Advertisement

އައްޑޫން ރައީސް ސޯލިހަށް 75 ޕަސަންޓު ވޯޓު ލިބޭނެ: ޝަރީފު

3 ޖޫން 2023 - 19:57 0

ނިމާ ހަސަން

ނިމާ ހަސަން

އައްޑޫ ބިން ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު އާއި މެންބަރު ޝަރީފު(ވ) އަދި އައްޑޫ މޭޔަރު އަލީ ނިޒާރު. -- ފޮޓޯ: ރައީސް އޮފީސް


އައްޑޫން ރައީސް ސޯލިހަށް 75 ޕަސަންޓު ވޯޓު ލިބޭނެ: ޝަރީފު

3 ޖޫން 2023 - 19:57 0

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް އައްޑޫ ސިޓީން 75 ޕަސަންޓު ތާއިދު ދޭން އަޒުމު ކަނޑައަޅާފައިވާ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޝަރީފް ވިދާޅުވީ މީގެ ދެތިން މަހެއް ކުރިން 65 ޕަސަންޓު ތާއިދު ލިބޭނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް، މި ފަހަރުގެ ދަތުރުގައި 75 ޕަސަންޓަށްވުރެ ގިނައިން ވޯޓު ލިބޭނެކަން ޔަގީންވެފައިވާ ކަމަށެވެ. އައްޑޫގައި މަޝްރޫއުތައް ކުރިއަށްދާތީ, ކުރިން ދެކޮޅަށް ތިބި މީހުންގެ ތާއިދުވެސް މިހާރު ލިބެމުންދާކަން ޝަރީފް ފާހަގަކުރެއްވި އެވެ.

"ހަތްދިހަ ފަހެއް [ޕަސެންޓު]، ޝައްކެއް ކުރައްވާނެ ކަމެއް ނެތް. މީގެ ކުރިން އަޅުގަނޑުމެންނާ ދެކޮޅަށް ތިއްބެވި މެންބަރުން ވެސް ރާސްރާސް، ޓަސްޓަސް ލާފައި އަޅުގަނޑުމެން ކޮޅަށް ދަނީ އަރަމުން،"

ވާދަވެރިންނަށް ނިސްބަތްކޮށް އޭނާ ވިދާޅުވީ ރާއްޖެއާއި އައްޑޫގެ އިގުތިސޯދު އަނދަޅަކަށް ވައްޓާނެ ބަޔަކަށް ވެރިކަން ނުދޭނެ ކަމަށެވެ. އައްޑޫގެ އިގުތިސޯދާއި, ކުރިއެރުމަށް އަދި މުސްތަގުބަލު އުޖާލާ ކުރުމަށް މަސައްކަތްކުރައްވާކަން ސާބިތުވާ ލީޑަރަކީ ރައީސް ސޯލިހު ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ.

އައްޑޫގެ ތަރައްގީއާ ނުލާ ރާއްޖެ ތަރައްގީ ނުވާނެ ކަމަށް ރައީސް ވިދާޅުވާ ވާހަކަފުޅަށް އިޝާރާތް ކުރައްވާ ޝަރީފް ވަނީ އައްޑޫއަށް ބޭނުންވާ މަޝްރޫއުތައް ރައީސް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެން, އައްޑޫ ރައްޔިތުން ބޭނުންވާ 3000 ޓަނުގެ މަސް ބަންދުކުރާ ކާރުހާނާ އާއި 300 ހައުސިން ޔުނިޓު ގާއިމު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްޑޫގެ މަޝްރޫއުތައް ކުރިއަށްދާނެ ކަމާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެއްދީ، ވޭތުވެދިޔަ 50 އަހަރުތެރޭގައި ކުރީގެ ސަރުކާރުތަކުން ކަޑަ ޖަހާފައި މަޝްރޫއުތައް ކުރިއަށް ނުގެންގޮސް މަޑުޖައްސާލާތީ ކަމަށް، ޝަރީފު ވިދާޅުވި އެވެ.

"ނަމަވެސް މިއަދު މިއޮތް ބޮޑު ހޮޅި ފެނުނީމާ ރައްޔިތުންގެ އުއްމީދު އާލާވެއްޖެ. ރައްޔިތުން ގަބޫލުކޮށްފި މަނިކުފާނަކީ [ރައީސް ސޯލިހަކީ] އައްޑޫގެ ވެސް އަދި މުޅި ރާއްޖޭގެ ވެސް ތަރައްގީގެ ބާނީ އޭ, ތަރައްގީގެ ބައްޕަ އޭ،" ބިން ހިއްކުމަށް ގުޅާލާފައިވާ ބިޔަ ހޮޅިއަށް އިޝާރާތްކޮށް، ޖޯޝުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވި އެވެ.

ރައީސް ސޯލިހު ތަރައްގީއަށް ކުރައްވާފައިވާ މަސައްކަތް ޝަރީފު މިންކުރުރެއްވުމަށް ފަހު ވިދާޅުވީ، ވޭތުވެދިޔަ 50 އަހަރު ރައީސް ސޯލިހު ޖަހާލާފައި އެރޭވަރުގެ ބޭފުޅަކު ރާއްޖޭގެ ވެރިކަން ކުރައްވާފައި ނެތް ކަމަށެވެ.

ރަސްމިއްޔާތުގައި އިތުރަށް ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މިއަދު ހިއްކަން ފަށާ ބިމުގެ ހަގީގީ ފައިދާ ކުރާނީ އައްޑޫގެ ތަރައްގީއާ ގުޅިފައިވާ އެހެނިހެން މަޝްރޫއުތަކާއެކު ކަމަށެވެ. އެގޮތުން ފަސް ފަޅުރަށް ރިސޯޓަށް ހަދާ, 7000 ޓޫރިސްޓު އެނދު އުފެއްދުމާއެކު އައްޑޫ ތަރައްގީގެ ހަބަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.