29 ސެޕްޓެންބަރު 2025 - 11:31 3
މުހައްމަދު ޝަހްޒާން
ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
29 ސެޕްޓެންބަރު 2025 - 11:31 3
ބައެއް މީޑިއާތަކުން މަސައްކަތް ކުރާ ގޮތުން އެ މީޑިއާގެ މުވައްޒަފުން އުލުބައިންދަން ޖެހޭ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ވިދާޅުވި މައްސަލައިގެ ތަހުގީގާ ގުޅޭ އަޕްޑޭޓެއް ނުދީ ފުލުހުން ހަނު ތިބެއްޖެ އެވެ.
ނޫސްވެރިން އުލުބައިންދަން ޖެހޭ ކަމަށް މަޖިލީހުގައި ފަލާހު ވިދާޅުވި މައްސަލަ ތަހުގީގު ކުރުމާމެދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ލަފައެއް ހޯދަން ފުލުހުން އެދުނީ އޯގަސްޓު 28 ގަ އެވެ. އެ މައުލޫމާތު ނޫސްވެރިންނާ ފުލުހުން ހިއްސާ ކުރީ ޖެހިގެން އައި އޯގަސްޓު 27 ގަ އެވެ.
ނަމަވެސް އެކަމުގެ އަޕްޑޭޓެއް ހޯދުމަށް ފުލުހުންނާ ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ނުދިނެވެ.
ފަލާހުގެ މައްސަލަ ތަހުގީގު ކުރުމާމެދު ޕީޖީގެ ލަފައެއް ހޯދަން ފުލުހުން އެދިފައިވާވުމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް އެ މުއައްސަސާގެ މީޑިއާ އޮފިޝަލްއާ މިދިޔަ ހޮނިހިރު ދުވަހު ސުވާލު ކުރުމުން ވިދާޅުވީ އެކަން އޮތް ގޮތެއް ބަލާލައިފައި ޖަވާބެއް ދެއްވާނެ ކަމަށެވެ.
ނަމަވެސް އެ ސުވާލަށް ޖަވާބު ނުދިނުމުން އެ ދުވަހުގެރޭ އަލުން ފުލުހުންނާ ގުޅައި އެ ސުވާލު ކުރުމުން ވެސް ބަލައިލާނެ ކަމަށް ބުނުމަށްފަހު އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެ އެވެ.
ބައެއް ނޫސްވެރިން އުލު ބައިންދަންޖެހޭ ކަމަށް ފަލާހު ވިދާޅުވީ އޯގަސްޓު 27 ގަ އެވެ.
މިނިވަން މީޑިއާ ނެތިކޮށްލަން މަޖިލީހުން ފާސްކުރި ގާނޫނުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރުތަކެއް މީގެ ކުރިން ފަތުރާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް މަސައްކަތް ކުރާ މީޑިއާގެ މުވައްޒަފުން އުލުބައިންދަންޖެހޭ ކަމަށެވެ.
"... މި ލެވެލުގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން [ލާންވީ]، އުލުބައިންދަންވަނީ. އުލުބައިންދަންވީ،" ފަލާހު ވިދާޅުވި އެވެ.
ދިވެހި ރަދީފުގައި ބުނެފައިވާ ގޮތުން އުލުބޭންދުމަކީ އިހު ޒަމާނުގައި މީހުން މަރަން ގެންގުޅުނު ލާއިންސާނީ އުކުޅެކެވެ. އުލުބައިންދާއިރު ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މަރާލަން ބޭނުންވާ މީހާ ބައިންދާ ފުރަގަސް ފަރާތުން އޫ ހަރާލުމަށްފަހު ބޮލުން ދަގަނޑު ނެރެނީ އެވެ.
ފަލާހުގެ އެ ވާހަކައާ ގުޅިގެން އާންމުންގެ އިތުރުން ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ވެސް ފާޑު ވިދާޅުވި އެވެ.
Comment