8 ޖޫން 2023 - 08:41 0
އިސްމާއީލް އަޒްމީން
8 ޖޫން 2023 - 08:41 0
އޭއެފްސީ ކުލަބު ލައިސެންސް ނުލިބުމުގެ ސަބަބުން ނޭޕާލްގެ ގައުމީ ލީގު ޗެމްޕިއަން ޗާޗް ބޯއީސް ޔުނައިޓެޑް އަށް އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.
މި އަހަރުގެ އޭއެފްސީ ކަޕްގައި ނޭޕާލްގެ ޗެމްޕިއަން ޓީމް ވާދަކުރާނީ ޕްރިލިމިނަރީ ޕްލޭއޮފް ބުރުގަ އެވެ. ކޮލިފައިންގައި ނޭޕާލްގެ އިތުރުން ޕާކިސްތާން ލީގު ޗެމްޕިއަން، ވަޕްދާ ލާހޯރު ފުޓްބޯޅަ ކުލަބު، ސްރީ ލަންކާގެ ލީގުގެ ޗެމްޕިއަން، ބްލޫ ސްޓާ، ބޫޓާންގެ ލީގު ޗެމްޕިއަން ޕަރޯ އެފްސީގެ އިތުރުން ރާއްޖޭގެ ލީގުގެ ދެ ވަނަ ކުލަބު އީގަލްސް އާއި އިންޑިއާގެ ގަދަ ބާރު މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޑާކާ މުހައްމަދޭން ވާދަކުރާނެ އެވެ.
އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ވިޔަސް ނުވަތަ ގްރޫޕް ސްޓޭޖުގައި ވާދަކުރަން ވިޔަސް ކޮންމެ ކުލަބަކުން ކުލަބު ލައިސެންސިންގެ ކަންކަން ފުރިހަމަކުރަން ޖެހެ އެވެ.
އެހެން ގައުމުތަކާ ހިލާފަށް ނޭޕާލްގެ ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ކުލަބުތަކުން ކުލަބު ލައިސެންސިންގެ ކަންކަން ފުރިހަމަކުރުން މަޖުބޫރެއް ނޫނެވެ.
ނޭޕާލްގެ ފުރަތަމަ ޑިވިޝަންގައި ވާދަކުރާ 14 ކުލަބުގެ ތެރެއިން މި އަހަރު އޭއެފްސީ ކުލަބު ލައިސެންސް ލިބުނީ ތިން ކުލަބަކަށެވެ. އެއީ ލީގުގެ މިދިޔަ އަހަރުގެ ޗެމްޕިއަން އަދި މި އަހަރުގެ ދެ ވަނަ މަޗިންދުރަ ފުޓްބޯޅަ ކުލަބާއި ޓްރިބުވަން އާމީ ފުޓްބޯޅަ ކުލަބުގެ އިތުރުން އޭޕީއެފް ފުޓްބޯޅަ ކުލަބެވެ.
ލީގުގެ ޗެމްޕިއަން ޗާޗު ބޯއީސް ޔުނައިޓެޑަށް އޭއެފްސީގެ މުބާރާތްތަކުގައި ވާދަ ނުކުރެވޭނެ އެވެ. އެ ޓީމުގެ ބަދަލުގައި އޭއެފްސީ ކަޕްގައި ވާދަކުރާނެ ކަމަށް ބެލެވެނީ މަޗިންދުރަ ޔުނައިޓެޑެވެ. ލީގުގެ ފަހު މެޗުތައް އަންނަ ހުކުރު/ހޮނިހިރު ދުވަހު ކުޅޭއިރު ލީގުގެ ދެވަނަ ހޯދުމުގެ ފުރުސަތު ތިން ޓީމަކަށް އެބައޮތެވެ. އޭގެ ތެރެއިން އެއް ޓީމަކީ މަޗިންދުރަ ޔުނައިޓެޑެވެ. އަނެއް ދެ ޓީމަށްވެސް ކުލަބު ލައިސަންސް ލިބިފައި ނުވާތީ މަޗިންދުރައަށް އޭއެފްސީ ކަޕްގެ ކޮލިފައިން ޖާގަ ލިބޭނެކަމަށް ވަނީ ބެލެވިފަ އެވެ.
Comment