Advertisement

އައްޑޫ ބިން ހިއްކުން: އަތޮޅު ޗާޓު އަލުން "ކުރަހާލަނީ"

4 ޖޫން 2023 - 08:48 1

ސ. ހިތަދޫ

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

އައްޑޫ ބިން ހިއްކުން ކޮންނަ ބޯޓުން ވެލި އަޅަމުން ދަނީ. -- ފޮޓޯ: އަހުމަދު ރަޝީދު (ދޮންކޮޅު)


އައްޑޫ ބިން ހިއްކުން: އަތޮޅު ޗާޓު އަލުން "ކުރަހާލަނީ"

4 ޖޫން 2023 - 08:48 1

ސ. ހިތަދޫ

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ފަށައި، ސިޔާސީ ވެރިން ޕޯޑިއަމްގައި އެކި ވާހަކަ ދައްކަމުން ދިޔަ އިރު އައިމިނަތު އަހުމަދު ހުރީ، ޖަލްސާ ކުރިއަށްދިޔަ ތަނާ ކައިރިން މަރަދޫފޭދޫގެ ފަޅުތެރެއަށް ދޫކޮށްލާފައި އޮތް ބޮޑު ޕަމްޕުން ވެލިއަޅައި ފަޅުތެރެ ހިއްކަމުންދިޔަ މަންޒަރު ބަލަން ހުއްޓިލައިގެންނެވެ.

އުމުރު އަހާނުލެވުނަސް، ބެލޭވޭ ގޮތުގައި އައިމިނަތަކީ 65 އަހަރުން މައްޗަށް ގޮސްފައިވާ އިސް ރައްވެއްސެކެވެ. އެހެންވެ، އޭނާއަށް އެ ހުރެވުނީ، އެ ދިގު އުމުރުގައި ވެސް އައްޑޫ ނުދެކޭ ފަދަ ބިޔަ މަޝްރޫއެއް ފެށި ތާރީހީ މަންޒަރަށް ސަމާލުކަން ހުއްޓިފަ އެވެ.

ސަރުކާރުން އިއްޔެ ފެށި ބިން ހިއްކުމުގެ މަޝްރޫއުއަކީ އައްޑޫގެ ޗާޓު އަބަދަށް ބަދަލުކޮށްލާނެ މަޝްރޫއެކެވެ. އެ އަތޮޅު ހިއްކަނީ މީގެ ކުރިން ރާއްޖޭގެ އެހެން އަތޮޅެއް ނުދެކޭ ފުޅާމިނެއްގަ އެވެ. އެކަން ނިންމާލާނީ އައްޑޫ ހިތަދުއާއި މަރަދޫފޭދޫގެ އާބާދީއަށް ކުރިއަށް އޮތް 50 އަހަރަށް ބޭނުންވާ ވަރަށް ބިން އިތުރުކުރުމާއެކު ރިސޯޓު ހަދަން މުޅިން އަލަށް ތިން ރަށެއް ފެނުން މައްޗަށް ހިއްލައިފަ އެވެ. އެއީ 1.5 ބިލިއަން ރުފިޔާ ހޭދަކޮށްގެން އައްޑުއަށް އިތުރުކުރާ ޖުމްލަ 194 ހެކްޓަރެވެ.

"ވަރަށް އުފާވޭ މިކަންތައް ފެނުނީމަ ވެސް، ދުވަހަކު ވެސް ފެނުނު ކަމެއް ނޫން، އެހެންވީމަ ވަރަށް އުފާވޭ،" ބަންޑް ވޯލް ޖަހާފައި ހުރި ސަރަހައްދުގެ ތެރެއައަށް ވެލި އަޅާ މަންޒަރު ބަލަން ހުރެ އައިމިނަތު "އަދަދު"އަށް ބުންޏެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫގައި ހިއްކަން ނިންމާފައިވާ ބިންތައް އެނގޭނެ ކުރެހުމެއް، އީއައިއޭ ރިޕޯޓުން


އައްޑޫއިން ހިއްކާ ބިންތައް:

