Advertisement

އަލްކަރާޒް ކަޓުވާލައި ޖޮކޮވިޗް ފްރެންޗް އޯޕަން ފައިނަލަށް

10 ޖޫން 2023 - 10:56 0


އަލްކަރާޒް ކަޓުވާލައި ޖޮކޮވިޗް ފްރެންޗް އޯޕަން ފައިނަލަށް

10 ޖޫން 2023 - 10:56 0

ޕެރިސް (ޖޫން 10) - ފްރެންޗް އޯޕަން ސެމީ ފައިނަލުގައި އިއްޔެ ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ސްޕެއިނުގެ ކާލޯސް އަލްކަރާޒް ބަލިކޮށް، ސާބިއާގެ ނޮވަކް ޖޮކޮވިޗް ހަތް ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މާދަމާ ކުޅޭ ފައިނަލުގައި ޖޮކޮވިޗް ބައްދަލުކުރާނީ ނޯވޭގެ ކެސްޕާ ރޫޑްއާ އެވެ. ހަތަރު ވަނަ އަށް ސީޑްކޮށްފައިވާ ރޫޑް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް އަތުން 6-3 6-4 6-0 އިން މޮޅުވެގެންނެވެ. މިއީ، ރޫޑް، ގްރޭންޑް ސްލޭމްގެ ފައިނަލެއްގައި ކުޅޭ ތިން ވަނަ ފަހަރެވެ. މީގެ ކުރިން، ރަފައެލް ނަޑާލް އަތުން ފްރެންޗް އޯޕަން ފައިނަލެއްގައި އަދި އަލްކަރާޒް އަތުން ޔޫއެސް އޯޕަން ފައިނަލެއްގައި ވަނީ ބަލިވެފަ އެވެ.

އަލްކަރާޒް އަތުން ޖޮކޮވިޗް މޮޅުވީ 6-3 5-7 6-1 6-1 އިން ސެޓުތައް ގެންގޮސްގެންނެވެ. މި މެޗުގައި އަލްކަރާޒް އަށް އެކި ފަހަރުމަތިން އަނިޔާވެގެން ފަރުވާ ދީފައިވެ އެވެ. މެޗަށް ފަހު ދިން އިންޓަވިއުއެއްގައި އަލްކަރާޒް ބުނީ ފިޒިކަލީ އަދި މެންޓަލީ މެޗެއްގެ ތެރެއިން މި ވަރުގެ ޕްރެޝަރަކާ ކުރިމަތިނުލާ ކަމަށެވެ.

އިއްޔެގެ މެޗުގެ ތެރެއިން ސްޕެއިނުގެ އަލްކަރާޒް: އަނިޔާވެގެން ފަރުވާދޭން ޖެހުނުއިރު، މެޗުގައި ޕްރެޝަރުގައި ގޯސްތަކެއް ހަދާފައިވޭ.--- ފޮޓޯ: އޭއެފްޕީ


އިއްޔެ މެޗު ކުޅުނުއިރު، ޕެރިހުގެ ހޫނުމިން ހުރީ 33 ޑިގްރީ ސެލްސިއަސްގަ އެވެ. އެ ހޫނުގައި ކުޅެން ޖެހުނުއިރު، އަލްކަރާޒަކީ ޖޮކޮވިޗަށް ވުރެ 16 އަހަރު ހަގު ކުޅުންތެރިއެއް ކަމަށްވާތީ ޕްރެޝަރުގައި ކުޅެން ޖެހުމުން އަލްކަރާޒް އަތުން މުހިންމު ވަގުތުތަކުގައި ގޯސްތަކެއް ހެދިގެންދިޔަ އެވެ.

"ވަރަށް ދެރަ ގޮތަކަށް އަލްކަރާޒަށް މި ދިމާވީ. ޕްރެޝަރުގައި ކުޅެން ޖެހޭއިރު އެންމެ އުނދަގޫވާނީ އަނިޔާވީމަ، އަހަރެން އުންމީދަކީ އަލްކަރާޒް ކުރިއަށް ވުރެ ވަރުގަދަކޮށް އެނބުރި އައުން،" 2016 އާއި 2021 ވަނަ އަހަރު ފްރެންޗް އޯޕަން ކާމިޔާބުކުރި ޖޮކޮވިޗް ބުންޏެވެ.

މި ފަހަރުގެ ފްރެންޗް އޯޕަން ކާމިޔާބުކޮށްފިނަަމަ، ޖޮކޮވިޗަށް 23 ވަނަ ގްރޭންޑް ސްލޭމް ހަމަކޮށް، އެންމެ ގިނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބު ކުރުމުގެ ރެކޯޑް ގާއިމްކުރެވޭނެ އެވެ. މި ވަގުތު ނަޑާލާއި ޖޮކޮވިޗް ކޮންމެ ކުޅުންތެރިއަކު އޮތީ 22 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްގެން އެއްވަރުވެފަ އެވެ. ފްރެންޗް އޯޕަން ފައިނަލަކީ ޖޮކޮވިޗްގެ 34 ވަނަ ގްރޭންޑް ސްލޭމް ފައިނަލެވެ.