Advertisement

ސަރުކާރުގެ ޒިންމާ އަދާކުރިކަމުގެ ހެއްކަކަށް ރައީސް ދެއްކެވީ ކޮވިޑާއެކު ލަންކާއަށް ދިމާވި ހާލަތު

28 މޭ 2023 - 11:46 0

ފ. ބިލެތްދޫ

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ބިލެތްދޫ އާ ފެނަކަ އިމާރާތާއި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް


ސަރުކާރުގެ ޒިންމާ އަދާކުރިކަމުގެ ހެއްކަކަށް ރައީސް ދެއްކެވީ ކޮވިޑާއެކު ލަންކާއަށް ދިމާވި ހާލަތު

28 މޭ 2023 - 11:46 0

ފ. ބިލެތްދޫ

އަވަށްޓެރި ސްރީ ލަންކާއަށް ކުރިމަތިވި ފަދަ އިގްތިސޯދީ ހާލަތަކަށް ރާއްޖެ ނުދިޔައީ، ކޮވިޑުގައި ސަރުކާރުން ޒިންމާ އަދާކޮށް އެޅި ރަނގަޅު ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މި ރަށުގައި އަލަށް ގާއިމް ކުރެވުނު އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑުގެ ޝިކާރައަކަށް އެންމެ ފުރަތަމަ ވީ ރަށްތަކުގެ ތެރޭގައި މި ރަށް ހިމެނޭ ކަމަށާއި އޭގެ އުނދަގޫ ރައްޔިތުންނަށް އިންތިހާއަށް ކުރި ކަމަށެވެ.

އެގޮތުން, ލޮކްޑައުންގެ ސަބަބުން ފާނައިގެ މަސްވެރިކަމަށް ބަރޯސާވާ މި ރަށު މަސްވެރިންނަށް ދިމާވި ދަތި ހާލަތަށް ސަރުކާރުން އެހީ ފޯރުކޮށްދިން ކަން ރައީސް ފާހަގަކުރެއްވި އެވެ.

"ގާތްގަނޑަކަށް 9.5 މިލިއަން ރުފިޔާ މި ރަށުގެ މަސްވެރިންނަށާއި ވިޔަފާރިވެރިިންނަށާއި އެކިއެކި މަސައްކަތް ކުރާ ފަރާތްތަކަށް ދޫކުރިން،" ރައީސް ވިދާޅުވި އެވެ.

ސަރުކާރަށް އެއީ ބުރައަކަށް ވީނަމަވެސް، މީގެ ބޭނުމަކީ އެ ދަނޑިވަޅުގައި ރައްޔިތުން "ހަމަޖެހިލައިގެން" ދިރިއުޅެވޭނެ ގޮތް ހޯދުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރަށް ބުރަ ބޮޑުވި އެހެންނަމަވެސް އެފަދަ ދަނޑިވަޅެއްގައި އެކަހަލަ ދަނޑިވަޅެއްގައި ސަރުކާރުން ނަގަން ޖެހޭ ޒިންމާއެއް ނަގައި ބުރައެއް ނަގައި ދަތިނުވާ ގޮތަކަށް ކަން ކުރުމަކީ ކުރަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

މިއަދު އަވަށްޓެރި ލަންކާގެ މިސާލު ނަންގަވައި ރައީސް ވިދާޅުވީ މި ހިސާބަށް އާދެވުނީ އެފަދަ ނިންމުންތަކުގެ ސަބަބުން ކަމަށެވެ.

"އޭރު ލަންކާގެ މިނިސްޓަރެއް ވިދާޅުވި ހެދުނު އެންމެ ބޮޑު ގޯހަކީއޭރު ލަންކާގައި ފަށާފައި ހުރި އިންފްރާސްޓްރަކްޗާގެ މަސައްކަތް ހުއްޓާލުން ކަމަށް، މުޅި ރަށް ހުއްޓުމަކަށް އައޭ، ވަޒީފާތައް ގެއްލުނޭ، ވިޔަފާރިތައް ހުއްޓުނޭ،" ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައަށް ބޮޑުބޭބެ ކިޔާ ދަރިއަކާ ހަވާލާދީ ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ބޯޑަރު ބަންދުކޮށް، ފަތުރުވެރިންނަށް ހުޅުވާނުލައި ދިގު ދެންމުން ވެސް އޭނާ ފާހަގަކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއާ ހިލާފަށް ރާއްޖެ މިއަދާ ހަމައަށް އާދެވިފައި މިއޮތީ އޭރު ނެގުނު ޑިސިޝަންތަކެއްގެ ސަބަބުންނޭ،" ރައީސް ވިދާޅުވި އެވެ.

ކޮވިޑު ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާ ގުޅޭ ގޮތުން ސީޝެލްސްގެ ވެރިން ވެސް ސުވާލު ކުރި ކަމަށާއި ރާއްޖެއިން ދެއްކީ އެހެން ގައުމުތަކަށް ވެސް ނަމޫނާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"[ސީޝެލްސްއިން] ބަލަމުން ގެންދިޔައީ ރާއްޖެއިން ކަން ކުރާ ގޮތަށް، [ބުނީ] ރާއްޖެ އަޅާ ކޮންމެ ފިޔަވަޅެއް ބަލައި އެގޮތަކަށޭ ތިމަންނަމެން ކަން ކުރަމުން ދިޔައީ، އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ތިމަންނަމެންނަށް ފެނުނީމައޭ،" ރައީސް ވިދާޅުވި އެވެ.

އެކަން އެގޮތަށް ހިނގައިދިޔައީ އެކަމުގައި ހިމެނޭ ހުރިހާ އެންމެންދިން ލަފާގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ސިޔާސަތުތައް ކަނޑައަޅަން ވާނީ އެކަމެއްގައި ހިމެނޭ ހުރިހާ އެންމެންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެގޮތަށް ކަންކުރުމުގައި ހިޔާލުތަފާތުވުންތައް ހުރިނަމަވެސް އެ ހުރިހާ ހިޔާލަކާއި މަޝްވަރާއެއް އެއް ކުރީމާ ދެން ނަގަން ޖެހޭ ފިޔަވަޅު އެޅުމަށް ފަސޭހަވެގެންދާ ކަމަށެވެ.

ފ. އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި މި ރަށަކީ ރައީސްގެ ހަތަރު ވަނަ މަންޒިލެވެ. ފަހު ރަށެއްގެ ގޮތުގައި މިއަދު މެންދުރު ފަހު ދެން ވަޑައިގަންނަވާނީ ފީއައްޔަށެވެ.