Advertisement

ފުއްގިރި ޑީލް ދިން އިންޑިއާ ވިޔަފާރިވެރިންގެ ރާއްޖޭގެ މަންދޫބަކީ ބޮންޑޭ: އަދީބު

12 ޖޫން 2023 - 21:01 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މެންބަރު އިބްރާހިމް ރަޝީދު، ބޮންޑެ: ފުއްގިރި ކުއްޔަށް ދިން އިންޑިއާ ކުންފުނީގެ ރާއްޖޭގެ ރެޕްރެޒެންޓިވްއަކީ ބޮންޑެ ކަމަށް އަދީބު ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ފުއްގިރި ޑީލް ދިން އިންޑިއާ ވިޔަފާރިވެރިންގެ ރާއްޖޭގެ މަންދޫބަކީ ބޮންޑޭ: އަދީބު

12 ޖޫން 2023 - 21:01 2

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ "ޑީލް" ހަމަޖައްސައިދިން އިންޑިއާގެ ވިޔަފާރިވެރިންގެ ރާއްޖޭގެ މަންދޫބެއްގެ ގޮތުގައި އުޅުއްވީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކަމަށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން ހިންގި އެ މުއާމަލާތުގެ މައްސަލާގައި އެމަނިކުފާނުގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ އެމްއެމްޕީއާރުސީ ހިޔާނާތް ހިންގުމުގައި އިސްވެ ތިއްބެވި ކަމަށް ޝަރީއަތަށް އެއްބަސްވެފައިވާ އޭރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި، އޭރު ޓުއަރިޒަމް މިނިސްޓަރު ކަމާއި ނައިބު ރައީސް ކަމުގައި ހުންނެވި އަދީބުގެ ހެކިބަސް ނެގުމެވެ.

އަދީބު ހެކިބަސް ދެއްވަމުން ވިދާޅުވި ގޮތުގައި، އެންމެ ފުރަތަމަ ދުބާއީ ކުންފުނި ހިންގަމުން ދިޔަ ބާރުގަދަ އިންޑިއާގެ ވިޔަފާރިވެރިންތަކާ ފުރަތަމަ ބައްދަލުކުރެއްވި އިރު އެ ބައްދަލުވުމުގައި މެންބަރު ރަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި މެންބަރު ރަޝީދު ބައިވެރިވެވަޑައިގަތީ ކޮން ހައިސިއްޔަތަކުންތޯ، ޔާމީންގެ ދިފާއީ ވަކީލު އާދަމް ޝަމީމް ސުވާލު ކުރެއްވި އެވެ. އެ ސުވާލުގެ ޖަވާބުގައި އަދީބު ވިދާޅުވީ ބޮންޑެ ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ ރާއްޖޭގެ ރެޕްރެޒެންޓެޓިވް ނުވަތަ މަންދޫބެއްގެ ގޮތުގައި ކަމަށެވެ.

އެ ބައްދަލުވުމުގައި ރަށުގެ އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި އެއްބަސްވި އަގަކީ 2.5 މިލިއަން ޑޮލަރެވެ. ނަމަވެސް ކްރިކް ރިޒާ މެދުވެރިކޮށް ފަހުން ގެންދިޔަ މަޝްވަރާތަކަށް ފަހު ހަތަރު ލައްކަ ޑޮލަރަށް ތިރިކުރަން ވެސް އެދުނު ކަމަށް އަދީބު ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭރު ވެސް ރ. އަތޮޅުގެ ގިނަ ރަށްރަށް މާ ބޮޑެތި އަގުތަކުގައި ކުއްޔަށް ދޫކޮށްފައިވަނީ އަދީބު ލަފާ ދެއްވީ 1.55 މިލިއަން ޑޮލަރަށް ކުއްޔަށް ދޫކުރުމަށެވެ. ފަހުން އެ ގޮތަށް އެއްބަސްވުމުގައި ސޮއިކުރީ ވެސް ޔާމީނަށް އެއިން ލިބޭ ކޮމިޝަން ލިބޭކަން ޔަގީންކުރެއްވުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

ދައުލަތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު މި ހިޔާނާތުގައި ބޮންޑޭގެ އެއްވެސް ބައިވެރިވުމެއް ނެތެވެ. ބޮންޑޭއަށް ލިބިފައި ހުރި މައުލޫމާތުތައް ހެކިބަހުގެ ގޮތުގައި އަދާކުރުމަށް ދައުލަތުން ވަނީ އޭނާ ހެކިވެރިޔެއްގެ ގޮތުގައި ހުށަހަޅާފަ އެވެ.

މައްސަލައިގެ ފަސްފަހަތް؛

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.

އެގޮތުން, ލީކްކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.

ދައުވާގައި ހިމެނޭ ކަންކަން؛

ރިޒާގެ ނަމުގައި ބޭންކު އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަކުން ސަން ކޮންސްޓްރަކްޝަނަށް 1.1 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ މެއި 29، 2016 ގަ އެވެ. "އިންހައުސް ޓްރާންސްފާ" އެއް ގޮތަށް ސަން އިންވެސްޓްމަންޓުން ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރީ ޖޫން 7، 2016 ގަ އެވެ.

އަދި ހަމަ އެ ތާރީހުގައި އެ ފައިސާއަށް އަށްސަތޭކަ ޑޮލަރު އިތުރުކޮށްފައި އިސްލާމިކް ބޭންކުގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ.