6 ޖޫން 2023 - 21:14 0
މުހައްމަދު ޝަހްޒާން
6 ޖޫން 2023 - 21:14 0
އެންމެ އިހު ޒަމާނުއްސުރެ ވެސް ހުރިހާ ކަމެއްގައި ހެން ދިވެހީން ބަރޯސާވަމުން އައީ ކަނޑަށެވެ. ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ 97 އިންސައްތައަކީ ކަނޑުކަމަށް ވުމުން، ބަދަލުވި ޒަމާނާ އެކު ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވުންވީ ކަނޑަށް ބަރޯސާ ވާންޖެހޭ މިންވަރު އިތުރުވި ސަބަބަކަށެވެ.
ޒަމާނާ އެކު ރާއްޖޭގެ އިގުތިސާދު ފުޅާކޮށް ކުރިއެރުވުމުގައި ކަނޑު ދަތުރުފަތުރު އިތުރަށް ފުޅާ ކުރާން ޖެހިފައި އޮތް ނަމަވެސް ކަނޑު އުޅަނދުފަހަރު ބަނދެ މަރާމާތު ކުރުމުގެ މަސައްކަތް ފުޅާކޮށް އިތުރަށް ކުރިއަރުވާނެ ކުންފުނިތައް ދެހާހުގެ އަހަރުތަކުގައި ރާއްޖޭގައި މަދެވެ.
ދެހާސް ހަވަނަ އަހަރު ރާއްޖޭގެ ކޯސްޓްލައިން އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި ޔޫއޭއީގެ އަލްޝާލީ މެރިން ދުބާއީއާ ދެމެދު އެކުލަވާލި ޖޮއިންޓް ވެންޗާ، އަލްޝާލީ މެރިން މޯލްޑިވްސްއަކީ އެ މުހިންމު ޒިންމާ އަދާކުރުމުގެ ބުރަ ޒިންމާ ކޮނޑުއަޅައިގެން ނުކުތް އެއް ކުންފުންޏެވެ.
އޭގެ ތޭރަ އަހަރުފަހުން މިއަދު އެ ކުންފުނިން ވަނީ ރާއްޖޭގެ ކަނޑަށް ހެޔޮވަރު އެތައް ބައިވަރު ތަފާތު ޑިޒައިންތަކުގެ އުޅަނދުތައް ދިވެހި މާކެޓަށް ތައާރަފުކޮށްފަ އެވެ. ފާއިތުވި ފަސް ވަރަކަށް އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ބޯޓިން އިންޑަސްޓްރީގައި ދޭ ގިނަ އެވޯޑުތަކެއް ހާސިލުކޮށް ކުންފުނީގެ ހައިބަތު ދައްކައިލައިފަ އެވެ. އަލްޝާލީ މެރިންއަކީ މިއަދު ދިވެހި ކަނޑުގެ ރަސްގެފާނޭ ބުނުން އެއީ ދޮގަކަށް ނުވާނެ އެވެ.
އަލްޝާޅީ މެރިން މޯލްޑިވްސްގެ ބޯޓު ޔާޑުގައި މަސައްކަތް ކުރަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާކުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ބަންނަން ޖެހޭ އާރުޓީއެލް، ފެރީތަކުގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް އެ ކުންފުނިން ކުރަމުން ދިއުމަކީ ކަނޑުގެ ތަހުތު މިލްކުކޮށްފައިވާ ކަމުގެ އެންމެ ވަރުގަދަ އެއް ހެއްކެވެ.
އަލްޝާލީ މެރިން މޯލްޑިވްސް އިން ކ. ތިލަފުށީގައި ހިންގަމުން އަންނަ ބޯޓު ޔާޑުގައި ކަނޑު އުޅަނދުފަހަރާ ގުޅުންހުރި ހުރިހާ ހިދުމަތެއް ލިބެ އެވެ. ލޯންޗު ބަންނަން މޯލްޑު ތައްޔާރު ކުރުމުން ފެށިގެން ގޮސް، އިންޓީރިއާ މަސައްކަތްތަކާއި، ވަޔަރިން އާއި ސީޓިން އަދި އިންޖީނު އެޅުމުގެ މަސައްކަތްތައް ވެސް އެތަނުގައި ކުރެ އެވެ. އަދި، ލޯންޗުފަހަރު ބޭލުމަށް ފަހު އެއަށް ދޭން ޖެހޭ އާފްޓާ ސާވިސްގެ ހިދުމަތްތައް ވެސް އަލްޝާލީން ފޯރުކޮށްދެމުން ދެއެވެ.
Comment