އިއްޒަތްތެރި ރައީސެވެ!
މިއީ އިހު ޒަމާނުގައި ރާއްޖޭގެ ރަށެއްގައި އުޅުއްވިކަމަށް ބުނާ ކަތީބެއްގެ ވާހަކައެވެ. ވަނަމަކަށް ކިޔަނީ ތިރު ކަތީބެވެ. އަތޮޅުވެރިން ރުއްސުމަށްޓަކައި އަތޮޅުވެރިންގެ ކޮންމެ ކަމަކަށް ތާއީދުކޮށް ޚުޝާމަދު ކުރުމުގައި އެފަދަ ދެވަނައެއް ނެތް ކަތީބެކެވެ. މި ކަތީބުގެ ޚުޝާމަދުގެ ދަރަޖައަކީ، އަތޮޅުވެރިން ކޯފާވެގެން ކަތީބުގެ ފަޔަށް ކުޅެއް ޖެހީމާ ވެސް، ކައިރީގައި ތިބޭ މީހުންނަށް ބުނެޔޯލައެވެ؛ އަތޮޅުވެރިންގެ ކުޅުފޮދުން ހާދަ ރީތިކޮށް ފޮނުއަރާ ދެއްތޯއެވެ!
މިހާރު ވެގެން މިއުޅެނީ ވެސް އެ ޒާތުގެ ކަމެކެވެ. އިސްކޫލުތަކާއި މަދަރުސާތަކުގެ އަންހެން ކުދިން އިސްކޫލަށް ދާއިރު، ދިގު ހަރުވާޅު ލާން ސަރުކާރުން މަޖުބޫރުކުރީއެވެ. އެކަމާ ލިބުނު އުފަލެއްގެ ބޮޑުކަމުން، އެއް ބަޔަކު އަތް ފޫ ދާ ވަރަށް އަތް ޖަހައި ތައުރީފާއި ސަނާގެ ބަސްތައް އޮއްސަނީއެވެ. ދީނަށް ލޯބި ކުރައްވާލެއް ބޮޑުކަމުންނާއި، ލާދީނީ މީހުންގެ ކިބައިން ގައުމުގެ ޒުވާން ޖީލު ސަލާމަތްކުރުމުގެ އަމަލީ މަސައްކަތް ފެއްޓެވިކަމަށް ބުނަމުންނެވެ.
ސަރުކާރުގެ އެ ނިންމުމަށް ކިރިޔާ ވެސް ފާޑެއް ކިޔައި އެއްޗެއް ބުނެފި ކޮންމެ މީހެއްގެ ނިތުގައި "ލާދީނީ" ލައްގަނޑު ވެސް އެބަ ޖައްސައެވެ. އެކަމަށް ބަސް ބުނަނީ، ދީނަށް އެއްވެސް ލޯތްބެއް ނެތުމުން ކަމަށް ވެސް ތުހުމަތުކުރަނީ އެވެ. އެކަމާ މެދު ވާހަކަ ދައްކަނީ، ދިވެހިން ލާދީނީ ކުރަން މަސައްކަތް ކުރާ ބޭރުގެ ފަރާތްތަކާ ގުޅިފައިވާ މީހުން ކަމަށް ވެސް ބުނަނީއެވެ.
ނަމަވެސް، ސަރުކާރުގެ އެ ނިންމުމުން ހާސިލުވާނެ ނަތީޖާއަކީ ކޮބައިކަމެއް އެނގޭ މީހަކު ނެތެވެ. ކުރަން އުޅޭ ކަމަކީ ކޮބައިކަމެއް، ކުރެވުނީ ކޮން ކަމެއްކަން އެނގޭ މީހަކު ވެސް، އެކަމަށް ތާއީދުކޮށް އަތްޖަހާ މީހުންގެ ތެރެއަކު ނެތެވެ. ހަމައެކަނި ވީ ކަމަކީ، ކަން ނުވެ ނަންވީ އެވެ. ނުވަތަ ވާން އުޅެނީ އެވެ.
