5 ޖޫން 2023 - 07:25 0
ރޭގެ މެޗަށް ފަހު ބެންޒެމާ: 14 އަހަރު ކުޅުމަށް ފަހު އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު ރެއާލް ދޫކޮށްލަން ވަނީ ނިންމައިފައި.
5 ޖޫން 2023 - 07:25 0
މެޑްރިޑް (ޖޫން 5) - މި ސީޒަނަށް ފަހު ރެއާލް މެޑްރިޑް ދޫކޮށްލާން ނިންމާފައިވާ ކަރީމް ބެންޒެމާ އެ ޓީމުގެ ޖޯޒީގައި ކުޅުނު ފަހު މެޗުގައި، ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކް ބިލްބާއޯ ކޮޅަށް ލަނޑު ޖެހިއިރު، ރެއާލާއި ބިލްބާއޯ 1-1 އިން އެއްވަރުވެއްޖެ އެވެ.
ރޭގެ މެޗު ފެށެން ކުޑަތަންވެފައި ވަނިކޮށް، ރެއާލުން ވަނީ ބެންޒެމާ ކްލަބް ދޫކޮށްލަން ނިންމާފައިވާކަން ހާމަކުރުމުގެ ގޮތުން ބަޔާނެއް ނެރެފަ އެވެ.
މެޑްރިޑްގެ ދަނޑުގައި ކުޅުނު މެޗުގައި ބިލްބާއޯ އިން އޮއިހާން ސަންކޭގެ ގޯލުން 49 ވަނަ މިނިޓްގައި ލީޑުނެގިއިރު، 72 ވަނަ މިނިޓްގައި ބެންޒެމާ، 35، ވަނީ ޕެނަލްޓީއެއް ކާމިޔާބުކޮށް ރެއާލަށް އެއްވަރުކޮށްދީފަ އެވެ. މިއީ، ރެއާލަށް 14 އަހަރު ވަންދެން ކުޅުމަށް ފަހު، އެ ޓީމު ދޫކޮށްލަން ނިންމި ބެންޒެމާ އެ ޓީމަށް ކާމިޔާބުކޮށްދިން 354 ވަނަ ގޯލެވެ. ބެންޒެމާ އަށް ވުރެ ގިނައިން ރެއާލަށް ގޯލު ޖަހައިދިން ކުޅުންތެރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
ރެއާލް ދޫކޮށް ބެންޒެމާ ބަދަލުވާނެ ކަމަށް އަޑުފެތުރިފައިވަނީ ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދަށެވެ. ބެންޒެމާ އަށް އެ ކްލަބުން ދޭ ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ މުސާރަ އާއި އެހެނިހެން ކަންކަން ހިމެނޭ ގޮތަށް 400 މިލިއަން ޑޮލަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރޭގެ މެޗަށް ފަހު، ރެއާލުން ބެންޒެމާ އަށް ހާއްސަ އިވެންޓެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ބެންޒެމާ، ކްލަބް ދޫކޮށްލަން ބޭނުންވާ ވާހަކަ އަޑުއިވުމުން ލިބުނީ "ޝޮކެއް" ކަމަށާއި އެކަމަކު، އޭނާގެ ނިންމުމަށް އިހުތިރާމް ކުރަން ބޭނުންވާ ކަމަށެވެ.
ބެންޒެމާގެ މަގާމަށް ރެއާލުން އެންމެ ބޮޑަށް ގެންނަން ބޭނުންވަނީ ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް، ހެރީ ކޭން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެކަމަކު، މީޑިއާ އިން ކޭންއާ ގުޅޭގޮތުން ކުރި ސުވާލަށް އަންޗެލޮޓީ ޖަވާބެއް ދޭން ބޭނުމެއް ނުވި އެވެ.
"ކޭން އަކީ ޓޮޓެންހަމް ކުޅުންތެރިއެއް، އެހެން ޓީމުގެ ކުޅުންތެރިންގެ ވާހަކަ އަހަންނަށް ނުދެއްކޭނެ،" އަންޗެލޮޓީ ބުންޏެވެ.
ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ޗެމްޕިއަން، ބާސެލޯނާ ވަނީ ރަށުންބޭރުގައި ސެލްޓަ ވިގޯ އަތުން 2-1 އިން ބަލިވެފަ އެވެ. ވިޔަރެއާލާއި ލީގުގެ ތިނެއްގައި ނިންމި އެތުލެޓިކޯ މެޑްރިޑް 2-2 އިން އެއްވަރުވިއިރު، ދާދި ފަހުން ހަތް ވަނަ ފަހަރަށް ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ސެވިއްޔާ ވަނީ ލީގުގެ ހަތަރު ވަނަ އަށް ދިޔަ ރެއާލް ސޮސިއެޑާޑް އަތުން 2-1 އިން ބަލިވެފަ އެވެ.
Comment