Advertisement

ގައުމީ ނެޓްބޯޅަ މުބާރާތް: ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އެމްވީ ނެޓާސް

6 ޖޫން 2023 - 08:38 0

ގައުމީ ނެޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި އެމްވީ ނެޓާސްގެ ޓީމް ޗެމްޕިއަން ޓްރޮފީއާއެކު - ފޮޓޯ: ނައުޝަމް ވަހީދު


ގައުމީ ނެޓްބޯޅަ މުބާރާތް: ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އެމްވީ ނެޓާސް

6 ޖޫން 2023 - 08:38 0

ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ގައުމީ ނެޓްބޯޅަ މުބާރާތުގެ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން އެމްވީ ނެޓާސް އިން ހޯދައިފި އެވެ.

އެމްވީ ނެޓާސް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކުލަބު މެޓްރިކްސް 31-33 އިން ކާމިޔާބުކޮށްގެންނެވެ. ލީގު ބުރުގައި މި ދެ ޓީމް ކުޅުނު މެޗުވެސް ފޯރިގަދަ ކުޅުމަކަށް ފަހު ހަމަ އެއް ނަތީޖާއަކުން ކާމިޔާބުކުރީ އެމްވީ ނެޓާސް އެވެ.

ގައުމީ ނެޓްބޯޅަ މުބާރާތުގެ ދެ ވަނަ ޑިވިޝަންގައި މި އަހަރު ފަސް ޓީމަކުން ވާދަކުރި އެވެ. އެއީ ކުލަބު މެޓްރިކްސް، އެމްވީ ނެޓާސް، ޔުނައިޓެޑް ޔުނިޓީ ސްޕޯޓްސް ކުލަބު، ޒެނިތު ސްޕޯޓްސް ކުލަބު އަދި ސްޕޯޓްސް ކުލަބު ސްކައިލާކް އެވެ. ހުރިހާ ޓީމެއްގެ މެދުގައި ފައިނަލް ބުރެއް ކުޅުމަށްފަހު ފައިނަލުން ފުރުސަތު ލިބުނީ ލީގު ބުރުގެ ކުރި ހޯދި ނެޓާސް އާއި މެޓްރިކްސް އެވެ.

ދެވަނަ ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެމްވީ ނެޓާސްގެ އައިޝަތު ނޫމީ ނާސިރު އެވެ. މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައިވެސް ނޫމީ ހިމެނެ އެވެ. ގަދަ ހަތެއްގައި ދެން ހިމެނުނު އެމްވީ ނެޓާސްގެ ކުޅުންތެރިއަކީ އާމިނަތު އަމްނާ އަސްވަދު އެވެ. ބާކީ ފަސް ކުޅުންތެރިންނަކީ ކުލަބު މެޓްރިކްސްގެ ފަސް ކުޅުންތެރިންނެވެ. އެ ފަސް ކުޅުންތެރިންނަކީ މިޝްކާ އަފްރާހު ހަސަން، ޒީކް އިސްމާއިލް މުހައްމަދު، މަރިޔަމް ސާރާ އިސްމާއިލް، އައިޝަތު ޔޫހާ މުހައްމަދު އަދި ޒީނާ އަހުމަދު އެވެ.

ދެވަނަ ޑިވިޝަންގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ޔުނައިޓެޑް ޔުނިޓީ ސްޕޯޓްސް ކުލަބުގެ ޝިބާ ހުސައިން ސުހައިލް ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން އެމްވީ ނެޓާސްގެ ކޯޗު އައިޝަތު ލޫނާ މޫސާ އެވެ.

ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ކުޅުންވެސް ރޭ ވަނީ ފަށާފަ އެވެ. ފުރަތަމަ ޑިވިޝަންގައިވެސް ވާދަކުރަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކުލަބު، ކުލަބު ގްރީން ސްޓްރީޓްސް، ސްޕޯޓްސް ކުލަބު ޝައިނިން ސްޓާ، މަހިބަދޫ ސްޕޯޓްސް ކުލަބުގެ އިތުރުން ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކުލަބެވެ.

ފުރަތަމަ ޑިވިޝަންވެސް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެ ކުރި ހޯދާ ދެ ޓީމް ފައިނަލުގައި ކުޅޭ ގޮތަށެވެ. ލީގު ބުރުގެ މެޗުތައް ކުރިއަށްދާނީ އަންނަ ހުކުރު ދުވަހާ ހަމައަށެވެ. ފައިނަލް މެޗު ކުޅޭނީ އަންނަ އާދިއްތަ ދުވަހުގެ ރޭގަނޑު އެވެ.

މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކުލަބުން ހޯދީ ފައިނަލުގައި ގްރީން ސްޓްރީޓްސް 55-46 އިން ބަލިކޮށްގެންނެވެ.