އޭއެފްސީ ކަޕްގެ ގުރޫޕް ޑީގެ ފަހު މެޗުގައި ރޭ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން 1-0 އިން އަމިއްލަ ދަނޑުގައި މޮޅުވެ، އިންޑިއާގެ އޮޑީޝާ މުބާރާތުގެ އިންޓަ ޒޯނަލް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މި މެޗަށް ނިކުތްއިރު، ގުރޫޕް ޑީގެ އެއް ވަނައިގައި އޮތީ ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ބަޝުންދަރާ އެވެ. ރޭގެ މެޗުން ޕޮއިންޓެއް ހޯދައިގެންވެސް، ބަޝުންދަރާ އަށް އިންޓަ ޒޯނަލް ސެމީގެ ޖާގައެއް ލިބެން އޮތެވެ.
ހަމަހަމަ ކުޅުމެއް ފުރަތަމަ ހާފުގައި ފެނިގެންދިޔަ ނަމަވެސް، މެޗު އޮޑީޝާ ކޮޅަށް ބުރަވެގެންދިޔައީ ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް ބަޝުންދަރާގެ އުޒްބެކިސްތާން މިޑްފީލްޑަރު އަސޯރް ގަފުރޯފް އަށް ރަތް ކާޑު ދެއްކުމުންނެވެ.
މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 61 ވަނަ މިނިޓުގައި އޮޑީޝާ އަށް ކާމިޔާބުކޮށްދިނީ ސެނެގާލްގެ ޑިފެންޑަރު މުރުތަޑާ ފޯލް އެވެ. ކޯނަރަކުން ބަޝުންދަރާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް އޮޑީޝާގެ މިޑްފީލްޑަރު އަހްމަދު ޖަހޫހް ހުރަސްކޮށްލި ބޯޅަ ފޯލް ގޯލަށް އަމާޒުކޮށްލީ ބޮޮލުންނެވެ.
މުބާރާތުގެ ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް، އޮޑީޝާ ވަނީ ފޯމަކަށް އެޅި، ދެން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ.
އޭއެފްސީ ކަޕްގައި ވާދަކުރި ފުރަތަމަ ފަހަރު، އޮޑިޝާ މުބާރާތުގެ އިންޓަ ޒޯނަލް ސެމީ ފައިނަލަށް ދަތުރުކުރީ 12 ޕޮއިންޓާ އެކު ގުރޫޕް ޑީގެ އެއް ވަނަ ހޯދައިގެނެވެ. ބަޝުންދަރާ ގުރޫޕް ނިންމާލީ 10 ޕޮއިންޓާއެކު އެވެ. އިންޑިއާގެ މޯހަން ބަގާން ސުޕަ ޖަޔަންޓްސް ހަތް ޕޮއިންޓާ އެކު ތިން ވަނައިގައި މުބާރާތް ނިންމާލިއިރު، ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ލިބުނީ ހަ ޕޮއިންޓެވެ.
މެޗަށް ފަހު ވާހަކަދައްކަމުން އޮޑީޝާގެ ކޯޗު ސާޖިއޯ ލޮބޭރާ ބުނީ އޭއެފްސީ ކަޕްގެ އިންޓަ ޒޯނަލް ސެމީ އަށް ދަތުރުކުރުމަކީ އޮޑީޝާގެ ތާރީހުގައި ފާހަގަކޮށްލެވޭނެ ކާމިޔާބެއް ކަމަށެވެ.
"މިއީ ޓީމުގެ ކުޅުންތެރިންނާއި ކޯޗުންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ. މިފަދަ މުބާރާތެއްގައި އިންޑިއާ ތަމްސީލުކޮށް، މިފަދަ ކާމިޔާބެއް ހޯދުމަކީ މުޅި ޓީމަށްވެސް ލިބޭ ފަހުރެއް،" ލޮބޭރާ ބުންޏެވެ.
ބަޝުންދަރާގެ ކޯޗު އޮސްކާ ބްރުޒޮން ވަނީ މި މެޗުގެ ރެފްރީގެ ނިންމުންތަކާ މެދު ނުރުހުންފާޅުކޮށްފަ އެވެ.
Comment