އިދިކޮޅު އެމްޑީޕީގެ ފަރާތުން ވެރިކަން ހިންގާ މާލޭގެ މޭޔަރުގެ މަގާމަށް ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވަން މިއަދު ބޭއްވި އެތެރޭގެ އިންތިހާބުން ބަލިވިކަން އަލީ އާޒިމް ގަބޫލު ކުރައްވައި، އާދަމް އާޒިމްއަށް މަރުހަބާ ކިޔައިފި އެވެ.
މާލޭގެ މިހާރު ވެސް މޭޔަރު، އާދަމް އާޒިމް ވަނީ 1411 ވޯޓު ހޯއްދަވައިފަ އެވެ. އެއީ 57.9 ޕަސެންޓު ވޯޓެވެ. އަލީ އާޒިމްއަށް ލިބުނީ 962 ވޯޓެވެ. އެއީ 39.5 ޕަސެންޓު ވޯޓެވެ. ވޯޓުލާން ނުކުތީ 2436 މީހުންނެވެ. އެކަމަކު، 63 ވޯޓެއް ބާތިލުވި އެވެ.
އިންތިހާބުން ބަލިވުމުން އެކަން ގަބޫލު ކުރައްވައި އަލީ އާޒިމް، އާދަމް އާޒިމްއަށް މަރުހަބާ ވިދާޅުވުމަށް ފޯން ކޯލެއް ކުރެއްވި އެވެ.
"ވަރަށް ބޮޑަށް މަރުހަބާ އެނގޭތޯ؟ އަޅުގަނޑު އެދެނީ އެމްޑީޕީއަށް އަބަދުވެސް ކާމިޔާބީ،" އެ ފޯނު ކޯލުގައި އަލީ އާޒިމް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޮންނާނީ އޭޕްރީލް 4، ގަ އެވެ. މިއީ ރިޔާސީ އިންތިހާބުގައި ވެރިކަން ހިންގާ ޕީއެންސީ އިން ހޯދި ބޮޑު ކާމިޔާބަށްފަހު މުޅި ރާއްޖޭގައި ބާއްވާ ފުރަތަމަ އިންތިހާބެވެ.
އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް ސަރުކާރުން ވަނީ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި އަތޮޅު ކައުންސިލްތައް އުވާލުމާއި ރަށުގެ އާބާދީގައި 2000 ހަމަނުވާނަމަ އެރަށެއްގެ ކައުންސިލަށް މަދުން މެންބަރުން އިންތިހާބު ކުރުން ހިމެނެ އެވެ.
އޭގެ އިތުރުން، ރައީސް މުހައްމަދު މުއިއްޒު ޑިސެމްބަރު 30، ގައި ނެރުއްވި ގަރާރަކުން ހދ. ހިރިމަދޫ ކައުންސިލް ވަނީ އުވާލައިފަ އެވެ. އޭގެ ސަބަބެއް ކަމަށް އެމަނިކުފާނު ދެއްކެވީ އެ ރަށު ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލު ކުރަން ނިންމާފައި އޮތުމެވެ.
އިންތިހާބަށް ކުޑަތަންވެފައި އޮއްވައި ސަރުކާރުން އަންނަނީ ބޯހިޔާވަހިކަމުގެ ސްކީމްތައް ތައާރަފުކޮށް، ޕްރޮޖެކްޓުތައް އިއުލާނުކޮށް، ވަޒީފާތަކަށް ހުޅުވާލަމުންނެވެ. މިފަހުން މިނިސްޓްރީ އޮފް ސިޓީސް އިން ވަނީ 500 މުވައްޒަފުން ނަގަން އިއުލާނުކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment