4 ޖޫން 2023 - 12:35 0
4 ޖޫން 2023 - 12:35 0
ބާލިން (ޖޫން 4) - ޖަރުމަން ކަޕްގެ ފައިނަލްގައި ރޭ އައިންޓްރަކްޓް ފްރޭންކްފާޓް އަތުން 2-0 އިން މޮޅުވެ، އާރްބީ ލައިޕްޒިގް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޖަރުމަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ 71 ވަނަ މިނިޓުގައި ލައިޕްޒިގް އިން ލީޑު ނެގީ ފްރާންސްގެ ފޯވަޑް ކްރިސްޓޮފާ އެންކުންކޫ ޖެހި ލަނޑުންނެވެ. މެޗުގެ ދެ ވަނަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކި ފްރޭންކްފާޓް އިން މެޗުގެ ނަތީޖާ ނެރުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ލައިޕްޒިގް ވަނީ ލީޑު ފުޅާކޮށްފަ އެވެ. ކައުންޓާ އެޓޭކެއްގައި އެންކުންކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލައިޕްޒިގްގެ ދެ ވަނަ ލަނޑު ޖެހީ ޑޮމިނިކް ސްޒޮބޮސްޒްލާއީ އެވެ.
ލައިޕްޒިގުގެ އެންކުންކޫ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
އެންމެ ފަހުން ކުޅުނު ޖަރުމަން ކަޕްގެ ފަސް ފައިނަލްގެ ތެރެއިން ހަތަރު ފައިނަލްގައި ލައިޕްޒިގް ވަނީ ވާދަކޮށްފަ އެވެ.
ލައިޕްޒިގްގެ ކޯޗު މާކޯ ރޯސް ބުނީ މިއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި އެންމެ އުފާވަނީ ލައިޕްޒިގްގެ ސަޕޯޓަރުންނަށް ހިތްހަމަޖެހުމެއް ހޯދައިދެވުމުން ކަމަށެވެ. ފްރޭންކްފާޓްގެ ކެޕްޓަން ސަބެސްޓިއަން ރޯޑް ބުނީ މެޗުގެ އޮއިވަރު ބަދަލުވީ އެންކުންކޫ ޖެހި ލަނޑުން ކަމަށެވެ.
މި މެޗަކީ ފްރޭންކްފާޓްގެ ކޯޗު އޮލިވާ ގްލަސްނާގެ ވަދާއީ މެޗެވެ. އެ ޓީމަށް ދެ އަހަރު ދުވަހު ކޯޗުކޮށްދިން ގްލަސްނާ ވަނީ މި ސީޒަނަށް ފަހު އެ ޓީމުން ވަކިވާން ނިންމައިފަ އެވެ.
Comment