Advertisement

އިންޑިއާ ޓީމުތަކާ ކުޅެން އުނދަގޫވިޔަސް މޮޅުވެވޭނެ: ސަމޫހު

24 އޮކްޓޯބަރު 2023 - 09:01 0


އިންޑިއާ ޓީމުތަކާ ކުޅެން އުނދަގޫވިޔަސް މޮޅުވެވޭނެ: ސަމޫހު

24 އޮކްޓޯބަރު 2023 - 09:01 0

އިންޑިއާގެ ޓީމުތަކާ ކުޅެން އުނދަގޫ ކަމަށާއި އެެހެން ނަމަވެސް ރަނގަޅަށް މަސައްކަތް ކޮށްފިނަމަ މޮޅުވެވޭނެ ކަމަށް، އޭއެފްސީ ކަޕްގައި މިއަދު ހަވީރު އިންޑިއާގެ އޮޑިޝާ އެފްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) ބުނެފި އެވެ.

މާޒިޔާ އިން އޭއެފްސީ ކަޕްގައި މި ފަހަރު ކުޅުނު ފުރަތަމަ މެޗުން މާލޭގައި ބަޝުންދަރާ އަތުން ވަނީ 3-1 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުން ކަލްކަތާގައި މޯހަން ބަގާން އިން ވަނީ ފަހު ވަގުތު ގޯލު ޖަހައި، 2-1 އިން މާޒިޔާ ބަލިކޮށްފަ އެވެ.

އޭއެފްސީ ކަޕްގައި މި ފަހަރު މާޒިޔާ އިން ކުޅުނު ދެ މެޗުގައި ސަމުއްޓެ އަށް އަނިޔާގެ ސަބަބުން ނުކުޅެވުނެވެ. އަދި ގައުމީ ފުޓްބޯޅަ ޓީމު ވޯލްޑް ކަޕް ކޮލިފައިންގައި ބަންގްލަދޭޝާ ކުޅުނު ދެ މެޗުގައި ވެސް ސަމުއްޓެ ނެތެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ މި ވަގުތުގެ ތާވަލަށް ބަލާއިރު، ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު، މޯހަން ބަގާން އެއް ވަނައިގައި އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ބަޝުންދަރާ ކިންގްސް އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އޮޑިޝާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

އޮޑިޝާ އިން މި ފަހަރުގެ އޭއެފްސީ ކަޕްގައި ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

އިންޑިއާގެ ބުބަނޭޝްވަރުގައި މިއަދު ހަވީރު އޮޑިޝާއާ ދެކޮޅަށް މާޒިޔާ އިން ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަމުއްޓެ ބުނީ އޮޑިޝާ މެޗު ފަސޭހަ ނުވާނެކަން އެނގޭ ކަމަށެވެ.

"އޮޑިޝާ އަކީ ވަރަށް އުނދަގޫ ޓީމެއްކަން އެނގޭ. އަހަރެމެން މަސައްކަތް ކުރާނަން ވީ އެންމެ ރަނގަޅަކަށް މި މެޗުން މޮޅުވާން،" ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ އިތުބާރު ޑިފެންޑަރު، ސަމުއްޓެ ބުންޏެވެ.

"އިންޑިއާ ޓީމުތައް ވަރަށް ޓަފް، ވަރަށް އުނދަގޫ ކުޅެން ވެސް، ދެން ރާއްޖޭގެ ކުޅުންތެރިން މާޒިޔާގައި މި ތިބި ކުޅުންތެރިން ވީ ވަރަކަށް މަސައްކަތް ކުރާނަން،"

ބުބަނޭޝްވަރުގެ ކަލިންގާ ސްޓޭޑިއަމްގައި މާދަމާ ހަވީރު މާޒިޔާ އާއި އޮޑިޝާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 17:00 ގަ އެވެ.