  • ހިތަދޫއިން 50 ހެކްޓަރުގެ ސަރަހައްދަކާއި 40 ހެކްޓަރުގެ ސަރަހައްދެއް
  • މަރަދޫފޭދޫއިން 76 ހެކްޓަރުގެ ސަރަހައްދެއް
  • ރިސޯޓު ހަދަން 8.3 ހެކްޓަރުގެ ތިން ރަށް
  • ލިންކު ރޯޑް ހަދަން 3.3 ހެކްޓަރު

އައްޑޫއިން ދިމާވި ބައެއް މީހުން ބުނި ގޮތުގައި، އެ ސިޓީ އަދިވެސް އޮތީ މީގެ 10 ވަރަކަށް އަހަރު ކުރިން އޮތް ހާލަތުގަ އެވެ. މާ ބޮޑެތި ބަދަލުތަކެއް އަދި ކުރިއެރުމެއް ވެސް ލިބިފައި ނެތެވެ. އައްޑުއަށް އިހުމާލުވުމުގެ ތުހުމަތާއެކު އިނގިލިތައް، ފާއިތުވި ހުރިހާ ސަރުކާރުތަކަށް ވެސް އަމާޒުވެ އެވެ.

އެހެންވެ، ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭ ގޮތުން މި ނޫހާ ވާހަކަ ދެއްކި އެންމެން ވެސް ބުނީ މިއީ އައްޑޫގެ ތާރީހުގައި ވެސް ސަރުކާރަކުން އެ އަތޮޅަށް ނުކުރާވަރުގެ ބޮޑު އިންވެސްޓްމެންޓެއް ކަމަށެވެ. މި މަޝްރޫއު އައްޑޫގެ މުސްތަގުބަލާ ގުޅިފައިވާއިރު، ރައްޔިތުން ކުރާ އުންމީދު އެ މީހުންގެ ވާހަކަތަކުން އެނގުނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް


މާލޭގައި ދިރިއުޅެފައި 2007 ހިސާބުގައި އެނބުރި އައްޑުއަށް ދިރިއުޅުން ބަދަލުކުރި މުހައްމަދު ފައިސަލް ބުނި ގޮތުގައި، އޭނާ އެނބުރި އައި ފަހުން ވެސް އައްޑޫގައި މާ ބޮޑެތި މަޝްރޫއުތަކެއް ހިންގާފައި ނެތެވެ. އޭރުގެ ސަރުކާރުން ވެސް ބިން ހިއްކަން ރޭވި ނަމަވެސް، ވެރިކަން ބަދަލުވުމާއެކު ވިސްނުން ވެސް ބަދަލުވީ އެވެ. އެހެންވެ، އަހަރުތަކަކަށް ފަހު އައްޑޫގައި މިވަރުގެ ބޮޑު މަޝްރޫއެއް ފެށުމުން އޭނާ ހުރީ ހިތްހަމަޖެހިފަ އެވެ.

"މިއީ ވަރަށް މުހިންމު ކަމެއް. ވަރަށް ގިނަ ދުވަސްވެއްޖެ މިކަހަލަ ކަމެއް [އައްޑޫގައި] ނުހިންގޭތާ ވެސް،" ފައިސަލް ބުންޏެވެ. "މިިދިޔަ އަހަރުތާ މިކަން ވެސް ފެށުނީ. އަޅުގަނޑުމެން ވަރަށް ދުވަހު އިންތިޒާރުގައި ތިބެފިން."

އައްޑޫގެ އާބާދީ އުފުލި ބިމުގެ ދަތިކަން ދިމާވެ، އަލަށް އުފެދުނު ޖީލުތަކަށް ގޯތީގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ. ބިމަށް ވެސް ދަތި އެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ، ފަޅުން ބިން ހިއްކައިގެން ނޫނީ ހައްލު ކުރެވެން ނެތް ކަމަށް ފައިސަލް ބުންޏެވެ އެވެ.

