Advertisement

ރައީސްގެ "ސިއްރު ސިޓީ" ހާމަކުރަން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

18 މޭ 2023 - 09:59 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް އިބްރާހިމް މުހައްމަދު މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ހާމަކުރަން ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައި؛ އެ މައްސަލަ ބަލައިނުގަނޭ-- ފޮޓޯ: މަޖިލިސް


ރައީސްގެ "ސިއްރު ސިޓީ" ހާމަކުރަން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

18 މޭ 2023 - 09:59 0

މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި "ސިއްރު ސިޓީ" ހާމަކުރުމަށް ގޮވާލާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ޗާގޯސް ޖަޒީރާއާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާ ކަމަށް ބުނެ، މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މައްސަލަ ހުށަހެޅި އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށް، އދ.ގައި ދެން ނެގޭ ވޯޓެއްގައި ޗާގޯސް ޖަޒީރާގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް ރާއްޖޭން ތާއީދުކުރާނެ ކަމަށް ވިދާޅުވެ، ސަރުކާރުގެ ސްޓޭންޑް ބަދަލުކުރި ކަން އަންގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ސިޓީއެއް ފޮނުއްވި އެވެ.

އެ ސިޓީގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައިނުވާއިރު، އެކަން ކުރަންޖެހުނު މަގުސަދާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން އިސްވެ ދަނީ އެތަކެއް ސުވާލުތަކާއި ސީރިއަސް ތުހުމަތުތަކެއް ސަރުކާރަށް އަމާޒުކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު، ސިޓީ ހާމަކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެންބަރު އާދަމް ޝަރީފެވެ.

ކުއްލި މައްސަލައިގައި ވަނީ މި ސިޓީއިން ރާއްޖެއިން ގެންގުޅެމުން އައި ސްޓޭންޑު ބަދަލުކުރުމާ ގުޅިގެން އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަތުމާމެދު މަޖިލީހުގައި ނެގި ވޯޓުގައި ދެކޮޅަށް 33 މެންބަރުން ވޯޓު ދެއްވެވި އެވެ. ކުއްލި މައްސަލައާ އެއްކޮޅަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ.

ސިޓީއާ ގުޅިގެން ރައީސް މީގެ ކުރިން ވިދާޅުވީ ރާއްޖޭން އެހައިތަނަށް ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހިނގާކަމާ ދެކޮޅު ހެދީ އިން ވަކި ކުރުމުގެ މައްސަލަ އިޓްލޮސްއަށް ނުބެލޭނެ ކަމަށް ސަރުކާރުން ވަކާލާތު ކުރާތީ ކަމަށެވެ.

"އެއާއެކު މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދޭން ދެން ހުރަހެއް ނެތޭ. އެހެންވީމާ ދެން އދ. ގައި ނެގޭ ވޯޓެއްގައި އަޅުގަނޑުމެން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނަމޭ،" ވަޒީރުންގެ މަޖިލީހުގެ ގިނަ މެމްބަރުންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.