ވާހަކަ: ޝިކާރަ ލޯބި

ވާހަކަ: ޝިކާރަ ލޯބި

ހުދު ޔުނީފޯމުގައި ދަށަށް ޖަހައިލައިގެން ހުރި ދީމާގެ ބޮލުގައި އޮތް ތޮފި ނަގައި ކިހިއްޔަށް ހެޔޮކޮށްލިއެވެ. ލުއި ހިނިތުންވުމަކާއެކު ނިތްކުރިއާދިމާއަށް ކަނާއަތް ހިއްލައިލީ ޝައުޤުންފުރިގެންވާ ގޮތަކަށެވެ. ރިޔާޝް ވެސް އެ ހަރަކާތް ތަކުރާރުކޮށްލިއެވެ. ދެމީހުން އެކުގައި ސަލާމްކޮށް ސަލާމް ބަލައިގަތެވެ. އެއަށްފަހު، ފުންނޭވާއެއް ބޭރުކޮށްލަމުން، ކަނޑުގެ ލޮނުގަނޑު ކަފަމުން ފަސްދެމުންދިޔަ، ކޯސްޓުގާޑުގެ މޯހިރަށް ބަލައިލިއެވެ. ދެމީހުންގެ ހަޔާތުގެ މޯހިރުގެ ހަނދާންތައް ސިކުނޑިއަށް ތިލަވާންފެށިއެވެ. އެ އަނިޔާވެރި ހަނދާންތަކެވެ. އެ ހިތްދަތި ވަގުތުތަކެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން އަނެއްކާ ވެސް ދެމީހުން އެކުގައި ހިނިތުންވެލިއެވެ. އެއާއެކު ދެމީހުން ކައިރިވެލައި އެކަކު އަނެއްކެއްގެ ގައިގައި ލެނގިލިއެވެ. އަނދިރިކަމަށް އަތްގަދަކުރަމުންދާ ފިނިފިނި ފަތިހަށް ތަންދެމުންނެވެ. މޫނުމަތީގައި ބޮސްދެމުންދާ ފިނިފިނި ވައިރޯޅިތަކަށް ފުރުސަތު ދެމުންނެވެ. ހިތުގެ ކުލަ އިސްކުރީނުގައި ނިއުޅެވެމުންދާ މަންޒަރުތަކަށް ތަންދެމުންނެވެ.

ގައިގެ އެތަން މިތަނުގައި އަޅަމުންދިޔަ ވޭނުގެ އިހުސާސް ދީމާއަށް ކުރެވެން ފެށިއެވެ. އޭނާ ފާޑަކަށް ކުކުރިލިއެވެ. ހަށިފުރައި ނޭވާއެއް ބޭރުކޮށްލަން ބޭނުންވިއެވެ. ނަމަވެސް، އޭނާއަށް އެކަން ކުރާކަށް ނުކެރުނެވެ. މަޑުމަޑުން، ސިއްރު ސިއްރުން އޭނާ ނޭވާއެއް ބޭރުކޮށްލެވޭތޯ ބެލިއެވެ. އަނގައިން ނުކުތީ ވޭނީ އާޚެއްގެ އަޑެވެ.

ދީމާގެ ނޭފަތާއި އަނގަމަތީވަނީ ހުދުކުލައި ފޮތިގަނޑަކުން ބަނދެފައެވެ. ލެޔާއި ކިސަޑުން ތަތްތެޅިފައިވާ އެ ފޮތިގަނޑުވަނީ އޭނާގެ ނޭފަތާއެކުވެ ދެމިޔަކަށް ވަދެ ވާންވެފައެވެ. މޫނުމަތީގެ އެކިތަނުން ދިލަ ނަގަމުން ދިޔަކަން އޭނާގެ މޫނަށް އަރާފައިބަމުން ދިޔަ ކުލަތަކުން ހާމަވެއެވެ. ކަނާއަތު ބުމައާ ދިމާއިން އުމަގުވެ، ނޫފައިގެންވާ ތަނުގައި ހުރި ފާރުގަނޑުން ކުރެހުނު ލޭގެ ރޮނގެއް ކަރުނަވަޅާ ދިމާއަށް ވަނީ ހުއްޓިފައެވެ. މަލެއްހެން ފޮޅިފައިވާ ތިރީ ތުންފަތްވަނީ ނޫފައިގެންފައެވެ. އަނގައިން ފޭބި ދިޔަ ސޮނިތަކާއެކުވެފައިވާ ކަޅު ލޭތައް އޭނާގެ ވައަތްފަރާތު ކޯތާފަތުގައި ދަށުގައި ހިކިފައި ހުއްޓެވެ. ރަންކުލައިގެ ރީތިރީތި އިސްތަށިގަނޑު އޮތީ އޮފު ކެނޑި، ވިދުންކެނޑި ކިސުލިވެފައެވެ.

