Advertisement

އެމްޑީޕީގެ މެންބަރުންނަށް ރިޔާސަތުން ވަގުތު ނުދޭތީ އިހުތިޖާޖުކޮށް މަޖިލީހުގެ ޖަލްސާ ހުއްޓުވައިފި

24 މޭ 2023 - 13:49 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އެމްޑީޕީ މެންބަރުން ރިޔާސަތު ކުރިމައްޗަށް އެއްވެފައި. އެ ޕާޓީގެ މެމްބަރުން ތުހުމަތުކުރަމުން ދަނީ މަޖިލިސް ހިނގަމުން ދަނީ ގަވާއިދާ ހިލާފަށް ކަމަށް


އެމްޑީޕީގެ މެންބަރުންނަށް ރިޔާސަތުން ވަގުތު ނުދޭތީ އިހުތިޖާޖުކޮށް މަޖިލީހުގެ ޖަލްސާ ހުއްޓުވައިފި

24 މޭ 2023 - 13:49 0

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުންނަށް ބަހުސް ކުރުމުގެ ވަގުތު ދިން ގޮތާއި މެދު ހިތްހަމަނުޖެހިގެން އިހުތިޖާޖުކޮށް ޖަލްސާ ކުރިއަށް ގެންދިޔަ ނުދީ ހުއްޓުވައިފި އެވެ.

މަޖިލީހުގެ މިއަދުގެ އެޖެންޑާގައި މައިގަނޑު ގޮތެއްގައި އޮތީ މަސްވެރިކަމުގެ ވައުދުތައް ސަރުކާރުން ނުފުއްދާ ކަމަށް ބުނެ ކުރިން އެމްޑީޕީގައި ހުންނެވި މަޑަވެލީ ދާއިރާގެ މެމަބަރު ހުސައިން ފިރުޝާން ހުށަހެޅުއްވި ގަރާރުގެ ބަހުސެކެވެ. އޭނާއަކީ މަޖިލީހުގެ ރިޔާސަތުގެ އިންނަވާ ރައީސް މުހައްމަދު ނަޝީދު އުފައްދަވާ "ދަ ޑިމޮކްރެޓްސް" ގެ އިސް ހަރަކާތްތެރިޔެކެވެ.

އެ ބަހުސްގެ ތެރެއިން ޑިމޮކްރެޓްސް ޕާޓީގައި ހަރަކާތްތެރިވާ މަޖިލިސް މެމްބަރުން ވަނީ މެއި ހައެއް ބޮމުގެ ހަމަލާގެ ވާހަކަ ދައްކަވާފަ އެވެ. އެކަމާ ހިތްހަމަޖެހިވަޑައިނުގެން އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން އެކަން ރިޔާސަތުގެ ސަމާލުކަމަށް ވެސް ގެންނެވި އެވެ.

ޖަލްސާ އިތުރަށް ހޫނުވީ ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާގެ ފަހަތުގައި ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ސަރުކާރަށް ތާއީދު ކުރާ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި، އެފަދަ ވާހަކަތައް މަޖިލީހުގައި ނުދެއްކޭނެ ކަމަށް ބުނެ އަޑުގަދަ ކުރަން ފައްޓައިފަ އެވެ. އެހެންނަމަވެސް, ރިޔާސަތުގައި އިންނެވީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އެ ވާހަކަ ހުއްޓުވައިފައިނުވެ އެވެ.

އޭގެ ފަހުން އެމްޑީޕީގެ މެންބަރުން ބަހުސް ފުރުސަތު ހޯދައި، ރިޔާސަތަށް ބޮޑެތި ފާޑުތައް އަމާޒުކުރަމުން ދިޔަ އެވެ. އެގޮތުން, އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ރިޔާސަތުގައި އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި ނެތީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ.

ރޮޒައިނާ އެފަދައިން ވިދާޅުވުމުން އަފީފް ވަނީ ރޮޒައިނާގެ މައިކުގެ އަޑު ކަނޑާލައްވައި، ފުރުސަތު އަތުލައްވައިފަ އެވެ.

އެއަށް ފަހު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ފުރުސަތު ދެއްވުމުން، ރޮޒައިނާ ހިމޭނެހެން އެމްޑީޕީ މެންބަރުން ވަނީ އިހުތިޖާޖުކޮށްފަ އެވެ. ބައެއް މެންބަރުން ޝިޔާމްގެ ކުރިމަތީގައި އިހުތިޖާޖު ކުރެއްވިއިރު، ރިޔާސަތު ކުރިމައްޗަށް ވެސް ބައެއް މެންބަރުން އެއްވި އެވެ.

އެއާއެކު އަފީފް ވަނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ފަލާހުގެ ނަން އިއްވައިފަ އެވެ. އަދި, އޭނާ ނުކުތުމަށް ޖަލްސާ މެދުކަނޑާލުމަށް ފަހު އަލުން ފެށުމަށް ފަހު އިތުރު ތަފްސީލެއް ނެތި ޖަލްސާ ނިންމާލީ އެވެ.

ޖަލްސާއަށް ހުއްޓުވުމަށް ރިޔާސަތު ކުރިމައްޗަށް އެއްވެ އިހުތިޖާޖު ކުރެއްވި އަލިފުށީ ދާއިރާގެ މުހައްމަދު ރަޝީދު (ބިގޭ) "އަދަދު" އަށް ވިދާޅުވީ އިހުތިޖާޖު ކުރަން ޖެހުނީ ފާޅުކަން ބޮޑު ގޮތެއްގައި އެމްޑީޕީ މެންބަރުންގެ ބަހުސް ފުރުސަތު ހަނިކުރުމުން ކަަމަށެވެ.

"އަޅުގަނޑު އަމީންއާންމު އަރިހުގައި އެހީ ވަގުތު ހަމަވެގެންތޯ ފުރުސަތު އެ ބަންދު ކޮށްލެއްވީ، ޔަގީން ކޮށްދެއްވާށޭ، އެހީމާ ނުބުނާން ވަރަށް މަސައްކަތް ކޮށްފައި އަޅުގަނޑުމެން އިހުތިޖާޖު ކުރި ވަރުން [އަމީންއާންމު] ވިދާޅުވި ވަގުތު ހަމަނުވަނީހޭ،" ބިގޭ ވިދާޅުވި އެވެ.

އެއީ, ރިޔާސަތުން ނިންމާ ނިންމުމަށް އަމީންއާންމު އިހުތިރާމް ކުރަން ޖެހޭތީ ނިންމި ނިންމުމެއް ކަމަށް ވިދާޅުވި ކަމަށް ވެސް ބިގޭ މައުލޫމަތު ދެއްވި އެވެ.

މަޖިލީހުގެ ރިޔާސަތުގައި މިވަގުތު ގިނައިން ތިއްބަނީ ޑިމޮކްރެޓްސްގެ މެމްބަރުންނެވެ. އެމްޑީޕީގައި ނަޝީދު ހުންނެވި ނަމަވެސް އެމަނިކުފާނު ވެސް މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންނަށް ހުރަސްތައް ކުރިމަތިކުރުވާ ކަމުގެ ޝަކުވާތައެއް އެ ޕާޓީން ކުރެ އެވެ.

މަޖިލިސް ނައިބު ރައީސް އީވާ އަދި ދެން ރިޔާސަތުގައި އިންނަވާ އަފީފަކީ ވެސް އެ ޕާޓީގެ އިސް ބޭފުޅުންނެވެ. އެކަމާ ހިތްހަމަނުޖެހި އީވާގެ އިތުބާރުގެ މައްސަލައެއް ވެސް މަޖިލީހަށް އެމްޑީޕީގެ 50 މެމްބަރުންގެ ސޮޔާ އެކު ވަނީ ވައްދާފަ އެވެ.