އެކަމަށް ތާއީދުކުރާ ބަޔަކާއި، ތަފާތު އެހެން ނަޒަރަކުން އެކަމާ މެދު ވިސްނައި ފާޑުކިޔާ މީހުން އެބަތިއްބެވެ. އެކަމަށް ފާޑުކިޔާ މީހުން ވެސް ދެ ބަޔަކަށް ބެހެއެވެ. އެއް ބަޔަކީ ސިޔާސީ ނަޒަރަކުން ފާޑު ކިޔާ މީހުންނެވެ. އަނެއް ބަޔަކީ އިގްތިސާދީ ނަޒަރަކުންނާއި އިޖްތިމާއީ ނަޒަރަކުން ވިސްނައި އެކަމުން ނުކުންނާނެ ނަތީޖާއަކާ މެދު ފާޑުކިޔާ ބައެކެވެ.
އެމީހުން ދެކޭ ގޮތުގައި އިސްކޫލު ކުދިންގެ ޔުނީފޯމަށް ގެންނަން އުޅޭ ބަދަލަކީ، މިހާރު ވެސް ތިން އިރު ހަމަޔަށް އަނގަޔާއި އަތާ ދިމާ ނުކުރެވިފައި ތިބި ބެލެނިވެރިންގެ އަތުން ބޭކާރު ގޮތުގައި ކުރާ ހަރަދުތަކެކެވެ. އަދި އެއީ ދައުލަތުގެ ބަޖެޓުން ފައިސާތަކެއް އިސްރާފު ކުރުމެވެ. ނުވަތަ ދައުލަތުގެ ބަޖެޓުން ވަކި ބަޔަކަށް ފައިސާތަކެއް ދިނުމަށްޓަކައި ޖަހާ މަޅިއެކެވެ.
ސަބަބަކީ އެ ގެންނަ ބަދަލުގެ ސަބަބުން ހުރިހާ އިސްކޫލުތަކުގެ ޔުނީފޯމު އެއްގޮތް ކުރެވެނީކީ ނޫނެވެ. އަދި އަމުދުން ކުދިންގެ ކިޔެވުމަށް ހެޔޮ ބަދަލެއް އަންނަނީކީ ވެސް ނޫނެވެ. ނުވިތާކަށް، މިހާރު ބޭނުންކުރާ ޔުނީފޯމުގެ ބަދަލުގައި އަލަށް ތައާރަފްކުރާ ޔުނީފޯމުން ހާސިލުކުރެވޭނެ ހެޔޮ ބަދަލަކީ ކޮބައިކަން ވެސް ސަރުކާރުން ބުނެދިނީކީ ނޫނެވެ.
އައު ޔުނީފޯމެއް ތައާރަފްކުރުމުގެ ބަދަލުގައި، ހާސިލުކުރަން އުޅޭ ނަތީޖާއަކާ ގުޅޭ ގޮތުން، މިހާރު ބޭނުންކުރާ ޔުނީފޯމަށް ބަދަލެއް ގެނެވިދާނެއެވެ. ކޮންމެވެސް ވަރެއްގެ ހަރަދުތަކެއް ހިނގިޔަސް، އިސްލާހީ ބަދަލެއް ވިއްޔާ ކޮންމެ މީހަކު ވެސް ބަލައިގަންނާނެއެވެ. އެފަދަ ވިސްނުމެއް ނެތި، މޮޅު ކަމެއް ކޮށްލުމުގެ ބޭނުމުގައި، ޔުނީފޯމު ބަދަލުކުރުމަށް ވުރެ، މިހާރު އެ އިސްކޫލެއްގައި ބޭނުންކުރާ ޔުނީފޯމެއް ބޭނުންކުރަން ދޫކޮށްލުމުން ހުރިހާ ގޮތަކުން ވެސް ފައިދާވާނެއެވެ.
