Advertisement

މަގުތައް ހަލާކުވާތީ ހުޅުމާލޭގެ ފިތުރޯނު ގަސްތައް ކަނޑާލަނީ

22 މޭ 2023 - 22:44 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ހުޅުމާލޭގެ ފިތުރޯނު ގަސްތަކެއް: މަގުތައް ހަލާކުވާތީ ފިތުރޯނު ގަސްތައް ކަނޑާލަން ވަނީ ނިންމާފައި -- އަދަދު ފޮޓޯ/ ހުސެއިން ޝަޔާހު


މަގުތައް ހަލާކުވާތީ ހުޅުމާލޭގެ ފިތުރޯނު ގަސްތައް ކަނޑާލަނީ

22 މޭ 2023 - 22:44 0

ހުޅުމާލޭގައި އިންދާފައި ހުރި ފިތުރޯނު ގަސްތަކުގެ ސަބަބުން މަގުތަކަށް ގެއްލުންވާތީ އެ ހުރިހާ ގަސްތައް ތިން އަހަރުގެ ތެރޭގައި ކަނޑާލަން ނިންމާފައިވާ ކަމަށް އާބަންކޯއިން ބުނެފި އެވެ.

އާބަންކޯއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހުޅުމާލޭގައި ފިތުރޯނު ގަސްތައް އިންދާފައި ހުރި ސަރަހައްދުތަކުގެ މަގުތަކަށް ގެއްލުންވަމުންދާ ކަމަށެވެ. އެގޮތުން އެ ސަރަހައްދުތަކުގެ ތާރުގަނޑު ކަނޑައިގެން ދިއުމާއި، ޕޭމަންޓުތަކުގެ ގާތައް ދުރުވެ މަގު ބޭނުންކުރަން ދަތިވާ ކަމަށް ބުންޏެވެ.

އެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ފިތުރޯނު ގަސްތައް ކަނޑައި އެހެން "އެގްޒޯޓިކް" ބާވަތްތަކެއް އިންދަމުންދާ ކަމަށް އާބަންކޯއިން ބުންޏެވެ.

ފިތުރޯނު ގަސްތައް ކަނޑާއިރު އޭގެ ސަބަބުން ތިމާވެއްޓަށް ގެއްލުމެއް ނުލިބޭނެ އަދި ހުޅުމާލޭގެ ފެހި ކަމާއި، ހިތްފަސޭހަކަން ނުގެއްލޭނެ ގޮތަކަށް އެކަން ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެގޮތުން ބައެއް ސަރަހައްދުތަކުން ފިތުރޯނު ގަސްތައް ކަނޑާފައި ވަނީ ކޮންމެ ދެ ފިތުރޯނު ގަހެއްގެ މެދުގައި ހަމަ އެގޮތަށް ހެދޭނެ އެގްޒޯޓިކް ގަހެއް ބެހެއްޓުމަށްފަހު ކަމަށް ބުންޏެވެ.

ހުޅުމާލޭގައި އިންދާފައި ހުރި ފިތުރޯނު ގަސްތަކުގެ ސަބަބުން މަގުތަކަށް ގެއްލުންވާތީ އެ ހުރިހާ ގަސްތައް ތިން އަހަރުގެ ތެރޭގައި ކަނޑާލަން ނިންމާފައިވާ ކަމަށް އާބަންކޯއިން ބުނޭ


"މި ގަސްތައް ކެނޑިކަމުގައިވީ ނަމަވެސް، އޭގެ ސަބަބުން ހުޅުމާލެ އަށް ލިބޭ އެއްވެސް ފައިދާއެއް ނުގެއްލޭނެ ގޮތަށް އިތުރު ގަސްތައް ކުންފުނީގެ ފަރާތުން އަންނަނީ އިންދަމުންނެވެ." އާބަންކޯއިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި، މިހާތަނަށް ނިރޮޅުމަގުގައި ހުރި ހުރިހާ ފިތުރޯނު ގަސްތައް ކަނޑާލައި ބަދަލުގައި އެހެން ގަސްތައް ވަނީ ޖަހައިފަ އެވެ. އަދި ފިތުރޯނު މަގުގެ އެއްބައިގައި ވެސް އެ މަސައްކަތް ނިމިފައިވާ ކަމަށް ބުންޏެވެ.

"މި މަސައްކަތް ޕްލޭން ކުރެވިފައިވާގޮތުން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި މުޅި ހުޅުމާލެއިން ފިތުރޯނުގަސްތައް ކަނޑައި އެހެން ގަސްތައް އިންދާ ބޮޑުކުރެވޭނެ އެވެ."

އާބަންކޯއިން ބުނި ގޮތުގައި ހުޅުމާލޭގައި އެންމެ ފުރަތަމަ ފިތުރޯނު ގަސް ޖެހީ ހިއްކުމަށްފަހު، ބިން ވަރުގަދަ ކުރުމަށެވެ. އަދި އެ ގަސްތައް މޫލައި އަވަހަށް ހެދިގަންނާތީ، ފަސްގަނޑު ވަރުގަދަވުމުގެ އިތުރުން، ބާރު ވައިން ރަށް ސަލާމަތްވެ، ހިޔާ ވެސް ލިބޭތީ އެވެ.

އެކަމަކު، އެފަދަ ގަސްތަކަކީ ވަރަށް ޖާގަ ބޮޑު، ހުސް ސަރަހައްދުތަކުގައި ހެއްދޭ ކަހަލަ ގަސްތަކަށްވާއިރު، ހުޅުމާލެ ތަރައްގީވަމުން އައިއިރު، މަގުތައް ހެދުމާއި، އިމާރާތްތައް ހެދުމުގެ ސަބަބުން ފިތުރޯނު ގަސްތައް ހެއްދިފައި ހުރީ އާންމުންނާ ގާތުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

އާބަންކޯއިން ބުނީ އޭރު ގަސްތައް އިންދި އިރު ވެސް ހުޅުމާލޭގެ ގްރީނިން ނުވަތަ ފެހި ކުރުމުގެ ޕްލޭން އޮތީ މިހާރު ވެސް އޮތް ގޮތަށް ކަމަށެވެ. އަދި އޭރު ވެސް ރޭވިފައި އޮތީ ގްރީނިންގެ ފޭސް އެކެއްގައި ފިތުރޯނުގަސްތައް ޖަހައި، ވަކި ވަރަކަށް ބޮޑުވެ، ރަށް ތަރައްގީވެ، އާބާދުވުމުން، އެ ގަސްތައް ބަދަލުކުރުމަށް ކަމަށެވެ. އަދި މިހާރު އެ ގަސްތައް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެއީ އެ ޕްލޭންގެ ދެވަނަ ފޭސް ކަމަށް އާބަންކޯއިން ބުންޏެވެ.