Advertisement

ފޯޅަވަހި އިއްތިހާދުގެ މިސްރާބު އަދި އަމާޒު ސާފެއް ނޫން

15 މޭ 2023 - 12:54 3

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ވިއްކާލީ ކަމަަށް ތުހުމަތު ކުރާ ކަނޑު އަނބުރާ ހޯދާނެ ގޮތެއް އިއްތިހާދުގައި ތިއްބެވި ފުންނާބު އުސް ބޭފުޅުންނަށް ބުނެ ނުދެވުނު. ކޮންމެ އިންތިހާބަކާ ދިމާކޮށް ރާއްޖޭގެ ސިޔާސީ ތާރީހުން ވެސް ފެންނަން އޮތީ ދާދި އެއްގޮތް ސޮފުހާތަކެއް. --- އާޓްވޯކް: މިރާން ނާޝިމް/އަދަދު


ފޯޅަވަހި އިއްތިހާދުގެ މިސްރާބު އަދި އަމާޒު ސާފެއް ނޫން

15 މޭ 2023 - 12:54 3

މިތަނުގައި ހުރި ބޮޑު މޭޒުގައި ފަހަތުގައި އިންނެވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި ވެރިޔާ އެވެ. އޭނާގެ ދެ ފަރާތުގައި ތިއްބެވީ ރިޔާސީ އިންތިހާބަށް ވާދަކުރާނެކަން އިއުލާނު ކުރައްވާފައިވާ ދެ ބޭފުޅުންނެވެ. ދެން އެތަނުގައި ތިއްބެވީ އިންތިހާބަށް ވާދަކުރާނެ ކަން އިއުލާނުކޮށްފައިވާ ޕާޓީތަކުގެ ބޭފުޅުންނާއި އެކަމަށް ޝައުގު ހުރި ފެކްޝަންތަކުގެ ބޭފުޅުންނެވެ.

ސިޔާސީ މައިދާނުގައި އެކި ހިޔާލުތަކާއި ކުލަތައް ރަމްޒު ކުރާ އެ ބޭފުޅުން އެތުރި ތިބީ "ގައުމީ މައްސަލައެއް" ހިފައިގެންނެވެ. އެބޭފުޅުން އެއް ގަލަށް އަރާ ހަމައެކަނި ކަމަކަށް ފާހަގަކުރީ ވެސް އެކަމެވެ؛ އެއީ ދެކުނުން އިން ވަކިކުރުމުގެ މައްސަލަ އެވެ.

ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއް ގޮތުގައި ބައިނަލްއަގްވާމީ ކޯޓުން ކަނޑައެޅުމަށްފަހު ކަނޑުތަކުގެ ޓްރައިބިއުނަލުން ރާއްޖެ އާއި ފޯޅަވަހީގެ ބޯޑަރު ބެހުމުން އެ ނިންމުން ސަރުކާރުން ސިފަކުރީ ބޮޑު މޮޅެއް ގޮތުގަ އެވެ. އެހެން ނަމަވެސް މި ބޭފުޅުންނަށް އެކަމުން ފެންނަނީ ބޮޑު ގެއްލުމެކެވެ. މި ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ގުދުރަތީ އަދި ގާނޫނީ ގޮތުން ރާއްޖެެއަށް ހައްގު ބައެއް އެ ނިންމުމުގެ ސަބަބުން ގެއްލިއްޖެ އެވެ.

"ދިވެހިރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލައިގެން އުޅޭތީ އެ ހޯދަން ޖެހޭ ކަމަށް ގަބޫލުކުރާ މީހުން މިތަނަށް އައިސް މިތިބީ،" އިއްތިހާދުގެ ބޭނުން މަގްސަދު އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާދީއްތަ ދުވަހުގެ ރޭ ވިދާޅުވި އެވެ.

އެ މައްސަލާގައި ޕީޕީއެމް, ޕީއެންސީ، އެމްއެންޕީ، ޖުމްހޫރީގެ ޕާޓީގެ އިތުރުން، އެމްޑީޕީގެ މެމްބަރުންގެ ތެރެއިން "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރުންނާއި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އެކުގައި ދަނީ މަސައްކަތް ކުރައްވަމުންނެވެ.