އިސްކޫލު ކުދިންގެ ޔުނީފޯމަށް ގެންނަ ބަދަލުތަކަށް ތާއީދުކުރާ މީހުންނަށް، އެ ބަދަލުގެ ތެރެއިން ފެންނަނީ ހަމަ އެންމެ ބަދަލެކެވެ. އެއީ އަންހެން ކުދިން ޔުނީފޯމާ އެކުގައި ދިގު ހަރުވާޅު ލާން ލާޒިމުކުރުވުމެވެ. އެއީ ދީން ހިމާޔަތް ކުރުމެވެ. ކުދިންގެ ހިތްތަކުގައި ދީނަށް ލޯބި ޖެއްސުމެވެ. ޔުނީފޯމާ އެކުގައި ދިގު ހަރުވާޅު ލެއްވުމުން، އެކުދިންގެ ދީނީ ލޯބި އިތުރުވާ ނަމަ، އަދި އެކަމުގެ ސަބަބުން އެކުދިންގެ އީމާންތެރިކަން އިތުރުވާ ނަމަ، އެކަމަށް އެކަކުވެސް ދެކޮޅެއް ނުހަދާނެއެވެ. ނަމަވެސް ސުވާލަކީ، ދިގު ހަރުވާޅެއް ލައްވައިގެން އެކަންކަން ހާސިލުވާނެ ހެއްޔެވެ؟
އަންހެން ކުދިންގެ އައުރަ ނިވައިވާ ގޮތަށް ދިގު ހަރުވާޅެއް ލެއްވުމަށް ފަހަރެއްގައި ވެސް ދެކޮޅު ހަދަނީކީ ނޫނެވެ. އަދި އެކަން ކުރަންނުޖެހެޔޭ ބުނަނީކީ ވެސް ނޫނެވެ. ނަމަވެސް، މަޖުބޫރުން ކުރުވަންވީ ކަންކަމުގައި ވެސް އިސްކަންދޭން ޖެހޭ ތަރުތީބެއް އޮންނަ އިރު، އެ ތަރުތީބު ދޫކޮށްލައި ނަމެއް ލިބިގަތުމަށްޓަކައި ކަމެއް ކުރުވަން އުޅޭތީ އެއްޗެއް ބުނަންޖެހުނީއެވެ.
އިއްޒަތްތެރި ރައީސެވެ! އިސްލާމް ދީނުގެ ނައްސުތަކަށް ބައްލަވާށެވެ! އަދި އަރިހުގައި ތިއްބެވި އިލްމުވެރިންނޭ މިކިޔާ ބޭފުޅުން ގާތުން އައްސަވައި އޮޅުންފިލުއްވާށެވެ! އިސްކަން ދޭންޖެހެނީ ދިގު ހަރުވާޅު ލައްވަންތޯ ނުވަތަ އެކުދިންގެ މޭމައްޗާ އެކުގައި ނިވައިވާނޭހެން ބުރުގާ އަޅުވަންތޯ، ދިރާސާކުރައްވައި ބައްލަވާށެވެ! އައުރަކަމުގައި ބަލާ މިންގަނޑާއި، ބެލުންތައް ތިރިކުރުމަށް އަންގަވާފައި އޮންނަ އެންގެވުމުގެ މަފްހޫމާއި، ނިވައިކުރަން ތިޔަ ނިންމެވި މިންގަނޑުގައި ގުޅުމެއް އެބަހުރިތޯ އަދި އެއްފަހަރު ސުވާލު ކޮށްލައްވާށެވެ!
މަޖުބޫރު ކުރެއްވުން ދޫކޮށްލައްވާށެވެ! މީގެ ކުރިން ރައީސް މައުމޫންގެ ދައުރުގައި ވެސް އެކަން ކުރި ގޮތަށެވެ. ވަރަށް މަތިވެރި ހިކްމަތަކަށްޓަކައެވެ. މަޖުބޫރު ކުރެއްވުމުގެ ބަދަލުގައި، އަންހެން ކުދިންނާއި އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރިން، ދީނުގައި ކަނޑައެޅިފައިވާ އައުރަ ނިވައިކުރުމުގެ އަސާސްތަކުގެ މައްޗަށް ހޭލުންތެރިކުރުވާށެވެ! ދީނީ އިމުގެ ތެރޭގައި އައުރަ ނިވައިނުކުރާ މީހުންގެ އުޚުރަވީ ނަތީޖާއަށް ބިރުގަންނުވާށެވެ!