ދެވަނަ ނޭވާ ދީމާ ބޭރުކޮށްލީ ލޯ މަރައިލަމުންނެވެ. އޭނާ އެސްފިޔަ ޖަހައިލިއެވެ. މަޑުމަޑުންނެވެ. ލޮލުގައި އަޅައިގަތީ ފަލަ ވާ ތަކެވެ. އޮވެވުނީ ވާތަކެއްގެ ކުރިމަތީގައިކަން އެނގުނީ އެވަގުތެވެ. އެތެރެއަށް ނޭވާ ދަމައިލުމާއެކު ހިނދުރީގައި ހަރުލީ ލޮނުކުނިވަހެވެ. ފަރުހަކިވަހެވެ. ދޫދަށުން ކުޅު ގިނަވާން ފެށިއެވެ. މޭ ބޮޑުވާ ގޮތްވާން ފެށިއެވެ. ނަމަވެސް، ދީމާ ކެތްތެރިކަން އިސްކުރިއެވެ. އެ ހުރިހާ އިހުސާސްތަކެއް މައިތިރިކުރިއެވެ. ގަދަކަމުންނެވެ. ސިކުނޑިއަށް ވިސްނައިދެމުންނެވެ. ހިތުގެ ތަސްވީރުގައިވާ ކުލަ ރީތި މަންޒަރުތައް ހަނދާންކުރަމުންވެ. އޭނާގެ ޚިޔާލުގައި ކުރެހުނު މަންޒަރުގެ ތެރެއަށް ފީނައިގަތެވެ.

މަހުދީއަކީ ދީމާގެ ހިތެވެ. އެ ހިތުގެ ވިންދެވެ. އެ ވިންދުތަކުގެ ފުރާނައެވެ. ދީމާއާއި މަހުދީގެ ކާވެނީގެ ވަލީމާގެ ކަންކަން ނިމި ފޮޓޯ ނެގުމުގެ ކަންކަމުގައި އުޅެމުން ދިޔައެވެ. ދޭތެރެއަކުން ދީމާ ހެއްވާލަން މަހުދީ އޭނާގެ ގިނލިގިނލި ކޮށްޓާލައެވެ.

"މަހުދީ! ދެން. ތިހެން ނުހަދަބަލަ." ދީމާ މަހުދީގެ އަތްދަނޑީގައި އޮޅިލިއެވެ.

"ހިނިތުންވެލީމަ އަހަރެންގެ ދުނިޔެ އެކުގައި ބަދަލުކޮށްލާ!" ދީމާގެ އުނަގަނޑުގައި ހިފައިލަމުން މަހުދީއާ ގާތް ކޮށްލިއެވެ.

"އަހަންނަށް ޓަކައި ޤުރުބާންވާން ކެރޭނެތަ؟ ޝިކާރަވެރިންގެ މަޅިފަތިތައް ކޮށައިލަން ކެރޭނެތަ؟" ދީމާ މަޖާވެލަމުން ބުނެލިއެވެ.

"ޔަގީންތާ! މިހަށީ ފުރާނަ ހުރިހާ ހިނދު، ޝިކާރަވެރިއަކަށް ދީމާ އަތެއް ނުލެވޭނެ." މަހުދީ މޫނަށް ގޮތެއް ހަދައިލަމުން ބުނެލިއެވެ.

"ކޮއްކޮ ދައްކާ ވެސް ނުލާ ދޯ!" ދީމާ ދުރަށް ކަޅި އުކަމުން ބުނެލިއެވެ.

"ރިޔާޝް އުޅުނު." މަހުދީ ބުނެލިއެވެ.

"ޝިކާރަވެރިޔާ!"

