Advertisement

ކަލައިދޫގައި އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާފޮއްޓެއް ދެނީ

21 މޭ 2023 - 11:46 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ކަލައިދޫ ކައުންސިލުން ދޭ ހަދިޔާ ފޮށި އެރަށުގައި އަލަށް ރަޖިސްޓްރީވާ ކޮންމެ ކުއްޖަކަށް ވެސް ލިބޭނެ -- ފޮޓޯ: ޑަބްލިއުއެޗްއޯ


ކަލައިދޫގައި އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާފޮއްޓެއް ދެނީ

21 މޭ 2023 - 11:46 0

ލ. ކަލައިދޫގައި އުފަންވެ އަލަށް ރަޖިސްޓްރީވާ ކޮންްމެ ކުއްޖަކަށް ހަދިޔާފޮއްޓެއް ދިނުމަށް އެރަށު ކައުންްސިލުން ނިންމައިފި އެވެ.

ކަލައިދޫ ކައުންސިލުން ވަނީ އެރަށުގައި އަލަށް އުފަންވާ ކުދިންނަށް ހަދިޔާފޮށި ދިނުމުގެ ގަވައިދު ވެސް ގެޒެޓުކޮށްފަ އެވެ. އެ ގަވާއިދުގައި ވާގޮތުން އެރަށަށް އަލަށް އުފަންވާ ކުދިންނާއި ރަށުގެ ރަޖިސްޓްރީއަށް ބަދަލުކުރާ އަހަރު ނުފުރޭ ކުދިންނަށް 700ރ. އާއި 1000ރ. އާ ދެމެދުގެ އަގެއް ހުރި ހަދިޔާ ފޮއްޓެއް ދޭނެ އެވެ.

އެ ހަދިޔާ ފޮށީގައި ހުންނާނެ ކަމަށް ބުނެފައި ވަނީ އަލަށް އުފަންވާ ކުދިންނަށް ބޭނުންކުރެވޭނެ ތަކެއްޗެވެ. އަދި އެ ހަދިޔާފޮށި ހުންނަން ވާނީ ޕާރުސަލް ކުރެވިފައި ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

ހަދިޔާ ފޮށި ހަވާލު ކުރެވޭނީ ކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓް އަދި އުފަންދުވަހުގެ ރަޖިސްޓްރީގެ ކޮޕީ ކައުންސިލަށް ހުށަހަޅައި އެކުއްޖާ ރަށުގެ ރައްވެއްސެއްގެ ގޮތުގައި ރަށުގެ ގޭގެ މީހުންގެ ރަޖިސްޓްރީގައި ކުއްޖާ ހިމެނުމުންނެވެ.

އެ ގަވާއިދުގެ ދަށުން ރަށުން ބޭރުގައި ދިރިއުޅުނު ނަމަވެސް ރަށުގައި ރަޖިސްޓްރީ ކުރާ ކުދިންނަށް ހަދިޔާ ފޮށި ލިބެ އެވެ. އެކުދިންގެ ހަދިޔާ ފޮށި ހަވާލުކުރަނީ ކުއްޖާގެ ބެލެނިވެރިން ހުށަހަޅާ މީހަކާ އެވެ.

ލ. ކަލައިދޫއަކީ 1،026 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އޭގެ ތެރޭގައި ހިމެނެނީ 536 ފިރިހެނުންނާއި 490 އަންހެނުންނެވެ. ރަށުގެ ބޮޑުމިނުގައި 27.3 ހެކްޓަރު ހުރެ އެވެ.