24 އޮކްޓޯބަރު 2023 - 19:22 1
މާޒިޔާ އާއި އޮޑިޝާ ބައްދަލުކުރި މެޗެއްގެ ތެރެއިން.--- ފޮޓޯ: އޭއެފްސީ
24 އޮކްޓޯބަރު 2023 - 19:22 1
އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މިރޭ ކުޅުނު މެޗުން އިންޑިއާގެ އޮޑިޝާ އެފްސީން 6-1 އިން ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްފި އެވެ.
މިއީ، މި ފަހަރުގެ އޭއެފްސީ ކަޕްގައި އޮޑިޝާ އިން ހޯދި ފުރަތަމަ މޮޅެވެ. މާޒިޔާ އިން ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން މޮޅުވި ނަމަވެސް ދެން ކުޅުނު ދެ މެޗުން މި ވަނީ ރަށުންބޭރުގައި މޯހަން ބަގާން ސުޕަ ޖަޔަންޓްސް އާއި އޮޑިޝާ އަތުން ބަލިވެފަ އެވެ. މޯހަން ބަގާން އަތުން ބަލިވީ 2-1 އިންނެވެ.
ގްރޫޕް ޑީގެ ތާވަލަށް ބަލާއިރު، މޯހަން ބަގާން ދެ މެޗުން ހަ ޕޮއިންޓާ އެކު އޮތީ އެއް ވަނައިގަ އެވެ. ދެން އޮތް ތިން ޓީމަށް ވެސް މި ވަގުތު ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ލަނޑުގެ ތަފާތަށް ބަލާއިރު، ދެ ވަނައިގައި އޮޑިޝާ އޮތްއިރު، ތިން ވަނައިގައި އޮތީ ބަޝުންދަރާ އެވެ. މާޒިޔާ އޮތީ ފުލުގަ އެވެ.
ބުބަނޭޝްވަރު ސިޓީގެ ކަލިންގާ ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި އޮޑިޝާ އިން ލީޑުނެގި އެވެ. ކޯނަރެއްގައި އޭރިއާތެރެއިން ހުސްކޮށް ލިބުނު ބޯޅައަކުން މި ގޯލު ޖެހީ ޕުޓެއާ އެެވެ. މާޒިޔާ އިން ކުރިއަށް ޖެހިގެން ކުރި މަސައްކަތުގައި މެޗުގެ 13 ވަނަ މިނިޓްގައި ލަނޑެއް ޖަހައި، އެއްވަރުކުރި އެވެ. މި ލަނޑު ޖެހީ ސާބިއާގެ ޑިފެންޑަރު، ބްރަނިމީރް ޖޮސިޗް އެވެ.
މާޒިޔާ އިން އެއްވަރުކުރިތާ މާގިނައިރެއްނުވެ، ގާތްގާތުގައި ދެ ގޯލު ޖަހައި، އޮޑިޝާ އިން ލީޑުފުޅާކުރި އެވެ. އެ ގޮތުން، އޮޑިޝާ އިން ދެ ވަނަ ފަހަރަށް ލީޑުނެގީ، މެޗުގެ 15 ވަނަ މިނިޓްގައި ކާލޯސް ޑެލްގާޑޯ އެވެ. އޭގެ ހަތަރު މިނިޓް ފަހުން، އޮޑިޝާގެ ތިން ވަނަ ގޯލު ޖެހީ، އެ ޓީމުގެ ފަހަތަށް ކުޅޭ މޯޓަޑާ ފޯލް އެވެ.
މާޒިޔާގެ ފަހަތުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ މި މެޗުގައި، އޮޑިޝާ އިން ވަނީ ދެ ވަނަ ހާފުގައި އިތުުރު ތިން ގޯލު ޖަހައިފަ އެެވެ. އެ ލަނޑުތައް ޖެހީ އަމޭ ރަނަވާޑޭ، އިސާކް ވަންލަލްރުއާޓްފެލާ އަދި ސާހިލް ޕާންވާރު އެވެ.
މި ނަތީޖާއާ އެކު، މާޒިޔާ އަށް ގްރޫޕްގެ އެއް ވަނަ ހޯދައިގެން އަނެއް ބުރަށް ދިއުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވީ އެވެ.
Comment