"އަޅުގަނޑުމެން އަސްލު ހިއްކަން ބޭނުންވަނީ، މިއީ ކުޑަ ރަށެއް [މަރަދޫފޭދޫ]، ގޯތި ނުދެވޭ އެއްގޮތަކަށް ވެސް. ގޯތި ބޭނުން އެތައް ބަޔަކު އެބަ ތިބި. އެހެންވީމަ އަޅުގަނޑުމެންނަށް މިކަން ވަރަށް މުހިންމު،" ފައިސަލް ކިޔައިދިނެވެ.

ރިސޯޓު ހަދަން ހިއްކާ ތިން ރަށުގެ ތެރެއިން ރަށެއް ހިއްކަން ބަންޑް ވޯލް ޖަހައި ތައްޔާރުކޮށްފައި


އުމުރުން 39 އަހަރުގެ އަހުމަދު ހަސަން ދީދީ މި ނޫހަށް ބުނި ގޮތުގައި މިއީ އޭނާގެ ހަޔާތުގައި ވެސް އައްޑޫގައި ހިންގާ އެންމެ ބޮޑު މަޝްރޫ އެވެ. ބުނީ މިވީހާތަނަށް ހުރިހާ ހިދުމަތްތަކެއް އެއްތަންކޮށްފައި ހުރީ މާލެއަށް ކަމަށެވެ. ފާއިތުވި އަހަރުތަކުގައި ސަރުކާރުތަކުން އައްޑުއަށް މާ ބޮޑު ބަދަލެއް ގެނެސްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

އެކަމަކު، މި މަޝްރޫއުގެ ސަބަބުން ޓޫރިޒަމް ފުޅާވެ އިގްތިސާދު ބަދަލުވެގެންދާނެ ކަމުގެ އުންމީދު އޭނާ ހިއްސާކުރި އެވެ. އޭނާ ވެސް އެންމެ ބޮޑަށް ފާހަގަކުރީ، ބިން ހިއްކައި ގޯތި ދޫކުރުމުން، ބޯހިޔާވަހިކަމުގެ މައްސައަލަށް ހަލެއް ލިބިގެންދާނެ ކަމެވެ.

"އަހަރެން ވެސް އުމުރުން 39 އަހަރު މިވީ، އެއްވެސް އިރެއްގައި އަހަރެމެންގެ އަމިއްލަ އުޅޭނެ ތަނެއް ނެތް. ވާހައަކީ ބިމެއް ނެތް ދޯ، [ގޯތި] ދޭނެ ތަނެއް،" އަހުމަދު ބުންޏެވެ.

އައްޑޫ ބިން ހިއްކަން ފެށި ސަރަހައްދު: ރައީސް މަޝްރޫއު ފެއްޓެވުމާއެކު ވެލި ޕަމްޕު ކުރަން ފެށި


ޓޫރިޒަމްގެ އިގްތިސާދަކަށް

އައްޑޫގައި ރިސޯޓު ހިންގާތާ އަހަރުތަކެއް ވިޔަސް، އެ ދާއިރާގައި އައްޑޫ އުޅެނީ މާ ފަހަތުގަ އެވެ. އެ އަތޮޅުގެ ރިސޯޓުތައް ނުހިނގަ އެވެ. ގެސްޓުން އަންނަލެއް މަދެވެ. "ޑެސްޓިނޭޝަނަކަށް" ނުހެދެ އެވެ. ބިން ހިއްކުމުގެ މަޝްރޫއިން ބަދަލުކޮށްލަން އަމާޒުހިފާފައިވާ އެއް ކަމަކީ މި ހަގީގަތެވެ.

މި މަޝްރޫއުގެ ތެރެއިން، ހަންކެޑެ ބޭރުން ކޯސްވޭއެއް ހަދަން 3.3 ހެކްޓަރުގެ ބިން ހިއްކަނީ، އެ ރަށް ވަކިކޮށް، އެތަން ހާއްސަ ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށެވެ. ހަންކެޑެއާ ބޭރުން ފަޅު ތެރޭގައި މިހާރު އޮތީ ކޯސްވޭ ހިއްކައިފަ އެވެ. އެތަނުގައި ކުރިއަށްދަނީ މަގު ހެދުމުގެ މަސައްކަތެވެ.

ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓުގެ ދަށުން ދެ ގްރޭންޑް ހޮޓެލް، ދެ ޑިލަކްސް ހޮޓެލް، 10 ބުޓީކް ހޮޓެލް، 64 ސާވިސްޑް އެޕާޓުމެންޓު، 17 ބީޗު ވިލާ، ނޮލެޖު ސެންޓަރު، މިކްސް ސްޕޯޓްސް ބިލްޑިން، އައުޓްޑޯ ބީޗް ސްޕޯޓްސް، ތިއޭޓަރު އަދި ފުޑް ކޯޓާއި ރެސްޓޯރަންޓާއި ފިހާރަތައް ހަދަން ވަނީ ނިންމައިފަ އެވެ.

"މުޅި މަޝްރޫއު އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމައިލެވޭނެ. ރާއްޖެއަށް ޑިމޮކްރަސީގެ ހެޔޮ ބަދަލު ހޯއްދެވުމަށް ތިޔަބޭފުޅުން ނުކުމެވަޑައިގަތީ، މި ޕްރޮޖެކްޓްތައް އައްޑުއަށް ހޯއްދެވުމުގެ ބޭނުމުގައި. އެކަން މިއަދު އެދަނީ އައްޑޫ ސިޓީއަށް ހާސިލުވަމުން،" ހަންކެޑެ މަޝްރޫއާ ގުޅޭ ގޮތުން ރައީސް އިއްޔެ ވިދާޅުވި އެވެ.

އައްޑޫ ހަންކެޑެ އާއި ލިންކު ރޯޑު ވަކިކުރަން ހިއްކާފައި އޮތް ސަރަހައްދު


ހަންކެޑޭގައި އަޅާ ތަންތަނާއެކު އިތުރުވާ އެނދާއި އައްޑޫގެ އެހެން ރަށްތަކަށް އިތުރުވާ 600 އެނދާއެކު ޖުމްލަ 2682 ޓޫރިސްޓް އެނދު އައްޑުއަށް އިތުރުވެގެންދާނެ ކަމަށް ވެސް ރައީސް އިއްޔެ ވިދާޅުވި އެވެ.

އޭގެ އިތުރުން، ކޮންޓްރެކްޓާ ފައިނޭންސް މޮޑެލްގެ ދަށުން، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގައި އަމިއްލަ ފަރާތްތަކުގެ ގެސްޓްހައުސްތައް އިމާރާތްކޮށް ނިމުމުން 2870 އެނދު އިތުރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އެގޮތަށް ދޫކޮށްފައިވާ 58 ބިމެއްގައި ގެސްޓްހައުސް އަޅަން 44 ފަރާތަކުން މިހާރު ވެސް އޮތީ އެދިފަ އެވެ.

މި ހުރިހާ މަޝްރޫއެއް ރޭވިފައިވާ ގޮތަށް ނިމިއްޖެ ނަމަ އެއީ، އައްޑުއަށް އިތުރުވެގެންދާ 7000 އެނދެވެ.

"މިހާރު ޕްރޮޖެކްޓް ކުރެވިފައިވާ ތަފާތު މަޝްރޫއުތައް ނިމޭއިރު، ޖުމްލަ 7000 ޓޫރިސްޓް އެނދު އައްޑޫސިޓީގައި އޮޕަރޭޓް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

"ހިއްކުން ނޫން ގޮތެއް ނެތް"