އެ ބޭފުޅުންގެ ވެރިކަމެއްގައި "ވިއްކާލި ކަނޑު" އަނބުރާ ހޯދައިދޭނެ އެވެ. އެކަމަށް އެތައް ވައުދެއް ވެއްޖެ އެވެ. ރައްޔިތުންނަށް އެތައް ތަސައްލީއެއް ދީފި އެވެ. އެކަމަކު ދާއިރާގައި ތަޖުރިބާ ގިނަ، ފުންނާބު އުސް ބޭފުޅުންނަށް ވެސް އެކަން ކުރާނެ ގޮތެއް ބުނެ ނުދެވުނެވެ. ގޮތްގޮތް ހުރި ކަމަށް ވިދާޅުވި ނަމަވެސް، ދާނެ މިސްރާބު ސާފުކޮށް ނުދެވުނެވެ. އެ ބުނާ ވިއްކާލި ކަނޑު ހޯދާނެ ފޯމިއުލާއެއް ނުދެއްކުނެވެ.

ފޯޅަވަހި އިއްތިހާދު އުފަންވުން

ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް މިފަހަކާ ޖެހެން ދެން އޮތެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެ އެވެ.

ސަރަހައްދީ އިން ވަކިކުރުމުގައި ދެ ގައުމަށް އެއްބަސްނުވެވޭ ހާލަތުގައި، ބައިނަލްއަގުވާމީ ހަމަތަކުގައި ބުނަނީ އިން ވަކިކުރާނީ "އިކުއިޑިސްޓަންސް" އަށް ބަލައިގެން ކަމަށެވެ. އިޓްލޮސްގައި ދެ ގައުމުގެ މެދުގައި މައިގަނޑު ގޮތެއްގައި ހިލާފު އުފެދުނީ އިން ވަކިކުރަން ފަށާ ހިސާބާ ގުޅޭގޮތުންނެވެ.

މޮރިޝަސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. ރާއްޖޭން މިކަމާ ހެދީ ދެކޮޅެވެ. ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށް ބުނެ އެވެ.

ދެބަސްވުން ބޮޑުވި އިޓްލޮސްގެ ނިންމުން ގުޅިފައި އޮތީ އެކަމާ އެވެ. އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އިޓްލޮސްގެ ސްޕެޝަލް ޗެމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކި ކުރުމަށްޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.

ފޯޅަވަހި އިއްތިހާދުގެ ބައްދަލުވުމެއްގެ ތެރެއިން؛ މި ގުޅުން އުފެދިގެން އައީ އިމުގެ މައްސަލައާ ހަމައިން-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމި، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ ގާތްގަނޑަކަށް 4،600 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ.

އެކަމަކު ވާދަވެރިން ބުނާ ގޮތުގައި އިޓްލޮސްގެ ނިންމުމާއެކު ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލުނީ އެވެ. އެ ހިސާބުން މި ސަރުކާރާ ފެޔަށް ޖެހޭ ހުރިހާ ވެރިންގެ "ފޯޅަވަހި ކޯލިޝަން" ދިރި، މަސައްކަތް ފެށުނެވެ.

އިހުމާލުގެ ވާހަކަ އާއި ކޮރަޕްޝަންގެ ތުހުމަތު

ހޮޓެލް ޖެންގައި ރޭ ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މުނައްވަރު ވަނީ ސަރުކާރުން ދިފާއު ނުކުރާ ކަންކަން ލިސްޓު ކޮށްފަ އެވެ؛ މޮރިޝަސްއަށް ޗާގޯސްގެ ސޮވެރިނިޓީ ނުލިބޭ ވާހަކަ އެވެ. އިގްތިސޯދާ ގުޅިފައިވާ ކަނޑުގެ ސަރަހައްދެއް މީހުން ނޫޅޭ ގައުމަކަށް ދޫކޮށްލުމެވެ.

"ނުލިބޭނެ ޒޯނެއް، އަޅުގަނޑުމެން އެންމެ ކުޑަމިނުން އާގިއުމެންޓްސް ދޭން ޖެހޭނެ، މި ބޭފުޅުން ނުދެއްވި،" ސަރުކާރުން އިހުމާލުވެފައިވާ ކަން ފާހަގަކޮށް މުނައްވަރު ވިދާޅުވި އެވެ.

