Advertisement

ޕޮލިސް ސްޓޭޝަން ނުހެދޭ މައްސަލައިގައި އެއް ޖަވާބެއް ދެއްވުނީ "ޣައިބު ނޭނގޭތީ" ކަމަށް އިމްރާން ވިދާޅުވެއްޖެ

22 މޭ 2023 - 10:29 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމްރާން؛ އެއް އަހަރު ކުރިން ދެއްވި ޖަވާބު ދެއްވުމަށްފަހު ވިދާޅުވީ ޣައިބު ނޭނގޭ ކަމަށް-- ފޮޓޯ: މަޖިލިސް


ޕޮލިސް ސްޓޭޝަން ނުހެދޭ މައްސަލައިގައި އެއް ޖަވާބެއް ދެއްވުނީ "ޣައިބު ނޭނގޭތީ" ކަމަށް އިމްރާން ވިދާޅުވެއްޖެ

22 މޭ 2023 - 10:29 0

ތ. ތިމަރަފުށި އަދި އެ އަތޮޅު ވޭމަންދޫގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނާ ގުޅޭ ގޮތުން މިދިޔަ އަހަރު ދެއްވި ޖަވާބު މިއަދު ވެސް ތަކުރާރު ކުރައްވަން ޖެހުނީ "ޣައިބު" ނޭނގޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާނު މިއަދު ހާޒިރުކޮށްފައިވަނީ އެ ދެ ރަށުގެ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހަކާ މެދު ސުވާލު ކުރުމަށެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ އެއީ އިންޑިއަން އެކްޒިމް ބޭންކުގެ ފައިނޭންސްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާއި ފައިނޭންސިން ހަމަޖެހުމާއެކު މަސައްކަތް ފެށޭނެ ކަމަށެވެ.

"ކޮންޓްރެކްޓާ ހުރީ ތައްޔާރަށް ފައިނޭންސިން ހަމަޖެހުމާއެކު މުޅި ޕްރޮޖެކްޓުގެ ކަންކަން ފަށައިގަތުމަށް، އަޅުގަނޑުމެން މި ތިބީ އެކަމަށް ތައްޔާރަށް،" އިމްރާން ވިދާޅުވި އެވެ.

ވަޒީރުގެ ޖަވާބާ ގުޅިގެން، ރިޔާޒް ވިދާޅުވީ މާޗު، 2021، ގައި ވެސް އެ ޕްރޮޖެކްޓު ފެށުމަށް ވާން ޖެހެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި މި އަހަރުގެ ނިޔަލަށް 80 ޕަސެންޓު ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ފާހަގަ ކުރައްވައިފަ އެވެ.

"މިހާރު އެއް އަހަރު ފަހުން އަޅުގަނޑު މި ސުވާލު ކުރީ، އެއްވެސް ކަމެއް، މިހާތަނަށް އައިރު މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އެއްވެސް ކަމެއް ނެތް ފެށިފައެއް،" ރިޔާޒް ވިދާޅުވި އެވެ.

އެއް އަހަރު ފަހުން ދެއްވި ޖަވާބަކީ އިތުރުފުޅެއް ކަމަށް ރިޔާޒް ވިދާޅުވުމުން ވެސް އިމްރާން ވިދާޅުވީ "ފައިނޭންސް ހަމަނުޖެހެނިސް ނުފެށޭނެ" ކަމަށެވެ.

"ޕްރޮޖެކްޓުގެތެރެއިން ސަރުކާރުން ދައްކަން ޖެހޭ 15 ޕަސެންޓު ވެސް ވާނީ މިދިޔަ މާޗް އަށެއްގައި ދައްކާފައި. އެހެންވެގެން އަޅުގަނޑުމެން ކުރަން ޖެހެން މަސައްކަތް ކުރަމުން ގެންދާތީ އަޅުގަނޑުމެން ޓައިމްލައިންގެ ވާހަކަ ދައްކަމުން ގެންދިޔައީ،" އިމްރާން ވިދާޅުވި އެވެ.

އެ ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެން، މެދު ހެންވެއިރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ މަޖިލީހުގައި ވަޒީރުން ދައްކަވަން ޖެހެނީ ތެދު ވާހަކަ ކަމަށްވާއިރު، ކުރިން ހެއްދެވީ އިތުރުފުޅުތޯ ސުވާލު ކުރައްވައިފަ އެވެ.

"އަޅުގަނޑު އެއިރުގައި އެ ވާހަކަ ދެންނެވީ އަޅުގަނޑަށް ޣައިބު ނޭނގޭތީ، ޣައިބުގައި ހިނގާ ކަންކަން ނޭނގޭތީ،" އެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވި އެވެ.

ވަޒީރުގެ ޖަވާބާ ގުޅިގެން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވަނީ ވަޒީރުން މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ ގޮތް ކަނޑައަޅާފައިވާއިރު، އެކަމާ ހިލާފު ކަމަށް ވިދާޅުވެ ނިޒާމީ ނުކުތާއެއް ނަންގަވައިފަ އެވެ. އެހެންނަމަވެސް އެ ނުކުތާ ބަލައިގެންފައިނުވެ އެވެ.