ދީމާ ހިތާހިތުން ބުނެލި ވާހަކަ ދުލާ ހަމައަށް ތިލަވިއެވެ. ނަމަވެސް އެ އަޑު އެކަކަށް ވެސް ނީވެއެވެ.

ރިޔާޝަކީ ދީމާގެ ކޮއްކޮ، ދިމްނާގެ ފުރަމިތުރެވެ. ދީމާއާއި ދިމްނާއަކީ ނިބޫއެކެވެ. ނަމަވެސް ބަލައި މީހަކަށް އެކަމެއް ފާހަގައެއް ނުވާނެއެވެ. ދިމްނާގެ ހެދުން އެޅުމުގެ ވައްޓަފާޅިންނެވެ.

ފިރިހެނުންގެ ކަޅީގައި ތަތްވަނީ ދީމާއެވެ. ޒުވާނުންގެ ހިތްލެނބި ހުށަހެޅުންތައް އޮހެނީ ވެސް ދީމާއަށެވެ. ރިޔާޝް ވެސް ފުރަތަމަ އެޅީ އެ ގޯޅީންނެވެ. އެކަން ކާމިޔާބު ނުވާނޭހެން ހީވުމުން މިސްރާބު ބަދަލުކޮށްލީއެވެ. ހިތުގެ މިސްރާބެއް ނޫނެވެ. ހިތަށް ފިނިކަމެއް ލިބޭނެ ސޫރައެއް ކަމުގައި ދިމްނާ ވާނެތީއެވެ. އޭނާ ދިމްނާއަކަށް އެކަމެއް ނާންގައެވެ. އެކުގައި އުޅެނީއެވެ. ވަގުތު ހޭދަކުރަނީއެވެ. އަމިއްލަ އުފަލަށް ޓަކައެވެ. ކިރިޔާ ވެސް ފުރުސަތެއް ލިބޭ އިރަށް އޭނާގެ އިހުސާސްތައް ދީމާއަށް ބަންޑުންކޮށްލައެވެ. އާދޭސްކުރެއެވެ. އެކަމާ ދީމާ ހިތްހަމަ ނުޖެހެއެވެ. ރުޅިއާދެއެވެ. ނަފުރަތު ކުރެއެވެ.

މަހުދީ އިޝާރާތްކޮށްލީ ދީމާއަށެވެ. ކުރިމަތީގައި ހުރީ ދިމްނާއާއި ރިޔާޝެވެ. ހުދުކުލައިގެ ހެދުމެއްގައި ހުރި ދިމްނާ ހުރި އިރު ރީތިކަމަށް، ފުރިހަމަ ކަމަށް ފެންނަނީ ދިމްނާއެވެ.

"މިރޭގެ ފޮޓޯއަށް ޓަކައި ހަމަ މި ބަދަލުވެލީ." ދިމްނާ ހީނލަމުން އޭނާގެ ދޮންތަގެ މޫނުގައި މޫނު ޖައްސައިލިއެވެ.

"މަށަށް ކަންނޭނގެ އޮޅޭނީ!" މަހުދީ ހީނލިއެވެ.

"ބަދަލުކޮށްލަން ވީނު." ރިޔާޝް ފުރުސަތުގެ ބޭނުން ހިފިއެވެ.

"ސަޅި ޚިޔާލެއް." ރިޔާޝްގެ ޚިޔާލަށް ކާންދިނީ މަހުދީއެވެ.

އެހައިހިސާބުން ދެން ފެށުނީ އެހެން ކުޅިވަރެކެވެ. ފޮޓޯ ޝޫޓުގެ މެދުތެރެއިން ހަފުލާގެ ވަޒަނަށް ބަދަލުއައެވެ. ދީމާއަށް ރިޔާޝެވެ. މަހުދީއަށް ދިމްނާއެވެ. ދީމްނާއާއި މަހުދީ ހިނިތުންވެލައިގެން ތިބެ އަތުގައި ހިފާ ލަވަޔާ އެއްވަރަށް ފައި ހަމަކުރާން ފެށިއެވެ.

ދީމާ ހުރީ ހުއްޓުން އަރައިފައެވެ. ފާޑަކަށް ފޫހިވެފައެވެ. މީހާގެ މޫޑު ހަރާބުވަމުން ދިޔައެވެ. އޭނާގެ ހިތުގެ ޝަކުވާތައް އޮބަހައްޓައިލައިގެން ހުރީއެވެ. ދީމާގެ އަތުގައި ރިޔާޝް ހިފައިލިއެވެ. ދީމާ ބަލައިލީ މަހުދީގެ މޫނަށެވެ. އޭނާ ނިތުން އިޝާރާތްކޮށްލީ މަޖާކޮށްލުމަށެވެ. މަހުދީ ކިހައި ހެއްވާ ހެއްޔެވެ؟ ހިލޭ ފިރިހެނަކާއެކު ނަށަށް ދީމާއަށް އަމުރުކުރީ ހެއްޔެވެ؟ އަދި މިއުޅެނީ ކާވެނީގެ ހެދުން ނުބޭލިއެވެ. އެހައި އަވަހަށް އޭނާ މަތިން މަހުދީ ފޫހިވީ ހެއްޔެވެ؟ އެ ޚިޔާލުތަކުގައި ހުއްޓާ ރިޔާޝް އޭނާގެ އަތަށް ބާރުކޮށްލަމުން ގަޔާ ކައިރިކޮށްލިއެވެ.

"މިހެން ވެސް އަހަންނަށް ދީމާ ލިބުނީތީ އުފާކޮށްފިން. އަމުދުން މިރޭ. މި ވެސް ހާދަ ގިނަ ދުވަހެއްގެ ދުޢާއޭ." ރިޔާޝް ވައި އަޑުން ބުނެލިއެވެ.

"ކަލޭ ދުޢާކުރަނީ ވެސް ތާކުންތާކު ނުޖެހޭ ކަންކަމަށްތަ؟" ދީމާ ރުންކުރު ރާގެއްގައި ބުނެލިއެވެ.

"ނޫނޭ! އަހަރެންގެ އުފަލަށް، ހިތްހަމަ ޖެހުމަށް. އަހަންނަށް ދީމާ ދެކެ ވެވުނީ ޙަޤީޤީ ލޯބި. އެކަން ދީމާއަށް އިޙުސާސް ނުވަނީ. ނޭނގެނީ." ދީމާގެ އަތަށް ބާރުކޮށްލަމުން ރިޔާޝް ބުނެލިއެވެ.

"ލަދެއް ވެސް ނުގަނޭތަ ތި ޒާތަށް ވާހަކަ ދައްކާކަށް؟" ފޫހި ރާގެއްގައި ދީމާ ބުނެލިއެވެ.

ދެމީހުން ވެސް ވާހަކަދައްކަމުން ދިޔައީ ވައި އަޑުންނެވެ. އިތުރު މީހަކަށް ނީވޭ ވަރަށެވެ. ދެ ފަރާތަށް ކަޅި އުކަމުން މީހުންގެ ހަރަކާތްތަކަށް ބަލަމުންނެވެ.

"ބޭނުން އަހަރެން މިވަނީ ޙަޤީޤީ ލޯބިކަން ސާބިތުކޮށްދޭން. އެ ފުރުޞަތު ލިބޭ ދުވަހަކުން އެކަން ކުރާނަން. އަހަރެންގެ ފުރާނައަށް ވުރެ ބޮޑަށް ދީމާ ދެކެ ލޯބިވަން. ލޯބިވަން. މިއީ އަހަރެން ގަސްތުގައި ކުރިކަމެއް ނޫން." ރިޔާޝް، ދީމާގެ އަތަށް ބާރުކޮށްލިއެވެ.

"ޕްލީޒް! ދެން އަހަންނަށް އުނދަގޫ ނުކުރޭ."