އޭރުން ތިޔައިން އެއްވެސް އުސޫލެއް ހަދާކަށް ނުޖެހޭނެއެވެ. ކިތަންމެ ބޮޑު ހަރަދެއް ހިނގިޔަސް، އަދި ކިތަންމެ ހޫނެއް ވިޔަސް، ބުރުގާ އަޅާ ހިތުން އަޅާނެއެވެ. ދިގު ހަރުވާޅު ވެސް ލާނެއެވެ. އަދި ފެޝަނަކަށް ބުރުގާ އެޅުން – ގަޔަށް ބާރު ހެދުން ލުން ވެސް – ހުއްޓި، އިއްފަތްތެރިވުމަށް ހެދުން އަޅާ ކުދިން ގިނަވާނެއެވެ. މިހާރު ބުރުގާ އަޅައި ދިގު ހަރުވާޅު ލައިގެން އިސްކޫލުތަކަށް ކުދިން އެދަނީ ބަޔަކު މަޖުބޫރުކޮށްގެންނެއް ނޫނެވެ. އަދި ހަރުވާޅުގެ މަތިން އިސްކާޓު ލަނީ ވެސް ހަމަ އަމިއްލައަށެވެ. ހެދުން އެޅުމުގައި އިއްފަތްތެރިވުމަކީ ދީނުގައި އެކަން އޮންނަ ގޮތްކަން ގަބޫލުކުރެވިގެން، އަމިއްލަ އިހުތިޔާރުގައެވެ.
މަޖުބޫރުން ދިގު ހަރުވާޅު ލައްވައިގެން އިސްކޫލަށް ގެންދިޔުމަށް ފަހު، އިސްކޫލު ނިމިގެން އައިސް ސޯޓުބުރި ނުވަތަ އިސްކާޓެއް ލައިގެން މަގުމައްޗަށް ނުކުތީމާ، އެޖެހުނީ ކޮން ތަނަކުތޯއެވެ. ފޫ ނެތް ފަޔަށް ފެން ފުރި މީހާއަށް ވީވަރު ވެސް ނުވީ ނޫންތޯއެވެ! އޭގެ ބަދަލުގައި، އެކަމަށް ހޭލުންތެރިކުރުވައިގެން ދިގުހަރުވާޅު ލައްވައި ބުރުގާ އެޅުވީމާ، ކުރު ހެދުންލީ ކުދިން މަގުމަތިން ފެންނާތީ ލަވަ ހަދައިގެން ކިޔާނޭ އެކަކުވެސް ނޫޅޭނެއެވެ.
އައު ޔުނީފޯމެއް ތައާރަފްކުރުމުގެ ކުރިން، އިސްކޫލުތަކަށް ހާއްސަކޮށްގެން ގަވާއިދުން ހިންގާނެ ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ފައްޓަވާށެވެ! މަދުވެގެން މަހަކު އެއް ފަހަރު، އެކުދިންނާއި ކުދިންގެ ބެލެނިވެރިންނަށް އަދި ކިޔަވައިދޭ ޓީޗަރުންނަށް ދީނީ މައުލޫމާތު ދޭންވާނެއެވެ! ފަށާއިރު ތަރުހީބު ކުޑަވެދާނެއެވެ. ކާމިޔާބުވާން މުއްދަތެއް ވެސް ނަގާނެއެވެ. ނަމަވެސް އޭގެ ނަތީޖާ ފޮނިވާނެއެވެ.
