12 ޖޫން 2023 - 11:37 0
ރައްޔާން މުހައްމަދު
ނެޓްފްލިކްސްގެ ބޮޑު ބަދަލުގެ ހަގީގީ ނަތީޖާ ދެނެގަތުމަށް އަދި އެތައް މަހެއް ނަގާނެ ނަމަވެސް، ފުރަތަމަ މޭވާ ދައްކަނީ ފޮނިކަމަށެވެ. އާއިލާއާއި ރަހުމަތްތެރިންނަށް އެކައުންޓް ޝެއާކުރާ 100 މިލިއަނަށް ވުރެ ގިނަ ޔޫޒަރުން ނެޓްފްލިކްސްގައި ހިމެނޭ
12 ޖޫން 2023 - 11:37 0
ނެޓްފްލިކްސް އެކައުންޓް ޝެއާކުރުމުގެ ނިޒާމަށް ބަދަލު ގެނެސް އެޅި ހުރަސްތަކާ އެކު, އެ ޕްލެޓްފޯމަށް ސައިން އަޕްވާ މީހުންގެ އަދަދު އިތުރުވެއްޖެ އެވެ.
ކުރިން އިއުލާނު ކޮށްފައިވާ ބަދަލުތައް އެމެރިކާގައި މިހާރުވަނީ ތަންފީޒު ކުރަން ފަށައިފަ އެވެ. މި ބަދަލުތަކާ އެކު ނެޓްފްލިކްސްއަށް ދުވާލެއްގެ މައްޗަށް ސައިން އަޕްވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.
އެމެރިކާގައި މި ބަދަލުތައް ތަންފީޒުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 23 ގަ އެވެ. ޑޭޓާ ރިސާޗް ފާމް "އެންޓަނާ" ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މޭ 26 އަދި 27 ގައި ދުވާލަކު ލައްކައެއްހާ މީހުން ވަނީ ނެޓްފްލިކްސް އަށް ސައިން އަޕް ވެފަ އެވެ.
ބަދަލުތައް ގެނައި ފަހުން ކޮންމެ ދުވަހަކު ގާތްގަނޑަކަށް 73،000 މީހުން އެ ޕްލެޓްފޯމަށް ސައިން އަޕް ވެފައިވާ ކަމަށް އެންޓަނާގެ ހިސާބުތަކުން ދައްކަ އެވެ. މިއީ އޭގެ ކުރީ ދެ މަހުގެ އެވެރެޖްއާ އަޅާބަލާ އިރު 102 އިންސައްތަ އިތުރު އަދަދެކެވެ.
އެއް އެކައުންޓެއް އެތައް ބަޔަކަށް ބޭނުންކުރެވުމަކީ ނެޓްފްލިކްސް އިން މީގެކުރިން އެކަމަކާމެދު ފަހުރުވެރިވި ކަމެކެވެ. ނަމަވެސް ސްޓްރީމިން ޕްލެޓްފޯމްތައް އިތުރުވެ، ގިނަ ބަޔަކު ނެޓްފްލިކްސް ދޫކޮށްލަން ފެށުމުން އެކުންފުނީގެ އާމްދަނީ ވަނީ ދަށަށް ދާން ފަށާފަ އެވެ.
އެކައުންޓް ޝެއާރިންއަށް ގެނައި ބަދަލުތަކަކީ މި ސަބަބާއި ހުރެ އާމްދަނީ އިތުރުކުރަން އެކުންފުނިން ކުރާ މަސައްކަތްތަކުގެ ބައެކެވެ. އެގޮތުން ނެޓްފްލިކްސް އިން ވަނީ އިތުރުކުރާ ކޮންމެ ޔޫޒާ އަކަށް 8 ޑޮލަރު ނެގުމަށް ނިންމައިފަ އެވެ.
ނެޓްފްލިކްސް އިން ގެންނަން ނިންމި ބަދަލުތަކާ އެކު ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އެ ކުންފުންޏަށް އަމާޒުވެފަ އެވެ. އަދި, މިކަމާހުރެ ގިނަ ބަޔަކު ވަނީ ޕްލެޓްފޯމް ދޫކޮށްލާފަވެސް މެ އެވެ. އެގޮތުން ކުރީ ދެމަހާ އަޅާބަލާއިރު ދުވާލަކު އެކައުންޓް ކެންސަލް ކޮށްލާ މީހުންގެ އަދަދު ވަނީ 25 އިންސައްތަ އިތުރުވެފައިކަމަށް އެންޓަނާގެ ދިރާސާތަކުން ދައްކަ އެވެ.
ނެޓްފްލިކްސްގެ ބޮޑު ބަދަލުގެ ހަގީގީ ނަތީޖާ ދެނެގަތުމަށް އަދި އެތައް މަހެއް ނަގާނެ ނަމަވެސް، ފުރަތަމަ މޭވާ ދައްކަނީ ފޮނިކަމަށެވެ. އާއިލާއާއި ރަހުމަތްތެރިންނަށް އެކައުންޓް ޝެއާކުރާ 100 މިލިއަނަށް ވުރެ ގިނަ ޔޫޒަރުން ނެޓްފްލިކްސްގައި ހިމެނެ އެވެ.
Comment