Advertisement

އާންމުންނަށް އުނދަގުލަކަށްވުމުން ނައިފަރު ހޮސްޕިޓަލުގެ އަންހެނުންގެ ޑޮކްޓަރު ސަސްޕެންޑުކޮށްފި

20 މޭ 2023 - 11:31 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ޅ. އަތޮޅު ހޮސްޕިޓަލް: ޑޮކްޓަރުގެ ފަރާތުން އާންމުންނަށް އުނދަގޫވާފަދަ ކަންތައްތަކެއް ފެންނަން ފެށުމުން މިހާރު ވަނީ ސަސްޕެންޑުކޮށްފައި


އާންމުންނަށް އުނދަގުލަކަށްވުމުން ނައިފަރު ހޮސްޕިޓަލުގެ އަންހެނުންގެ ޑޮކްޓަރު ސަސްޕެންޑުކޮށްފި

20 މޭ 2023 - 11:31 0

އާންމުންނަށް އުނދަގޫކޮށް, ހަނގާކުރުމުގެ މައްސަަލަތަކަކާ ގުޅިގެން ޅ. އަތޮޅު ހޮސްޕިޓަލުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރު ވަޒީފާއަށް ނިކުތުން މަނާކޮށްފި އެވެ.

ސަސްޕެންޑުކޮށްފައިވާ ޑޮކްޓަރަކީ މިސްރަށް ނިސްބަތްވާ މުހައްމަދު ޔަހްޔާ ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ފަރާތުން ހޮސްޕިޓަލު ތެރޭގައި އަދި އާންމު ތަންތަނުގައި ވެސް މުޖްތަމައަށް އުނދަގޫވާ ފަދަ ބައެއް އަމަލުތައް ފެނިފައިވާ ކަމަށް "އަދަދު" އަށް މައުލޫމާތު ދެމުން އެ ހޮސްޕިޓަލުގެ މެނޭޖަރު ޖައުފަރު އަބްދުﷲ ވިދާޅުވި އެވެ.

"މިފަހަރު ސަސްޕެންޑު ކުރުމުގެ ކުރިންވެސް ޑޮކްޓަރުގެ ފަރާތުން އަހުލާގީ އަދި އެތިކަލް މައްސަލަތަކެއް ފެންނާތީ މަސައްކަތާ ދުރުގައި ބެހެއްޓިން. އޭގެ ފަހުން ރަށު ތެރޭގައި ޕަބްލިކަށް ވެސް ޑޮކްޓަރުގެ ފަރާތުން އުނދަގޫތަކެއް ވަމުން ދާތީ އާންމުންގެ ޝަކުވާ ލިބޭތީ ސަސްޕެންޑުކުރީ،" ޖައުފަރު ވިދާޅުވި އެވެ.

ހޮސްޕިޓަލު ތެރޭގައި ބަލިމީހުން "ހިތްދަތިވާ ގޮތަށް" ބައެއް އެއްޗިހި ބުނުމާއި ބަލިމީހުންގެ ކުރިމަތީގައި ހޮސްޕިޓަލުގެ މުވައްޒަފުން އަދި ނަރުހުންނަށް ދިމާއަށް އެއްޗެހި ގޮވުން ފަދަ ކަންކަން ކުރާ މައްސަލައެއް ވެސް މެނޭޖްމެންޓަށް ހުށަހަޅާފައި އޮތް ކަމަށް ޖައުފަރު މައުލޫމާތު ދިނެވެ.

އަދި އޮޕަރޭޝަން ތިއޭޓަރު ތެރޭގައި ވެސް މިފަދަ ކަންކަން ޑޮކްޓަރުގެ ފަރާތުން ފެންނާތީ އޮޕަރޭޝަން ތިއޭޓަރަށް ނުވަދެވޭ ގޮތަށް ވެސް ހަދަން ޖެހުނު ކަމަށް ޖައުފަރު ވިދާޅުވި އެވެ.

"ދެ އަންހެނުންގެ ޑޮކްޓަރު ތިއްބާ އެކަކު ޗުއްޓީއަށް ދިޔުމުން މި ޑޮކްޓަރު އެކަނި ހުރީ. އޭގެ ފަހުން ނަރުހުންގެ ފަރާތުން އަޅުގަނޑާ ހަމައަށް ކޮންސާންތައް ލިބެމުން ދިޔަ،" ޖައުފަރު ވިދާޅުވި އެވެ.

ޅ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރު މުހައްމަދު ޔަހްޔާ މިފަދަ އަމަލުތައް ހިންގާ ވީޑިއޯތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެެވެ. އެގޮތުން ފުޓްސަލް ކުޅެން ތިބި ކުދިންތަކެއްގެ އަތުން ބޯޅަ އަތުލައިގެން އެމީހުންނަށް ހަމަލާދޭން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އަދި މަގުމަތީގައި އޮތް ފެން ހޮޅިއެއް ނަގައިގެން ފިހާރައެއްގެ ތެރެއަށް ދޫކޮށްލަން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އެބަ ދައުރު ވެއެވެ.

ޖައުފަރު ވިދާޅުވީ ފެންހޮޅިއެއް ނަގައިގެން ފިހާރައެއްގެ ތެރެއަށް ފެންޖަހާ އެތަނަށް ގެއްލުންދޭން އުޅުނު މައްސަލަ ފިހާރައިގެ ވެރިފަރާތުން ފުލުހުންނަށް ވެސް އަންގާފައިވާ ކަމަށެވެ.