ދީމާއަށް ސިހިފައި ލޯ ހުޅުވާލެވުނީ މީހަކު ކަރުކެހިލި އަޑަށެވެ. އޭރު ވެސް އޭނާގެ ނޭފަތުގައިވަނީ ލޮނުކުނިވަހާ އެކުވެފައިވާ ފަރުހަކި ވަހެވެ. އޭނާއަށް ބަލައިލެވުނެވެ. ކުރިމަތީގައި ހުރީ ކަޅުކަޅު ބަބުރެކެވެ. ޖާނު ވަރުގަދަ ފިރިހެނެކެވެ. ބޮލުގައި އޮތީ ފޮތިގަނޑެއް އޮޅައިފައެވެ. ކޮނޑުގައި އޮތީ އޭކޭ ސެވަންގެ ބަޑިއެކެވެ. އެމީހާގެ ކޯތާފަތް ވަނީ ކޮލަށް ހިނދިފައެވެ. ތުންފަތް ހީވަނީ ފޮޅިފައިވާ މަލެއްހެންނެވެ. އޭނާއެކު އުޅޭ އެހެން މީހުން ވެސް ފެންނަނީ އެ ސިފައިގައެވެ. އެމީހާގެ ކަޅުކަޅު ދެ ތުންފަތުގައި ކަނާއަތު ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިލިން ފިރުމާލިއެވެ. ދަހިވެތި ނަޒަރަކުން ދީމާއަށް ބަލައިލިއެވެ.

އޭނާ މަޑުމަޑުން ދީމާއާ ދިމާއަށް ތިރިވިއެވެ. ލައިގެން ހުރި ބިސްކުލައިގެ ކާކީ ޔުނީފޯމުގެ ގޮށް ނައްޓައިލިއެވެ. ދީމާގެ އަނގައިން އަޑެއް ބޭރުވޭތޯ މަސައްކަތްކުރިއެވެ. އޭނާ ދެއަތް ހަރަކާތްކުރެވޭތޯ އުޅުނެވެ. އަތަށް ބާރުކޮށްލާ ވާން ކޮށްލިއެވެ. ކާމިޔާބެއް ނުވިއެވެ. ދެ އަތް އޮތީ ނަނުގަނޑަކުން އައްސާ ބާރުކޮށްލައިފައެވެ. ދީމާ އުޅުނީ ދުރަށް ދެވޭތޯއެވެ. ދެފައި ހަރަކާތްކުރެވޭތޯ ބެލިއެވެ. އެކަން ވެސް ކާމިޔާބެއް ނުވިއެވެ. ދެ ފައި ވެސް އޮތީ އައްސާފައެވެ. ހެދޭނެ އިތުރު ގޮތެއް ނެތެވެ. އޭނާއަށް ޖެހުނީ ނޭވާ ހިފައްޓައިލައިގެން އޮންނާށެވެ. އެ މީހާ މަޑުމަޑުން ގުދުވަމުން ދިޔައެވެ. ދީމާގެ މޫނާ ކައިރިއަށެވެ. ދީމާ ލޯމަރައިލިއެވެ. ދެ ފަރާތަށް ބޯ ހޫރައިލެވުނެވެ.

ކުއްލިއަކަށް އިވުނު އަޑާއެކު ދީމާ ބަލައިލިއެވެ. އޭރު އެ މީހާ ވިއްސައިގެން ދަނީއެވެ. ކޮނޑުގައި އޮތް ބަޑި ވާތަކު މައްޗަށް ވެއްޓުނެވެ. ޑެކުމައްޗަށް އެ މީހާ ގުޅަވިއެވެ. ދީމާއަށް ބަލައިލެވުނީ ކޮޅަށް ހުރި މީހާ އަށެވެ.

ލައިގެން ހުރި ކޮނޑުކެނޑީގައި ވަނީ ތަންކޮޅުކޮޅުން ބާހެދި، އިރައިރައިގެން ގޮސްފައެވެ. ހުދުކުލައިގެ އެ ކޮނޑުކެނޑީގައި ވަނީ މޫދުފެއްސާއި ކިލަލާއި ކަޅުލެޔެވެ. މޭމަތި އޮތީ އުޅާސްވެ އިރައިގެން ގޮހެވެ. އޭނާގެ މޭމަތިން ބޮޑުބަޔެއް ވަނީ ޒަޚަމުވެ ނޫފައިގެންފައެވެ. ތަންކޮޅުކޮޅުން ލޭހިލިހިލި ހުއްޓެވެ. ކޮނޑާހަމައަށް ދިގުކޮށްފައިވާ ބޮލުގެ އިސްތަށިގަނޑުވަނީ އޫތަކެއްފަދައިން ހިކިފައެވެ.