މި މަޝްރޫއު އިއުލާނުކުރުމުން މިކަމާ ދެކޮޅަށް އަޑުއުފުލީ މަޝްރޫއުގެ ސަބަބުން އަތޮޅުގެ ކަނޑު އަަޑީގެ މާހައުލަށް ލިބޭނެ ގެއްލުމާ ހެދި އެވެ. މިކަމުން ތިމާވެއްޓަށް ކުރާނެ އަސަރު ބަލަން ހެދި އީއައިއޭ ރިޕޯޓުން ހާމަވި ގޮތުގައި، ބިން ހިއްކަން ވެލި އެޅުމުން އުފެދޭ ކިސަޑުގެ އަސަރު މުރަކަފަރުތަކަށާއި ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދުތަކަށް ކޮށް އެތަންތަން އެއްކޮށް ފަނާކޮށްލުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންވެ، މަޝްރޫއުގެ މައި އެއް އަމާޒު ކަމުގައިވާ ޓޫރިޒަމްއަށް ވެސް ގޮންޖެހުން ކުރިމަތިވާނެ ކަމަށް ލަފާ ކުރި އެވެ.

އެކަމަކު، މި ކަންބޮޑުވުންތަކާއެކު ވީހާ ވެސް ގެއްލުން ކުޑަކުރެވޭނެ ގޮތަށް މަސައްކަތް ވަނީ ބައްޓަންކޮށްފަ އެވެ. ސަރުކާރުން ބުނަނީ ވެއްޓަށް އެއްވެސް ގެއްލުމެއް ނުވާ ގޮތަކަށް މިކަން މިކަން ކުރެވެން ނެތަސް، މިއީ އައްޑޫގެ ރައްޔިތުންނަށް ޓަކައި ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އެހެންވެ، ކުރެވެން އޮތް ކަމަކީ، މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. ހިއްކާ ސަރަހައްދުގެ ވަށައިގެން ވަރުގަދަކޮށް ބަންޑް ވޯލް ޖަހާފައި އެހުރީ އެ ބޭނުމުގަ އެވެ. ހިއްކާއިރު އަޅާ ފަސް ކިސަނޑަށްވެ، ބޭރަށް ފައިބައިގެން ދާ މިންވަރު ކުޑަކުރުމަށެވެ.

މި ނޫހާ ވާހަކަ ދެއްކި އަހުމަދު ހަސަން ދީދީ ބުނީ، ތިމާވެށީގެ ވާހަކަ ދައްކަނީ ހަމައެކަނި އައްޑުއާ ޖެހުމުން ކަމަށެވެ. ވެއްޓަށް ގެއްލުންވިޔަސް، އައްޑުއަށް ކުރިމަގެއް އޮތީ ބިން ހިއްކައިގެން ކަމަށްވާތީ އެކަން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރެ އެވެ. މި ނޫހާ ވާހަކަ ދެއްކި ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ ދެ ދާއިރާއެއްގެ މެމްބަރުންގެ ވިސްނުމަކީ ވެސް މިއީ އެވެ.

ތިމާވެށި ރައްކާތެރިކުރަން ޖެހޭކަން ފާހަގަކުރުމާއެކު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މި މަޝްރޫއު ރާވާފައި ވަނީ ވެއްޓަށް އެންމެ ކުޑަކޮށް އެކަން ކުރެވޭނެ ގޮތަކަށް ކަމަށެވެ. އަދި މި މަޝްރޫއުއަށްފަހު، ކުރިއަށް އޮތް 50 އަހަރު ވެސް އިތުރަށް އައްޑޫގެ ބިން ހިއްކަން ނުޖެހޭ ގޮތަށް ރޭވިފައިވާތީ އެކީ އެކައްޗަކަށް ހިއްކައި ނިމުމުން ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުވުމާއެކު، ފަހަރަކު ތަނެއް ހިއްކަމުން ދިޔުމުން، ހުއްޓުމެއް ނެތި ވެއްޓަށް ލިބެމުންދާނެ ގެއްލުމުން ވެސް ސަލާމަތްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިން ހިއްކުން ފެށުމުގެ ރަސްމިއްޔާތަށް ދިޔަ މީހުން ރައީސްއާ ސަލާމް ކުރަން ސަފު ހަދާލައިގެން: ފަހަތުން ފެންނަނީ ހަންކެޑެ


ގެއްލުން ކުޑަކޮށްގެން ވިޔަސް މިކަން ކުރަން ޖެހެނީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ލިބެން އޮތް ފައިދާ ބޮޑުކަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިމަކީ އެންމެ ބޮޑު އެއް ރިސޯސް ތަނެއްގައި އޮންނާނެ. ބިމުގެ ދަތިކަން، ދިރިއުޅެން ދަތިކަން އަދި އެހެނިހެން ތަރައްގީގެ މަޝްރޫއުތަކަށް ދަތިކަން އިންތިހާއަށް ބޮޑަށް އޮތީ،" އަސްލަމް ވިދާޅުވި އެވެ.

