސް ހަދާފައިވާ އޮފިސަރެކެވެ.

އަދީބުގެ ފޯނު ތަހުލީލުކުރި އޮފިސަރާ ދައުލަތުން ކުރަން ޖެހޭ ސުވާލުތައް ކޮށް ނިމުނުއިރު މިއަދަށް ޝަރީއަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ވަގުތު ވަނީ ހަމަވެފަ އެވެ. އެހެންވެ މައްސަލާގައި ދައުވާކޮށްފައިވާ ފަރާތްތަކުގެ ދިފާއީ ވަކީލުން ސުވާލުކުރުން މާދަމާ ކުރިއަށް ގެންދާ ގޮތަށް އަޑުއެހުން ނިންމާލި އެވެ.

އިއްޔެ ހެކިބަސް ދީފައިވަނީ އަދީބާއި ޒިޔަތެވެ. އެ ދެ މީހުންގެ ހެކިބަސް އެއް ދުވަހުން ނަގައި ނިންމުމަށް ހަސްމުން އެދޭތީ، އިއްޔެ ހެނދުނު ނުވައެއް ޖެހިއިރުން ފެށިގެން ރޭގަނޑު ދިހައެއް ޖަހަން ދެން ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދެ މީހުނާ ކުރަން ހުރި ސުވާލުތައްކޮށް ހެކިބަސް ނެގުން ނިންމާލާފައިވެ އެވެ.

މައްސަލައިގެ ފަސްފަހަތް؛

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.

އެގޮތުން, ލީކްކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.

ރިޒާގެ ނަމުގައި ބޭންކު އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަކުން ސަން ކޮންސްޓްރަކްޝަނަށް 1.1 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ މެއި 29، 2016 ގަ އެވެ. "އިންހައުސް ޓްރާންސްފާ" އެއް ގޮތަށް ސަން އިންވެސްޓްމަންޓުން ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރީ ޖޫން 7، 2016 ގަ އެވެ.

އަދި ހަމަ އެ ތާރީހުގައި އެ ފައިސާއަށް އަށްސަތޭކަ ޑޮލަރު އިތުރުކޮށްފައި އިސްލާމިކް ބޭންކުގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ.

ޔާމީނަށް ކުރިމަތިވެފައިވާ ހާލަތު؛

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަން އަރުވާފައިވާ ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ ހުކުމް ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފުކޮށްފަ އެވެ.

ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.

ޔާމީން މިނިވަންކުރުމަށް ގޮވާލައި، ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ގެންދަނީ ސިލްސިލާކޮށް ކޮންމެ ރެއަކު ވެސް މާލޭގެ މަގުތައް މަތީގައި މުޒާހަރާ ކުރަމުންނެވެ.