ދީނީ ހޭލުންތެރިކަމަށް ފަހު، ތަރުތީބުން ދެވަނައިގައި އޮތީ، ނިވައިކަން ކުޑަވާ ގޮތަށް އުޅުމަށް ހިތްވަރު ލިބޭ ކަންކަން، ތައުލީމީ ދާއިރާއިން، މަޑުމަޑުން ބޭރުކުރުމެވެ. އެއީ ހަށިގަނޑުގެ ވަނާތަކާއި ރީތިކަމާއި ފަރިކަން އެހެން މީހުންނަށް ދެއްކުމުގެ ހަރަކާތްތައް އިސްކޫލުތަކުން އެއްކޮށް ހުއްޓައިލުމެވެ. އެންމެ ތުއްތުކުދިންގެ މަރުހަލާއިން ފެށިގެން މަތީ ސާނަވީއާ ހަމައަށް، ސަރުކާރުގެ ހުރިހާ އިސްކޫލުތަކެއްގައި، ނެށުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމެވެ.
ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގައި ވެސް، ޓީޗަރުންގެ މެދުގައި ނެށުމުގެ އެއްވެސް ހަރަކާތެއް ނުބޭއްވުމެވެ. ނެށުމުގެ ފުރުސަތު އޮތުމަކީ، ނެށުމުގައި ތިމާގެ ރީތިކަމާއި ހަށިގަނޑުގެ ފަރިކަން އެހެން މީހުންނަށް ދެއްކުމަށް ދެވޭ ދައުވަތެކެވެ. ނަށަން ބޭނުންވާ މީހާ ނުވަތަ ކުދިން އެކަމަށް ނުކުންނާނީ ވެސް، ތިމާގެ ޖިސްމުގެ ރީތިކަމާއި ފަރިކަން އެންމެ ފުރިހަމައަށް ދެއްކޭނެ ގޮތަށް ހެދުން އަޅައިގެންނެވެ.
ކިތަންމެ ނުރުހުނަސް މިހުރީ ގަބޫލުކުރަންޖެހޭ ހަގީގަތްތަކެވެ. ހަށިގަނޑުގައި ހުރި ރިހުމެއް ފިލުވެން އޮތީ އެ ބޭހެއް ބޮއެގެން ކަމަށްވާ ނަމަ، ކިތަންމެ ހިތި ރަހަ ދިނަސް އެ ބޭހެއް ބޯންޖެހޭނެއެވެ. މޭނުބައިކޮށް އޯކާދެމޭ ގޮތްވެސް ވާނެއެވެ. އެހެންވިޔަސް، ބަލިން ފަސޭހަވެ ދުޅަހެޔޮ ދިރިއުޅުމަކަށް ފުރުސަތު ލިބޭނެއެވެ.
ދިވެހި ހަރުބަހެއްގައި އޮވެއެވެ؛ "ކަންވެ ނަން ނުވިޔަސް، ކަން ނުވެ ނަން ނުވާށެވެ!" މިއީ ރަނގަޅު ކަމެއް ކޮށްގެން އެކަމުގެ ރީތި ނަން ނުލިބުނަސް، ކަމެއް ނުކޮށް އެކަން ކުރުމުން ލިބެންވާ ރީތި ނަން ލިބިނުގަންނާށޭ ބުނުމަށް ބުނެ އުޅޭ ދިވެހި ހަރު ބަހެކެވެ.
މިފަހަރު ތިޔަ ކުރެއްވި ކަމަކުން، އެ ލިބެނީ އަމަށަކު މަލާމާތަކާއި ފުރައްސާރައެއް ނޫނެވެ. އަރިހުގައި ތިއްބެވި ކުޑަތާ ވަޒީރުންނާއި ނާއިބުން ވިދާޅުވާނެއެވެ؛ ޔުނީފޯމަށް ގެންނަ ބަދަލަށް ރައްޔިތުންގެ ތާއީދު ހާދަހާ ބޮޑެވެ. އެހެން ބުނާ މީހާ އެކުރާ ކަމަކީ، މަނިކުފާނު ޅޮސް އުނދޯއްޔަށް އެރުވުމެވެ. އާހިރުގައި ހުރިހާ ގެއްލުމެއް މަނިކުފާނަށެވެ! ތިރު ކަތީބުންގެ ވާހަކަ އަޑު ނާއްސަވާށެވެ!
Comment