Advertisement

ތަފާސްހިސާބުގެ ބޭނުމަށް ކުދިން ބާކީކުރުން ހުއްޓާލުމުން މަޖުބޫރު މާއްދާތަކުން ފާސްވާ ވަރު އިތުރު

30 މޭ 2023 - 11:17 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު. މަޖުބޫރު މާއްދާތަކުގެ ފާސް އިންސައްތަ ރަނގަޅުވެފައިވާ ކަމަށް ވިދާޅުވި --- ފޮޓޯ: މަޖިލިސް އިދާރާ


ތަފާސްހިސާބުގެ ބޭނުމަށް ކުދިން ބާކީކުރުން ހުއްޓާލުމުން މަޖުބޫރު މާއްދާތަކުން ފާސްވާ ވަރު އިތުރު

30 މޭ 2023 - 11:17 0

ރާއްޖޭގައި ސެކަންޑްރީއަށް ކިޔާވާ ކޮންމެ ދަރިވަރަކު ވެސް ފަސް މާއްދާ ހެދުމަށް މަޖުބޫރުކުރީ 2020 ގައި ކަމަށާއި ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު ދަށް ކަމަށް ދައްކަނީ މީގެ ކުރިން ތަފާސްހިސާބުތައް ހެދުމުގައި ބައެއް ދަރިވަރުން ބާކީކޮށް އެ ކުދިންގެ ނަތީޖާތައް ހިމަނާފައިނުވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު އޯލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވީ ކުދިންގެ އަދަދު 50 ޕަސެންޓަށް ވުރެ ދަށް ކަމަށް ރިޕޯޓު ކޮށްފައި ވާއިރު އެކަމާ ގުޅިގެން އާންމުންގެ ގިނަ ފާޑުކިިޔުންތަކެއް އެޑިއުކޭޝަނަށް ވަނީ އަމާޒުވެފަ އެވެ. އޯލެވެލުން ފާސްވި ކަމަށް ބަލަނީ މަޖުބޫރު މާއްދާތައް ހިމެނޭހެން ފަސް މާއްދާއިން ފާސްވުމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންގެ ތަފާސްހިސާބުތައް 2019 ގެ ކުރިން ތައްޔާރު ކުރަމުން ދިޔައީ ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދު ކަނޑައަޅާއިރު, ދަސްވާރަކީ ތިން މާއްދާގެ ފާސް ކަމަށާއި ބީޓެކަކީ ހަތަރު މާއްދާގެ ފާސް ކަމަށް ބަލައިގެންނެވެ.

ދަސްވާރު ހަދާ ކުދިންނަށް އޯލެވެލް އާއި އެސްސީސީގެ މާއްދާތަކުގެ ތެރެއިން، އެކުއްޖަކު އިހުތިޔާރުކުރާ ދެ މާއްދާ ފިޔަވައި އެހެން ހުރިހާ މާއްދާތަކެއް ދޫކޮށްލެވެ އެވެ. އޭގެ އިތުރުން, ބީޓެކް ހަދާ ކުދިންނަށް އޯލެވެލް އާއި އެސްސީސީގެ މާއްދާތަކުގެ ތެރެއިން، އެކުއްޖަކު އިހުތިޔާރުކުރާ އެއް މާއްދާ ފިޔަވައި އެހެން ހުރިހާ މާއްދާތަކެއް ދޫކޮށްލެވެ އެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް ފެންނަނީ އަސްލު ރެޕްރެސެންޓޭޝަން އެއް ނޫން. ފަސް މާއްދާއިން ފާސްވާ ކުދިން ކަލްކިއުލޭޓް ކުރަން އޮފް ރޯލް ކުރަނީ. އެއީ ފާސް ނުވާނެހެން ހީވާ ކުދިން ބާކީކޮށްފައި ފާސްވާނެ ކުދިން ކަލްކިއުލޭޝަނަށް ލާފަ ތަފާސްހިސާބު ހަދަނީ," މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުގެ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.

އޮފް ރޯލް ކުރުމަކީ ކޮބާ؟


އެ ބަދަލު 2020 ގައި ގެނައުމުގެ ކުރިން އޯލެވެލް އިމްތިހާނު ހެދުމަށް ފުރުސަތު ދެނީ ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ނަތީޖާއަށް ބަލައި، ފާސްވާނެ ކަމުގެ ޔަގީންކަން އޮންނަ މާއްދާތަކުން އެކަންޏެވެ. ފާސްނުވާނެ ކަމަށް ފެންނަ ދަރިވަރުން ތަފާސްހިސާބަށް ނާރާ ގޮތް ހެދުމަށް ކިޔަނީ "އޮފް ރޯލް" ކުރުމެވެ. މިއީ ނަތީޖާތައް ރަނގަޅުކަމަށް ދެއްކުމަށް ބޭނުންކުރާ އުކުޅެކެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދުތައް މީގެކުރިން ފެންނަމުންދިޔައީ އިތުރުކޮށް ކަމަށާއި އެހެން ނަމަވެސް މި ސަރުކާރު އައުމަށް ފަހު 2020 ގައި ބަދަލުތަކެއް ގެނައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ޑްރޮޕް ކުރުމުގެ ފުރުސަތު ދެނީ ވަރަށް ވެސް ސިވިއާ ކޭސްއެއް ހުންނަށް ކުއްޖަކަށް, އަޅުގަނޑު ވެސް ބެލުމަށް ފަހު. އެހެންވީމާ ހުރިހާ ކުދިން ހެން ފަސް މާއްދާ ހަދާ," އޭނާ ވިދާޅުވި އެވެ.