މަރަދޫގެ މެމްބަރު ޝަރީފު ވިދާޅުވީ، މޫދަށް ނަގިލި ވައްޓާލާ ކޮންމެ ފަހަރަކީ ވެސް ވެއްޓަށް ގެއްލުން ލިބޭ ފަހަރެއް ކަމަށެވެ. އެއްވެސް ތަނެއްގައި ތިމާވެއްޓަށް ގެއްލުން ނުލިބޭ ގޮތަކަށް ތަރައްގީގެ މަޝްރޫއު ނުހިންގޭނެކަން އޭނާ ފާހަގަކުރެއްވި އެވެ. ޝަރީފް ވިދާޅުވީ، މީހުން ދިރިއުޅޭ ތަންތަން އާބާދުވެ، އިގްތިސާދީ ހަރަކާތްތައް ހިނގަން ފެށުމުން ވެއްޓަށް އެކަމުގެ އަސަރު ކުރާނެ ކަމަށެވެ. އޭނާ ވެސް ވިދާޅުވީ، ވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނޭ ގޮތަކަށް މި ޕްރޮޖެކްޓް ހިންގައިގެން އައްޑުއަށް މި މަޝްރޫއިން ލިބޭނެ ފައިދާ މާ ބޮޑު ކަމަށެވެ.

"މާލޭ ސަރަހައްދުގައި އެހެރަ ބޮޑެތި ފަރުތައް ހިއްކީމާ ނުކުރާ އަސަރެއް ނުވާ ގެއްލުމެއް ނުވި ކަމެއް މި އަތޮޅުގެ ބިން ހިއްކިޔަސް ނުވާނެ. އެހެންވެ، އެކަމާ އެ ވާހަކަ ތިމާވެއްޓާ ގުޅުވައިގެން ވާހަކަ ދައްކާ މީހުންނަކީ މި އަތޮޅުގައި މި މަސައްކަތަށް ހުރަސް އަޅަން ދައްކާ ވާހަކައެއް،" ޝަރީފު ވިދާޅުވި އެވެ.

ހިތަދޫއާއި މަރަދޫފޭދޫ ހިއްކައި އަލަށް ތިން ރަށް އުފެއްދުމުގެ އިތުރުން، ހުޅުމީދޫގެ ބިން ހިއްކުމަކީ ވެސް ސަރުކާރުން ރާވާފައިވާ މަޝްރޫއެކެވެ. އަދި ނުފެށޭ 179 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން ހުޅުމީދޫއަށް 42 ހެކްޓަރު އިތުރުކުރާނެ ކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

މިއީ ރާއްޖޭގެ ތާރީހުގައިވެސް އައްޑޫއަށް މިފަދަ ބިޔަ ޕްރޮޖެކްޓެއް އިއުލާނުކޮށް، އަމަލީ މަސައްކަތް ފެށުނު ފުރަތަމަ ފަހަރެވެ. އެކަމުގެ ހިތްހަމަޖެހުމުގައި ތިބި ރައްޔިތުންގެ އުއްމީދަކީ މި މަޝްރޫއު ރޭވިފައިވާ ގޮތަށް އެކީއެކައްޗަކަށް ކުރިއަށްގޮސް، ދެއަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމާލެވި، މި ޕްރޮޖެކްޓްގެ މަންފާ އައްޑޫގެ ރައްޔިތުންނަށް ލިބެން ފެށުމެވެ.