2 ޖޫން 2023 - 16:01 0
މުހައްމަދު ޝަހްޒާން
މިއަދުގެ ރަސްމިއްޔާތުގެ ތެރެއިން:
2 ޖޫން 2023 - 16:01 0
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކަރަންޓު ބަސް ޗާޖު ކުރާ ސްޓޭޝަންތަކެއް ގާއިމުކޮށް ބޭނުން ކުރަން ފަށައިފި އެވެ.
ޖަޕާނުގެ މާލީ އެހީގެ ދަށުން ޓްރާންސްޕޯޓު މިނިސްޓަރީއާއި ޔޫއެންޑީޕީ ގުޅިގެން އެ ސްޓޭޝަންތައް ގާއިމުކޮށްފައި ވަނީ މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލުގަ އެވެ.
ޔޫއެންޑީޕީގެ ކްލައިމެޓް ޕްރޮމިސް ޕްރޮޖެކްޓުގެ ދަށުން އެތަނުގައި ގާއިމުކޮށްފައި ވަނީ ފަސް ޗާޖިން ސްޓޭޝަނެވެ. އެ ހުރިހާ ސްޓޭޝަންތަކުން ވެސް ހަކަތަ އުފައްދާނީ އިރުގެ އަލި ބޭނުން ކޮށްގެންނެވެ.
ޗާޖިން ސްޓޭޝަންތައް ބޭނުން ކުރަން ފެށުން ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓަރު، އައިޝަތު ނަހުލާ ވިދާޅުވީ މިއަދު މި ނިންމާލެވުނު ޕްރޮޖެކްޓަކީ ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހެދުމާ ގާތަށް އެޅިގެންދިޔަ ފިޔަވަޅެއް ކަމަށެވެ.
"މިއީ ފެހި، ރައްކާތެރި ވެއްޓެއް ބިނާކުރުމަށް އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާގެ ދަށުން ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމާ ގާތަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް،" އޭނާ ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ނަހުލާ ވާހަކަދައްކަވަނީ --
ތިމާވެއްޓާ ރައްޓެހި އުޅަނދުފަހަރު ރާއްޖެއަށް ތައާރަފުކޮށް ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ހަކަތަ އުފެއްދުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. އެގޮތުން ރާއްޖެއިން ވަނީ ޕެރިސް އެގްރީަނޓުގައި އެއްބަސްވެފައިވާ ގޮތުގެ މަތީން، 2030 ވަނަ އަހަރާ ހަމައަށް ދާއިރު، ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް އަމާޒުހިފައި ރާއްޖޭގެ ގާނޫނުގައި ވެސް އެކަން ހިމަނައިފަ އެވެ.
މިއަދުގެ ރަސްމިއްޔާތަށްފަހު ޓްރާންސްޕޯޓު މިނިސްޓަރީ އާއި ޔޫއެންޑީޕީން ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގެ 41 އިންސައްތަ މީހުން ދިރިއުޅެމުން ދަނީ މާލެ ސަރަހައްދުގައި ކަމަށްވެފައި އެ ހުރިހާ އެންމެންނަށް ފަސޭހައިން ދަތުރުފަތުރުކޮށް އުޅެވޭނެ ގޮތެއް ހޯދުމަކީ ގައުމުގެ އިގުތިސާދަށް މުހިންމު ކަމެއްކަމުން ރާއްޖެއަށް ގިނަ އަދަދެއްގެ އުޅަނދުފަހަރު އެތެރެކޮށް ބޭނުން ކުރަމުންދާ ކަމަށެވެ.
މާލޭގައި ގާއިމު ކުރި ޗާޖިން ސްޓޭޝަނެއް --
ދަތުރުފަތުރު ކުރުމަށް އެތެރެ ކުރާ އުޅަނދުފަހަރު އިތުރުންވުމުގެ ސަބަބުން ޖައްވަށް ކާބަން ބޭނުން ކުރާ މިންވަރު އިތުރުވެ، މާލެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ތަގައްޔަރުވެފައި ވާކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"އުޅަނދުފަހަރު އެހައި ގިނަވުމުގެ ސަބަބުން ދަތުރުފަތުރުގެ ސިނާއަތަކީ ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ޖައްވަށް ގްރީންހައުސް ގޭސް ބޭރު ކުރާ ސިނާއަތުގެ ގޮތުގައި ވަނީ ލިސްތު ކުރެވިފައި،" 2015 އަހަރު ކޮށްފައިވާ ދިރާސާއަކާ ހަވާލާދީ އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޔޫއެންޑީޕީގެ ކްލައިމެޓް ޕްރޮމިސް ޕްރޮޖެކްޓުގެ ދަށުން ރާއްޖެ ހިމެނޭހެން ދުނިޔޭގެ 120 ގައުމެއްގައި ތިމާވެށި ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ހިންގަމުންދެ އެވެ. އެ ޕްރޮޖެކްޓަކީ ދުނިޔޭގައި ހިންގާ އެފަދަ އެންމެ ބޮޑު ޕްރޮޖެކްޓެވެ.
Comment