Advertisement

ހައޭނީ: ބުންޑަސްލީގާގެ ކްލަބެއްގެ ފުރަތަމަ އަންހެން ސީއީއޯ

12 ޑިސެންބަރު 2025 - 10:15 0


ހައޭނީ: ބުންޑަސްލީގާގެ ކްލަބެއްގެ ފުރަތަމަ އަންހެން ސީއީއޯ

12 ޑިސެންބަރު 2025 - 10:15 0

ލައިޕްޒިގު، ޖާމަނީ (ޑިސެމްބަރު 12) - ސްވިޒަލެންޑްގެ މަޝްހޫރު ފުޓްބޯޅަ އެޑްމިނިސްޓްރޭޓަރު، ޓަޓިޔާނާ ހައޭނީ، ޖަރުމަނު ބުންޑަސްލީގާގެ ކްލަބް، އާރްބީ ލައިޕްޒިގުގެ ސީއީއޯގެ މަގާމާ ހަވާލުވާން އެއްބަސްވުމާ އެކު ހާއްސަ ޝަރަފެއް ލިބިއްޖެ އެވެ.

އުމުރުން 59 އަހަރުގެ ހައޭނީ، ލައިޕްޒިގުގެ ސީއީއޯ އަކަށް މަސައްކަތް ކުރަން ފަށާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.

ލައިޕްޒިގުގެ ސުޕަވައިޒަރީ ބޯޑުން މަޝްވަރާތަކަށް ފަހު ހައޭނީ މި މަގާމަށް ހަމަޖައްސަން ނިންމާފައިވަނީ، ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ދުނިޔޭގައި އޭނާގެ ތަޖުރިބާ އާއި ހާސިލްކޮށްފައިވާ ކަންކަމަށް ބަލައިފަ އެވެ. އަދި، މަޝްހޫރު އެނޭޖީ ޑްރިންކް، ރެޑްބުލް ކުންފުނިން ހިންގާ މި ލައިޕްޒިގުގެ ޕްރޮޖެކްޓްގައި ޓީމު ލީޑުކުރުމުގެ ގާބިލުކަން ހައޭނީގެ ހުރިކަމުގެ ޔަގީންކަން އޮތުމުންނެވެ.

ހައޭނީ ބުނީ، ކްލަބެއްގައި ރަނގަޅު ޓީމެއް އޮންނައިރު، އެ ޓީމުގެ ފަހަތުގައި ހުރިހާ ކަމެއް ބަރާބަރަށް ގެންދިއުމަށް އެއް ޓާގެޓެއްގައި މަސައްކަތްކުރާ ވަރުގަދަ މެނޭޖްމަންޓް ޓީމެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި، ލައިޕްޒިގުން އޭނާ އަށް މި ދިން ފުރުސަތާ މެދު ޝުކުރުވެރިވާކަން ފާހަގަކޮށް ހައޭނީ ބުނެފައިވަނީ، ލައިޕްޒިގުގެ މި ޕްރޮޖެކްޓްގައި މަސައްކަތް ކުރަން ކެތްމަދުވެފައިވާ ކަމަށެވެ.


ސްވިޒަލެންޑްގެ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ ހައޭނީ، ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަން ދާއިރާ އަށް ނުކުތީ، ކުޅުމުގެ ކެރިއަރު ނިންމާލައި ފުރަތަމަ ކޯޗަކަށެވެ. ފަހުން، ކްލަބެއްގެ ރައީސްކަން ވެސް ކުރި ހައޭނީ އަކީ ސްވިޒަލެންޑްގެ އަންހެން ފުޓްބޯޅަ ކުރިއަށްގެންދިޔަ މޭސްތިރިޔާ އެވެ.

އަމިއްލަ ގައުމުގައި ފުޓްބޯޅައިގެ މަސައްކަތް ކުރުމަށް ފަހު، 1994 ވަނަ އަހަރު ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާއާ ގުޅި، ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަން މަސައްކަތް ކުރުމަށް ބައިނަލްއަގުވާމީ މައިދާނަށް ނުކުތެވެ. ޔުއެފާގެ ޕްރޮޖެކްޓަށް ފަހު، ހައޭނީ ވަނީ، 1999 އިން ފެށިގެން 2017 އާ ދެމެދު ފީފާގައި އެކި ރޯލުތަކުގައި އެޑްމިނިސްޓްރޭޝަން މަސައްކަތް ކޮށްފަ އެވެ. އެ ގޮތުން، އޭނާ ވަނީ ފީފާ އިން ބާއްވާ އަންހެން ފުޓްބޯޅަ މުބާރާތްތަކުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.

ފީފާގެ ޕްރޮޖެކްޓް ނިންމާލުމަށް ފަހު، އެނބުރި ސްވިޒަލެންޑަށް އައިސް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނާ ގުޅިގެން އަންހެން ފުޓްބޯޅައިގެ އެކި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ފެށި އެވެ. އަދި، 2022 ވަނަ އަހަރު ހައޭނީ އަށް ވަނީ ސްވިޒަލެންޑްގެ އަންހެން ފުޓްބޯޅަ އަށް ހިދުމަތް ކޮށްދިނުމުން ސްވިސް ސްޕޯޓްސް މެނޭޖާސް އެވޯޑް ދީފަ އެވެ.