Advertisement

ގައުމީ ނެޓްބޯޅަ މުބާރާތް: ގްރީން ސްޓްރީޓްސް ބަލިކޮށް މި ފަހަރު ވެސް ޗެމްޕިއަންކަން ހޯދީ ކޭވައިއާރުސީ

12 ޖޫން 2023 - 06:34 0

ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކުލަބު (ކޭވައިއާރުސީ)ގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ގައުމީ ނެޓްބޯޅަ މުބާރާތް: ގްރީން ސްޓްރީޓްސް ބަލިކޮށް މި ފަހަރު ވެސް ޗެމްޕިއަންކަން ހޯދީ ކޭވައިއާރުސީ

12 ޖޫން 2023 - 06:34 0

ފައިނަލުގައި ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް ގައުމީ ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކުލަބު (ކޭވައިއާރުސީ) އިން ދިފާއުކޮށްފި އެވެ.

ފަސް ޓީމާ އެކު މި މަހުގެ ފަސް ވަނަ ދުވަހު ފެށި ފުރަތަމަ ޑިވިޝަންގެ ފައިނަލުން ގްރީން ސްޓްރީޓްސް އާއި ކޭވައިއާރުސީ ޖާގަ ހޯދީ ލީގު ބުރުގެ ގަދަ ދެ ޓީމްގެ ގޮތުގަ އެވެ.

މި އަހަރުގެ ފައިނަލުގައި ގްރީން އަތުން 66-59 އިން ކޭވައިއާރުސީ މޮޅުވިއިރު، މިދިޔަ އަހަރުވެސް ގައުމީ ފައިނަލުގައި ކޭވައިއާރުސީ އިން ވަނީ ގްރީން ބަލިކޮށްފަ އެވެ. އެ ފަހަރުގެ ފައިނަލުން ގްރީން ބަލިވީ 55-46 އިންނެވެ.

މާލޭ ކުޅިވަރު އެކުވެނީގައި ހުންނަ ސިންތެޓިކް ނެޓްބޯޅަ ކޯޓުގައި ކުޅުނު ފުރަތަމަ ގައުމީ ފައިނަލުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ގްރީން އޮތީ 14-18 އިން ކުރީގަ އެވެ. ނަމަވެސް ދެ ވަނަ ކުއާޓާގެ ފަހު ތިން މިނެޓުގައި ތަފާތު ދައްކައި، ކޭވައިއާރުސީ އިން ފަހަތުން އަރައި 33-32 އިން ލީޑު ނެގި އެވެ.

ގައުމީ ނެޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ގްރީން ސްޓްރީޓްސް އާއި ޔޫތު އެންޑް ރެކްރިއޭޝަން ކުލަބު (ކޭވައިއާރުސީ) ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ތިން ވަނަ ކުއާޓާގައި ގްރީނުން ހިތްވަރުކޮށް މެދުތެރެއިން ސްކޯ އެއްވަރުކުރި ނަމަވެސް އަނެއްކާވެސް ފަހުކޮޅު ތަފާތު ދައްކައި، މި ކުއާޓާ ނިންމާލިއިރު، ކޭވައިއާރުސީ އޮތީ 49-45 އިން ލީޑުގަ އެވެ. މި ލީޑު ދަމަހައްޓައި ގްރީނަށް ފުރުސަތު ނުދީ ކޭވައިއާރުސީ އިން ފަހު ކުއާޓާގައި އެއްވަރެއްގައި ކުޅުން ހިފެހެއްޓި އެވެ.

ފައިނަލު މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި ފުރަތަމަ ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކޭވައިއާރުސީގެ އައިޝަތު ސަލީމާ އެވެ.

ފުރަތަމަ ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައިވެސް އޭނާ ހިމެނެ އެވެ. އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ ކޭވައިއާރުސީގެ މަރިޔަމް ޝިނާއަތު، އެ ޓީމުގެ އާމިނަތު ފިރުޝާ، މަލަކް އިސްމާއިލް މުހައްމަދުގެ އިތުރުން ގްރީންގެ ލަޔާން އަލީ ރަޝީދު، އާމިނަތު ރީމް ޝާމް އަދި އާމިނަތު ނަޒުރާ އެވެ.

ފުރަތަމަ ޑިވިޝަންގެ އެންމެ މޮޅު ކޯޗަކީ ޗެމްޕިއަން ކޭވައިއާރުސީގެ ކޯޗު ނީޝާ ހަލީމް ހޮވުނުއިރު، އެންމެ އުއްމީދީ ކުޅުންތެރިއަކީ ސްޕޯޓްސް ކުލަބު ޝައިނިން ސްޓާގެ އައިޝަތު ޝާޔާ ފަސާހު އެވެ.

ގައުމީ ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ކުރިން ދެ ވަނަ ޑިވިޝަންގެ ކުޅުން މި މަހުގެ ކުރީކޮޅު ވަނީ ނިމިފަ އެވެ. ކުލަބު މެޓްރިކްސް ބަލިކޮށް ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އެމްވީ ނެޓާސް އެވެ.

ގައުމީ ނެޓްބޯޅަ މުބާރާތަށްފަހު ދެން އޮތް ސީނިއާ މުބާރާތަކީ އަންނަ އޮގަސްޓް މަހުގެ 8-22 އަށް އޮންނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕެވެ. އޭގެ ފަހުން، ޖޫނިއާ ނެޓްބޯޅަ ޗެމްޕިއަންޝިޕާއި އިންޓަ ސްކޫލް މުބާރާތްވެސް މި އަހަރު އޮންނާނެ އެވެ.