ފޯޅަވަހި ކޯލިޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޑރ. މުނައްވަރު ވެސް އާޒިމާ ވަނީ ރާއްޖެއަށް ލިބެން އޮތް ސަރަހައްދު ހޯއްދަވަން ރާއްޖެއިން މަސައްކަތް ނުކުރައްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އެ ބޭފުޅުންނަށް "އީކުއިޑިސްޓެންސް" ގެ އުސޫލުން ކަނޑު ބަހަން އެއްބަސްވުން ވެސް ގޯހެވެ.

"ދައުލަތް ތަމްސީލު ކުރައްވަން މިކަމުގައި އުޅުއްވި ބޭފުޅުން އެއްވެސް ވަރަކަށް ގާނޫނުގެ ދިފާއުގައި ގާނޫނުން ކަނޑައަޅާފައި އޮތް ސަރަހައްދުގައި ދިފާއުގައި ވިދާޅެއް ނުވޭ،" ބަންޑާރަ ނައިބުކަން 10 އަހަރު ކުރެއްވި މުނައްވަރު ވިދާޅުވި އެވެ. މުނައްވަރު ވިދާޅުވީ ކަންކަން ދިޔައީ އިންސާފުން ނޫން ކަމަށާއި ބުނެވެން އޮތީ "ކަނޑު ވިއްކާލާފައިވާ" ކަމަށެވެ.

ފޯޅަވަހި ކޯލިޝަނުގެ ބައެއް ބޭފުޅުން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުން ކަނޑު "ވިއްކާލުމުން" ފައިދާވީ އިންޑިއާއަށެވެ.

ކޯލިޝަނުގެ ބައެއް ބައިވެރިން ތުހުމަތު ކުރަނީ "ކަނޑު ވިއްކާލީ" އިންޑިއާއަށް ކަމަށް-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


"ކާކަށްހޭ ފައިދާވީ. ކާކަށްހޭ އެ ގަތީ. މީތި ގަތީ މޮރިޝަސްއަކުން ނޫން. މީތި ގަތީ އިންޑިއާއިން. މިއީ ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެނގޭ ކަމެއް. މީގެ ފަހަތުގައި އޮތީ އިންޑިއާ," އުމަރު ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދަށް އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަން ލިބިފައި ވަނީ އިއްޑިއާގެ "ސިއްރު ޑީލް" ގެ ސަބަބުންނެވެ. އަދި, ނަގުދު ފައިސާ ވެސް އެ ޑީލުގައި ލިބިފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ޕެނަލްގައި ބައިވެރިވި ބައެއް ބޭފުޅުން ވަނީ ހަވާސާގެ ބޭރުން ވެސް މިފަދަ ޝާހިދާއި ބަންޑާރަ ނައިބު ރިއްފަތަށް މިފަދަ ތުހުމަތައް ކުރައްވައިފަ އެވެ.

މައްސަލަ އަލުން ބިނާކުރާނެ ގޮތް ބުނެ ނުދެވުނު

"ފޯޅަވަހި އިއްތިހާދު" ގެ ބައިވެރިން ނަގާ މައިގަނޑު ނުކުތާއަކީ އިޓްލޮސްގެ ރޫލް އޮފް ލޯގެ 126 އަދި 127 ވަނަ މާއްދާ އެވެ.

ފުރަތަމަ މާއްދާގައި ބުނާ ގޮތުގައި އެ ޓްރައިބިއުނަލްގެ ނިންމުމެއްގެ ދާއިރާ ނުވަތަ މާނައާމެދު ހުސޫމަތެއް އުފެދޭ ހާލަތެއްގައި މައްސަލަ ރިވިއު ކުރަން ހުށަހެޅިދާނެ އެވެ. އެ ގޮތަށް ވެސް ހުށަހެޅޭނީ ހުކުމް ކުރާތާ 10 އަހަރުގެ މުއްދަތު ހަމަނުވަނީހެވެ. އަދި, މުޅީން އަލަށް ހޯދޭ ހޯދުން ފާހަގަވާތާ ހަ މަސް ނުވަނީހެވެ.