ކަރަށް ވާންކޮށްލައިފައިވާ ނަނުފަށް ކޭއްތިފައި ހުރި ތަންތަނުން ލޭހިލިހިލި ހުއްޓެވެ. އޭނާގެ ދެ އަތް އެއްކޮށްލައިފައި ވަނީ ބޮޑު ފަލަ ވާގަނޑަކުންނެވެ. އެއީ ރިޔާޝެވެ. ދީމާ އެންމެ ފޫހިވި އިންސާނާއެވެ. ނަމަވެސް، މިއަދު ރިޔާޝް އެދަނީ ދީމާގެ ޙައްޤުގައި އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހަޅަމުންނެވެ. ދެ މީހުން ތިބީ އެއް ހާލެއްގައެވެ. އެއް ދަތުރެއް ޖެހިފައެވެ. މަރުފަލި ޖަހައިގެން ވެސް ސަލާމަތުގެ އައްސޭރިއަށް ކޮންމެ ވެސް އެކަކަށް ދާން މަޖުބޫރުވެފައެވެ. އެމީހުންގެ ޚަބަރު އާއިލާއަށް ގެންދެވެނީ ކޮންމެ ވެސް އެކަކު ސަލާމަތްވެގެންނެވެ.

"ދީމާ!" ރިޔާޝް ތިރިވެލިއެވެ. "މަހުދީ ދެން ނާންނާނެ. ކެތްކުރޭ."

ވަރަށް ދަތި ހާލުން، އެތައް ގޮތެއް ހަދައިގެން، ރިޔާޝްގެ އެތައް މަސައްކަތަކުން ދީމާގެ އަނގަމަތީގައި އޮތް ފޮތިގަނޑު މޮހައިލަދިނެވެ. ދީމާއަށް ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. ހުރަސްކޮށް އައްސާލެވިފައި ދެ އަތުން ދީމާގެ މޫނުމަތީގައި ތަތްވެފައިވާ އިސްތަށިތައް ރީތިކޮށްލިއެވެ.

"ދީމާ، ކެތްކުރާތި!" ރިޔާޝް ފެންކަޅިވިއެވެ. "ދެން އެމީހުން މަރައިލާނީ ސީދާ އަހަރެން. އަހަރެން. އޭގެ ކުރިން މި މީހާ އެކަނި ހުއްޓާ ފިލޭތޯ އުޅެން ހިނގާ. އެހެން މީހުން އަންނަންވާއިރަށް މިތަނުން ދެވޭތޯ ބަލަން ހިނގާ."

"އެ މީހުން އެ ދިޔައީ ކޮންތާކަށް؟" ދީމާ އަހައިލިއެވެ.

"ނޭނގެ. މިނިކާބަޔެއް ކަންނޭނގެ. އެއީ ޝިކާރަކުރާ ބަޔެއް. ޑިންގީގައި އެ ދިޔައީ ޝިކާރައަށް."

(ނުނިމޭ)

ފަހުގެ ޚަބަރު

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު ނާނާ ޕަޓޭކަރު މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ނާނާ ޕަޓޭކަރު އުމުރުން 75 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެން ގޯއާގައި ހުންނަ އޭނާގެ ގޭގައި މަރުވެއްޖެއެވެ. އިންޑިއާގެ ގައުމީ ފިލްމީ އެވޯޑްތައް ހާސިލްކޮށްފައިވާ މި ހުނަރުވެރި ތަރި މަރުވިއިރު، އޭނާ ވަނީ ސީރިއަސް އަދި ކޮމެޑީ ރޯލުތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.

އެންމެ ގިނަ ޕެންގުއިން އުޅޭ ރަށުން އާބާދީގެ ބޮޑުބައެއް ނެތިގޮސްފި

ދުނިޔޭގައި އެންމެ ގިނައިން ޕެންގުއިން އުޅޭ ޒަވޮޑޮވްސްކީ އައިލެންޑުގެ "ޗިންސްޓްރެޕް" ޕެންގުއިންގެ އާބާދީ 63 އިންސައްތަ މަދުވެފައިވާކަން އާ ދިރާސާއަކުން ދައްކައިފިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާނާ ލިބުން ދަތިވެ، މި ބާވަތުގެ ޕެންގުއިން ނެތިދިއުމުގެ ބިރު އޮތްއިރު، އެ ރަށުގައި އުޅޭ "މެކަރޯނީ" ޕެންގުއިންގެ އާބާދީ ދަނީ އިތުރުވަމުންނެވެ.

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox