Advertisement

ލަންކާގެ ދަރަނި ރީސްޓްރަކްޗާ ކުރުން އަވަސްކުރަން އައިއެމްއެފްއިން އެދެފި

އައިއެމްއެފްއިން ލަންކާއަށް އެހީވަނީ ޝަރުތުތަކެއްގެ މަތިން.


ލަންކާގެ ދަރަނި ރީސްޓްރަކްޗާ ކުރުން އަވަސްކުރަން އައިއެމްއެފްއިން އެދެފި

ކޮލޮމްބޯ، ސްރީލަންކާ (މޭ 23) - ސްރީލަންކާގެ ދަރަނި ރީސްޓްރަކްޗާ ކުރުން އަވަސްކުރަން ޖެހޭ ކަމަށާއި ލަސްވާ ނަމަ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ކުރާ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

ލަންކާގެ ދަރަނި ޑީފޯލްޓުވީ މިދިޔަ އަހަރުގެ އެޕްރީލް މަހުގަ އެވެ. އެ ގައުމުން ބޭނުންވީ ކްރެޑިޓަރުންނާ އެކު އަވަހަށް އެއްބަސްވުންތަކަކަށް ދިޔުމަށެވެ. އެކަމަކު ލަސްތަކެއް ކުރިމަތިވެ ރީސްޓްރަކްޗާ ކުރުމާ ގުޅޭ މަޝްވަރާތައް ރަސްމީކޮށް ފެށުނީ ވެސް މިިދިޔަ މަހު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް އިންސްޓޯލްމަންޓަށް ބަހާލައިގެން 2.9 ބިލިއަން ޑޮލަރުގެ ލޯނެއް އައިއެމްއެފްއިން ދޭނެ ކަމަށް ބުނީ މާޗް މަހު އެވެ. އެހެން ނަމަވެސް، އެ އެއްބަސްވުމާ ހަމައަށް ދިޔައީ ޝަރުތުތަކެއް ހިމަނައިގެންނެވެ.

އެގޮތުން ޓެކްސް ދެގުނަ ބޮޑުކޮށް، ދައުލަތުގެ ކުންފުނިތައް ވިއްކާލަން ވަނީ ނިންމައިފަ އެވެ. އައިއެމްއެފްއިން ބުނީ އިތުރު ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށެވެ. އެންމެ ބޮޑު ކަމަކަށް ފާހަގަކުރީ ކްރެޑިޓަރުންނާ ވާހަކަ ދައްކައިގެން ދަރަނި ރީސްޓްރަކްޗާ ކުރުން އަވަސް ކުރުމެވެ.

ލަންކާގެ ކްރެޑިޓަރުންގެ ތެރެއިން ދަރަނި ރީސްޓްރަކްޗާ ކުރުމަށް ދެކޮޅު ހަދަމުން ދިޔައީ ޗައިނާއިންނެވެ. ޗައިނާއިން ބުނީ ރީސްޓްރަކްޗާ ކުރުމަކީ އެ ގައުމުގެ އުސޫލު ނޫން ކަމަށާއި ބަަދަލުގައި ލޯނުތައް ދައްކަން އިތުރު ލޯނު ދޫކުރެވިދާނެ ކަމަށެވެ.

ލަންކާގެ ބޭރު ދަރަނީގެ 14 ބިލިއަން ޑޮލަރު ދައްކަން ޖެހެނީ އެހެން ސަރުކާރުތަކަށެވެ. އޭގެ 52 ޕަސެންޓު ދައްކަން ޖެހެނީ ޗައިނާއަށެވެ. ރީސްޓްރަކްޗާ ކުރުމަށް ތައްޔާރު ކަމަށް ޗައިނާއިން މިދިޔަ މާޗް މަހު ބުނުމުން، އައިއެމްއެފްއިން 330 މިލިއަން ޑޮލަރު ލަންކާއަށް ދޫކުރި އެވެ.