24 މޭ 2023 - 11:13 0
އައިޝަތު ނުޒުހާ
ރައްޔިތުންގެ މަޖިލީހަށް ޑރ. ހުސައިން ދެއްވި ޖަވާބުތަކާ ގުޅިގެން ނަޝީދު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައި--
24 މޭ 2023 - 11:13 0
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖެއިން ބޭރުކުރާ ކަޅުބިލަމަހާ ގުޅޭ ގޮތުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދާ ކުރެއްވި ސުވާލާ ގުޅިގެން ދެއްވި ޖަވާބާމެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.
ލިޔުމުން ޖަވާބު ހޯދުމަށް މެންބަރު އިބްރާހިމް ރަޝީދު ވަނީ ތިން ސުވާލެއް ކުރައްވައިފަ އެވެ. ފުރަތަމަ ސުވާލަކީ މިފްކޯއިން ތައިލެންޑަށް ވިއްކާފައިވާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލިމަހުގެ ރިޖެކްޓް ލެވެލްއަށް ފާއިތުވީ 3 އަހަރު މިފްކޯގެ އިންވޮއިސްތަކުން ޑިސްކައުންޓް ކުރެވިފައިވާނަމަ ނުވަތަ ހިލޭ ދޫކޮށްލެވިފައިވާނަމަ އެ ފައިސާގެ ޖުމްލަ ހޯދުމަށެވެ.
އެ ސުވާލަށް މިނިސްޓަރު ވަނީ އެ މައުލޫމާތަކީ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތެއް ނޫން ކަަމަށް ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ މިނިސްޓަރު ފޯރުކޮށްދެއްވި މައުލޫމާތަށް ބަލާއިރު އެއީ އޭނާއާ "ބެހޭ ކަމެއް ނޫން ކަމަށް" ފާހަގަކުރައްވާފައިވާ ކަމަށާއި މަޖިލީހުން މިނިސްޓަރާ ހަވާލުކޮށްފައި އޮތީ ކޮން މަސައްކަތެއްތޯ ބަލާނެ ކަމަށެވެ.
"އެ ބޭފުޅާއާ ބެހޭ ކަންތަކާ ނުބެހޭ ކަންތަކާ ކަނޑައަޅުއްވާނީ އެ ބޭފުޅާއެއް ނޫން، ވަޒީރު އަމިއްލަފުޅަށް ކުރައްވާ ކަމެއް ނޫން އެއީ، މިތަނުން ކޮންމެ ވުޒާރާއަކާ ވާނެ މަސައްކަތް ހަވާލުކޮށްފައި، އެ ތަފާސްހިސާބު ނުބެލޭ ކަމަށް ވާ ނަމަ އެ ހުރެވެނީ ނުބައި މަގެއްގައި،" ނަޝީދު ވިދާޅުވި އެވެ.
ދެން އިބްރާހިމް ރަޝީދު އެދުނީ ތައިލެންޑަށް ވިއްކި ކަޅުބިލަމަހާއި ކުދި ކަންނެލިމަހުގެ ރިޖެކްޓް ލެވެލްގެ އިންސައްތަ ހޯދުމަށާއި ރިޖެކްޓު ކުރާ މަހަށް އަމަލު ކުރާ ގޮތާ މެދު އަމަލު ކުރާ ގޮތް ހޯދުމަށެވެ.
އެ ދެ ސުވާލަށް ވެސް މިނިސްޓަރު ދެއްވާފައިވަނީ ފުރަތަމަ ސުވާލަށް ދެއްވި ޖަވާބެވެ.
އެކަމާ ގުޅިގެން ނަޝީދު ވަރަށް ނުރުހުންވެވަޑައިގެން ވިދާޅުވީ ރިޖެކްޓް މަހުގެ ތަފާސްހިސާބު ބެލެހެއްޓުމަކީ ކޮންމެހެން މިނިސްޓްރީގެ މައްޗަށް ލާޒިމް ކަމެއް ކަމަށާއި އެއީ ހަމައެކަނި ވިޔަފާރީގެ މައުލޫމާތެއް ނޫން ކަމަށެވެ.
"ރިޖެކްޓްވާ މިންވަރުގެ މައުލޫމާތަކީ ކޮންމެހެން ވެސް ބަލަހައްޓަން ވާނޭ މައުލޫމާތެއް، ދެން އެ މައުލޫމާތު ތަފާސްހިސާބުތަކުގައި ނުބެލެހެއްޓި ވާ ކަމަށް ވަންޏާ އެއީ ގާނޫނާ ހިލާފު ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މި ސުވާލު ކުރަން ޖެހުނު ސަބަބު ވެސް ސާފުވާ ކަމަށާއި ރިޖެކްޓް މަސް އެއީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގޭ އަމަލެއްގެ ގޮތުގައި މީގެ ކުރިްނ މަޖިލީހުން ބެލި ބެލުމުގައި ވަރަށް ސާފުކޮށް ފާހަގަވެފައިވާ ކަމަށެވެ.
އަދި، އެ ސުވާލަށް ޖަވާބު ނުދެއްވައި މިނިސްޓަރު މަޖިލީހުގެ މަސައްކަތަށް ހުރަސް އަޅާފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
Comment