Advertisement

ހަވާ އެރުވުމާއި ގިނަ ހަރަކާތްތަކާއެކު މިފަހަރުވެސް ވެލިދޫގައި އީދު ތަފާތުވާނެ

30 މޭ 2023 - 14:10 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މިދިޔަ އަހަރު ވެލިދޫގައި ފާހަގަކުރި އީދުގެ ތެރެއިން ދަފި ނަގަނީ : މި އަހަރުވެސް ވެލިދޫގެ އީދު ތަފާތުވާނެ - ފޮޓޯ: ވެލިދޫ އީދު އުފާ


ހަވާ އެރުވުމާއި ގިނަ ހަރަކާތްތަކާއެކު މިފަހަރުވެސް ވެލިދޫގައި އީދު ތަފާތުވާނެ

30 މޭ 2023 - 14:10 1

ވެލިދޫގެ ރައްޔިތުންނަކީ އިހު ޒަމާނުއްސުރެ ފޯރީގައި އީދު ފާހަގަކުރަމުން އައި ބަޔެކެވެ. ހާއްސަކޮށް އަލްހާ އީދު ފާހަގަކުރުމުގައި ގިނަ ކުޅިވަރުތައް ކުޅެ، ރަށުގެ އެންމެން ބައިވެރިވެގެން މަޖާ ނަގާ، އުފާ ފާޅުކުރުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެކި ސިފައިގައި ކުރަމުން އަންނަ ކަމެކެވެ. އެގޮތުން, ކުލަގަދަކޮށް ރާއްޖޭގައި އީދު ފާހަގަކުރާ އެއް ރަށުގެ ގޮތުގައި އަބަދުވެސް މަޝްހޫރު ނ. ވެލިދޫ، މި އަހަރުވެސް ތައްޔާރުވަމުން ދަނީ ކުލަގަދަ، ތަފާތު އީދެއް ފާހަގަކުރުމަށެވެ.

ޒަމާނާއެކު އީދުގެ ކުޅިވަރުތައްވެސް ކުރިއަރާ، ފަހުގެ ވައްޓަފާޅިއަށް ފެތެމުންދިޔަ ނަމަވެސް ވެލިދޫ އަކީ އަބަދުވެސް އެންމެ އިހުގެ ކުޅިވަރުތައް ހިމަނައިގެން އީދު ފާހަގަކުރާ ރަށެކެވެ.

ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން "އަދަދު" އަށް ވިދާޅުވީ މި އަހަރުގެ އީދަށް ވެލިދޫއަށް ޒިޔާރަތް ކުރުމަށް ގިނަ ބަޔަކު ރާވަމުންދާކަން ކައުންސިލަށްވެސް އެނގޭ ކަމަށާއި އުންމީދަކީ ވެލިދޫގައި އަބަދުވެސް ފާހަގަކުރާ ފަދަ ތަފާތު، ފޯރިގަދަ އީދެއް މި އަހަރުވެސް ފާހަގަކުރުން ކަމަށެވެ.

ވެލިދޫގައި މިދިޔަ އަހަރު ކުރިއަށް ގެންދިޔަ އީދު މަޅި ޖެހުމުގެ ހަރަކާތް - ފޮޓޯ: ވެލިދޫ އީދު އުފާ


ވެލިދޫ އީދު ކުޅިވަރުތައް

ވެލިދޫގައި އީދު ކުޅިވަރުތައް ފެށަނީ އީދު ވިލޭރޭ އެވެ. އެގޮތުން, އިރާކޮޅު ރަންފޮށި އުފުލުމާއި އީދު މަޅިޖެހުން، އަދި މެންދަމު އީދު ނެރުމަކީ ވެލިދޫގައި ވޭތުވެދިޔަ 50 އަކަށް އަހަރުވެސް، ކޮންމެ ބޮޑު އީދެއް ފެށުމުގެ ގޮތުން މެދުކެނޑުމެއްނެތި ހިންގި ހަރަކާތްތަކެކެވެ.

ސަގާފީ ގޮތުން ދިވެހިން އީދާއި ގުޅުވައިގެން ކުޅޭ އެކި ކުޅިވަރުތަކުގެ މުބާރާތްތައް ވެސް ވެލިދޫގެ އީދު ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދެ އެވެ. އޭގެ ތެރޭގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ފައިގަތަޅާ އަދި ވާދެމުމުގެ މުބާރާތެކެވެ. ޒަމާނީ ކުޅިވަރުތަކަށް ބަލާއިރު ބައިސްކަލް އަދި ސައިކަލް ރޭހާއި ކަލާ ރަން ހިމެނެ އެވެ.

މިދިޔަ އަހަރު އީދުގެ ތެރެއިން ވެލިދޫގައި ކުރިއަށް ގެންދިޔަ ކަލާ ރަންގެ ތެރެއިން - ފޮޓޯ: ވެލިދޫ އީދު އުފާ


އޭގެއިތުރުން، އީދުގެ ފުރަތަމަ ތިން ރޭ ސްޓޭޖް ޝޯ ބޭއްވުމަށް ހަމަޖެހިފައިވާއިރު، އީދު ދުވަހުގެ ރޭ ވެލިދޫގައި އީދުގެ އުފާ ފާޅުކުރުމަށް ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. މި ޝޯތައް ދިނުމަށް ރާއްޖޭގެ މަޝްހޫރު ގްރޫޕްތަކާއި ބޭންޑުތަކާ އެކު ވެލިދޫ އީދު ކޮމިޓީއިން ދަނީ މިހާރު މަޝްވަރާކުރަމުންނެވެ.

ޒަމާނުއްސުރެ އީދު ފާހަގަކުރުމަށް ހިންގޭ ހަރަކާތްތަކުގެ ތެރެއިން، މަސްކުޅުން، ދަފިނެގުން، ކޯޑިކުޅުން، ދެލިމާލި ހެދުންފަދަ އެތައް ހަރަކާތެއްވެސް މި އަހަރު ވެލިދޫގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އަހަރު ވެލިދޫގެ އީދު ހަރަކާތްތަކާއި، ތައްޔާރީތައް އަދި އީދު ކުރިއަށްދާ ގޮތް "އަދަދު" އިން ގެނެސްދެމުން ގެންދާނެ އެވެ.

ދެހާސް ފަސް ސަތޭކައަށްވުރެ މީހުންގެ އެކުވެރި އާބާދީއެއް އޮންނަ ވެލިދޫއަކީ އީދު ފާހަގަކުރުމުގައި އަބަދުވެސް ފާހަގަކޮށްލެވޭ ރަށެކެވެ. އީދުގެ ދުވަސްތަކަށް ވެލިދޫއަށް ކޮންމެ އަހަރަކު މާލެއިން އަދި އަތޮޅުގެ ރަށްރަށާއި ކައިރި އަތޮޅުތަކުން އެތައް ހާސް މެހެމާނުންނެއް ވެލިދޫއަށް ޒިޔާރަތްކުރެ އެވެ.