23 މޭ 2023 - 10:45 1
އައިޝަތު ނުޒުހާ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސްލަމް؛ ވިދާޅުވީ ބްރިޖު މަޝްރޫއުގައި ލަސްތަކެއް ހުރި ކަމަށް-- ފޮޓޯ: މަޖިލިސް
23 މޭ 2023 - 10:45 1
އިންޑިއާގެ އެފްކޮންސް ކުންފުނިން މާލެ އާއި ތިލަފުއްޓާއި ދެމެދު އަޅަމުންދާ ބުރިޖުގެ މަސައްކަތުގައި ލަސްތަކެއް ހުރި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު އެއްބަސްވެވަޑައިގެންފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ އަގުބޮޑު ރިޔާސީ ވައުދު، ތިލަމާލެ ބުރިޖުގެ މަސައްކަތް ދައުރުގެ ފަހު އަހަރަށް އެޅުނުއިރު ވެސް ނަތީޖާއެއް ނުފެނި ލަސްވަމުންދާ ކަމަށް ބުނެ އާންމުންގެ ކަންބޮޑުން ދަނީ އަމާޒުވަމުންނެވެ.
އެހެންނަމަވެސް، ސަރުކާރުން އަބަދުވެސް ވަނީ މަޝްރޫއު ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި ނިންމާލެވޭނެ ކަމަށް ބުނެ އެކަމަށް ރައްދު ދީ މަޝްރޫއުގެ މަސައްކަތްތައް ދިފާއު ކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވަނީ ބްރިޖު މަޝްރޫއު ކުރިއަށްދާ ތަން ނުފެންނަ ކަމަށާއި ކިހާ ދުވަހެއްގެ ތެރޭގައި ނިންމާލެވޭނެތޯ ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ބްރިޖުގެ މަސައްކަތް ލަސްވެފައިވާ ކަމަށާއި އެހެންނަމަވެސް ކުންފުންޏަށް އިތުރު މުއްދަތެއް ދިނުމަށް ނުވިސްނާ ކަމަށެވެ.
"މަސައްކަތުގެ ކޮންޓްރެކްޓަށް އިތުރު ޓައިމް އެކްސްޓެންޝަނެއް ނުއެއް ދެން، ކޮންޓްރެކްޓާގެ މަސައްކަތުގެ ޝެޑިއުލަށް ބަލާފައި އެބަހުރި ޑިލޭސް، މިހާތަނަށް އަންނަވީ ހިސާބަކަށް ނޫން އާދެވިފައި ހުރީ،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ އެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަަމަށާއި ލަސްވި ގިނަ ކަންކަން ވެސް ނިންމާލެވޭނެ ކަމަށެވެ.
ސިނަމާލެ ބުރިޖުގެ ފުން ސަރަހައްދުތަކުގައި ތަނބު ޖެހުމުގެ މަސައްކަތް ކުރީ ދަގަނޑުން ދަމާލި ވަގުތީ ފާލަމެއް ބޭނުންކޮށްގެންނެވެ. ނަމަވެސް އަސްލަމް ވިދާޅުވީ ތިލަމާލޭ ބްރިޖުގައި ވަގުތީ ބްރިޖެއް ނާޅާނެ ކަމަށެވެ.
މާލެއިން ފެށިގެން ގުޅިފަޅާ ހަމައަށް 50 ތަނބު ޖަހާނެ އެވެ. އެ މަސައްކަތް ނިމެމެމުންދާ މިންވަރަކަށް ގުޅިފަޅުގައި އަޅާފައި ހުރި ސްޕަސްޓަރަކްޗާތައް ދާނީ އަތުރައި، ބްރިޖަށް ސިފަ އަންނާނެކަމަށް ބުރިޖު އޮފީހުން ބުނެ އެވެ.
ދިގުމިން: 6.7 ކިލޯ މީޓަރު ހަރަދު: 7.7 ބިލިއަން ރުފިޔާ ގުޅިފަޅާ ގުޅާލުން: ޑިސެމްބަރު 2023 ތިލަފުއްޓާ ގުޅާލުން: މެއި 2024 ކޮންޓްރެކްޓަރު: އިންޑިއާގެ އެފްކޮންސް ބްރިޖުގެ މަސައްކަތުގައި: 1،500 މީހުން ގުޅިފަޅާ ހަމައަށް 50 ތަނބު
Comment