އަދި, 2020 ގެ ކުރިން ހިސާބު އަދި އިނގިރޭސި މި ދެ މާއްދާއަކީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ދެބައިކުޅަ އެއްބައި ދަރިވަރުންނަށް އެކަނި ފާސް ނަތީޖާ ނެރެވޭ މާއްދާތަކަށް ވުމުން އެކަން ހައްލު ކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ފެށި ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ. އެ ޕްރޮގްރާމްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހިއްސާކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ހިސާބުން 62 ޕަސެންޓު އަދި އިނގިރޭސިން 73 ޕަސެންޓު ކުދިން ވަނީ ފާސްވެފަ އެވެ. އެ އަދަދުތައް 2019 ގައި ހުރީ 52 އަދި 56 ޕަސެންޓުގަ އެވެ.

ހިސާބު, ދިވެހި, އިނގިރޭސި އަދި އިސްލާމުން ދަރިވަރުން ފާސްވެފައިވާ ނިސްބަތް ---


ދަރިވަރުންގެ އިލްމީ ގާބިލުކަން ބިނާވާ މައިގަނޑު ބަހާތަކަކީ ލިޔުންތެރިކަމާއި ކިޔުންތެރިކަމާއި ހިސާބު އިލްމު ކަމަށާއި މި މާއްދާތައް ނުލައި ދަރިވަރުގެ ހަގީގީ ނަތީޖާ ވަޒަން ނުކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް އެޑިއުކޭޝަނުން ބުނެފައިވެ އެވެ. އެހެންވެ, 2020 އިން ފެށިގެން އިސްލާމް، ދިވެހި، އިނގިރޭސީ، ހިސާބު އަދި ސްކޫލުގައި ކިޔަވައިދޭ އިތުރު އެއް މާއްދާ ހިމަނައިގެން ފަސް މާއްދާއިން އޯލެވެލް ހަދަން މަޖުބޫރުކުރި އެވެ.

މިއީ ލިޓްރަސީ އަދި ނިއުމަރަސީ އަކީ ކޮންމެހެން ވެސް ދަރިވަރުންނަށް މުހިންމު އަސާސީ އުނގެނުމަކަށް ވާތީ އާއި ހުރިހާ ކުދިން ޝާމިލުކުރުމުގެ ސިޔާސަތުގެ ދަށުން ގެނައި ބަދަލެއް ކަމަށް ވެސް އެޑިއުކޭޝަނުން ބުނެ އެވެ. އެއާއެކު, ތަފާސްހިސާބުން ދަރިވަރުންގެ ހަގީގީ ނަތީޖާ ފެނިގެންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ވޭތުވެދިޔަ ދެ އަހަރުގެ ނަތީޖާއަށް ބަލާއިރު، ގައުމީ ގަދަ 10 އެއްގައި ހިމެނޭ ކުދީންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައިވާ ކަމަށާއި 2021-2022 ވަނަ ދިރާސީ އަހަރު ސާނަވީ ނިންމާ އިމްތިހާންތައް ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން 13 އިންސައްތަ ދަރިވަރުން ގަދަ 10 އެއްގައި ހިމެނުނުކަން އެ މިނިސްޓްރީން ފާހަގަކުރި އެވެ.

ދަރިވަރުން ބައިވެރިވި މާއްދާތަކުން ގްރޭޑް ލިބިފައިވާ ގޮތް.


ފާސްވި ނިސްބަތަށް ބަލާއިރު، އިހުތިޔާރީ މާއްދާތަކުން 60 ޕަސެންޓަށް ވުރެ ގިނަ ދަރިވަރުން ފާސްވެފައިވާކަން ވެސް އެ މިނިސްޓްރީން ހިއްސާކުރި ތަފާސްހިސާބުތަކުން އެނގެ އެވެ.

ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ފުރަތަމަ ފަހަރަށް، 75 ޕަސެންޓަށް ވުރެ ގިނަ ދަރިވަރުން ފާސް ނަތީޖާ ހޯދީ ވެސް މިދިޔަ އަހަރު އެވެ. އާޓްސް އަދި ސައިންސް ސްޓްރީމްގެ މާއްދާތަކުން އިމްތިހާނުގައި ބައިވެރިވި 80 ޕަސެންޓު ދަރިވަރުން ފާސް ނަތީޖާ ހޯދިއިރު، މިއީ ފާއިތުވެދިޔަ އަހަރުތަކާ އަޅާ ބަލާއިރު، ސައިންސްގެ މާއްދާތަކުންވެސް ދަރިވަރުން ހޯދާފައިވާ ކުރިއެރުމެއްކަން އެޑިއުކޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.