Advertisement

ގައުމީ ނެޓްބޯޅަ މުބާރާތް: ފައިނަލުގައި ގްރީން އާއި ކޭވައިއާރުސީ

11 ޖޫން 2023 - 13:02 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ގައުމީ ނެޓްބޯޅަ މުބާރާތުގެ ލީގު ބުރުގައި ކުލަބު ގްރީން ސްޓްރީޓްސް ވާދަކުރި މެޗެއްގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު


ގައުމީ ނެޓްބޯޅަ މުބާރާތް: ފައިނަލުގައި ގްރީން އާއި ކޭވައިއާރުސީ

11 ޖޫން 2023 - 13:02 0

ގައުމީ ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފައިނަލުން ކުލަބު ގްރީން ސްޓްރީޓްސް އާއި ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކުލަބު (ކޭވައިއާރުސީ) ޖާގަ ހޯދައިފި އެވެ.

ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ކުޅުން ފެށީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. ފަސް ޓީމާ އެކު ކުރިއަށްދިޔަ ފުރަތަމަ ޑިވިޝަންގެ ފައިނަލުން ގްރީން އާއި ކޭވައިއާރުސީ ޖާގަ ހޯދީ ލީގު ބުރުގެ ގަދަ ދެ ޓީމުގެ ގޮތުގަ އެވެ.

ލީގު ބުރުގެ އެއް ވަނަ ހޯދީ ގްރީން ސްޓްރީޓްސް އެވެ. އެ ޓީމުން ވަނީ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށްފަ އެވެ. ފުރަތަމަ މެޗުގައި މަހިބަދޫ ސްޕޯޓްސް ކުލަބު އަތުން 69-15 އިން މޮޅުވިއިރު ދެ ވަނަ މެޗުގައި ސްޕޯޓްސް ކުލަބު ޝައިނިން ސްޓާ އަތުން މޮޅުވީ 63-36 އިންނެވެ. މި ދެ މެެޗުގެ ވެސް މޮޅު ކުޅުންތެރިއަކީ ގްރީންގެ ގޯލް އެޓޭކް ލަޔާން އަލީ ރަޝީދު އެވެ.

ތިން ވަނަ މެޗުގައި ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކުލަބު އަތުން 86-14 އިން މޮޅުވިއިރު މި މެޗުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ލަޔާން އެވެ. ލީގު ބުރުގެ އެއްވަނަ ކަނޑައަޅަން ކުޅެން އޮތް މެޗު ކޭވައިއާރުސީއިން ދޫކޮށްލުމުން އެ މެޗުން ވެސް ގްރީން މޮޅުވީ އެވެ.

ލީގު ބުރުގެ ދެ ވަނަ ލިބުނު ކޭވައިއާރުސީ އިން ވަނީ ގްރީން މެޗު ފިޔަވައި އަނެއް ތިން މެޗުން މޮޅުވެފަ އެވެ. ފުރަތަމަ މެޗުގައި ޝައިނިން ސްޓާ އަތުން 68-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އެ ޓީމުގެ ވިންގް އެޓޭކް މަރިޔަމް ޝިނާ'އަތު އެވެ. ދެ ވަނަ މެޗުގައި ޔޫތު ޔުނައިޓެޑް އަތުން މޮޅުވީ 106-4 އިންނެވެ. މިއީ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ތަފާތު ބޮޑު ސްކޯ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އެ ޓީމުގެ ގޯލް ޝޫޓަރު އައިޝަތު ސަލީމާ އެވެ.

ލީގު ބުރުގެ ތިން ވަނަ މެޗުގައި މަހިބަދޫ އަތުން 67-13 އިން ކޭވައިއާރުސީ މޮޅުވިއިރު މި މެޗުގެ ވެސް މޮޅު ކުޅުންތެރިއަކީ ސަލީމާ އެވެ.

ފުރަތަމަ ޑިވިޝަންގެ ފައިނަލް މިރޭ ކުޅޭއިރު މި މުބާރާތުގެ ދެ ވަނަ ޑިވިޝަންގެ ކުޅުން މިދިޔަ ހަފްތާގައި ވަނީ ނިމިފަ އެވެ. މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކުޅުނު ދެ ވަނަ ޑިވިޝަންގެ ފައިނަލު މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ އެމްވީ ނެޓާސް އެވެ.