ދެން ޖެހިގެން އަންނަ މާއްދާގައި ވަނީ އެފަދަ ހުށަހެޅުމެއް ބަލައިގަތުމުގެ ޝަރުތުތަކެވެ. ހުކުމްކުރި ވާގިއާ އެއް ނުވަަތަ ފެކްޓާއެއް ވާން ޖެހޭނީ މަރުހަލާގައި އިޓްލޮސްއަށް އަދި މައްސަލައިގެ ހަސްމުންނަށް އޭގެ ތަބީއަތުގައި އެނގިފައި ނެތް ހާލަތަކަށެވެ. އަދި, އެއީ އެ ބައެއްގެ އިހުމާލުން ދިމާވި ކަމަކަށް ވެގެން ނުވާނެ ކަމަށް ވެސް އޭގައިވެ އެވެ.

މައްސަލަ ހުށަހެޅޭނީ ވެސް ދައުލަތެއްގެ ފަރާތުންނެވެ. އެހެންކަމުން "ގެއްލުނު" ކަނޑުގެ ބައި ހޯދަން ފުރަތަމަ ޖެހޭނީ ދިވެހި ދައުލަތުގެ ބާރު ހޯދުމަށެވެ. ވެރިކަން ހޯދުމަށް ފަހު ދެން ޖެހޭނީ އިޓްލޮސްއަށް މައްސަލަ ހުށަހެޅުމެވެ. އެ މީހުންގެ އިސްތިއުނާފު ބިނާ ކުރާނީ ކޮން ވާގިއާއެއްގެ މައްޗަށްތޯއެވެ؟ އެފަދަ ކަމެއް މިހާތަނަށް ފާހަގަވެފައިވޭތޯ؟ އެއީ ސާފުކުރަން ޖެހިފައި އޮތް ކަމެކެވެ.

ހުރިހާ ބައިވެރިން އެކުގައި ބޭއްވި ނޫސް ކޮންފެރެންސްގައި "އަދަދު" އިން ސުވާލުކުރީ އެ ކަން ސާފު ކުރުމަށެވެ. ޖުމުލަ ގޮތެއްގައި އެ ބޭފުޅުންގެ "ލީގަލް ސްޓްރެޓެޖީ" ސާފު ކުރުމުގެ ނިޔަތުގަ އެވެ. ދިވެހި ކަނޑުން ބައެއް "ގެއްލުނު" ކަމަށް ބުނާ ނަމަ، ގެއްލުނު ބައެއް ހޯދަން އަލުން ދާން އޮތީ މިހާރުގެ ހާލަތު އުފަންވި ހުކުމް ކުރި އިޓްލޮސްއަށެވެ.

އާޒިމާ ވިދާޅުވީ މައްސަލަ ބިނާ ކުރާނެ ގޮތާއި އެކަމުގެ ޕްރޮސީޖާތައް ނޫސްވެރިންނަށް ފަހުމު ނުވާނެ ކަމަށް-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


"ސީގާ މިތާ ޑިސްކަސްކޮށްފައި، ޕަބްލިކްގައި މި ހުރިހާ ކަމެއްކޮށްފައި، ދެން ކީއްކުރަންތޯ ކޯޓަށް ދާންވީ،" އާޒިމާ ވިދާޅުވި އެވެ. އާޒިމާ ވިދާޅުވީ "ނެގްލިޖެންސް" އާއި "ޑިސައިސިވް ފެކްޓާ" ކިޔައިދިން ނަމަވެސް އެ ކޮންފެރެންސްގައި ބައިވެރިވާ ނޫސްވެރިންނަށް އެ ކަން ދޭހަ ނުވާނެ ކަމަށެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުން ފެނުނީ، މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ސާފު ކުރުމަށް ނޫސްވެރިން ސުވާލު ކުރުމުން، އޭގެ ޖަވާބު ދޭން ތަޖުރިބާކާރު ދެކޮޅު ހެއްދެވި މަންޒަރެވެ.

"މިތާ އަޅުގަނޑުމެން ދެ މީހުން މައިކުގެ ދެކޮޅުގައި ތިބެގެން ސެންސް އެއް މޭކެއް ނުކުރާނެ، ވަރަށް ފަންނީ އެއްޗެކޭ ސީގާ ޑްރާފްޓް ކުރުމަކީ، ކޭސް ޑްރާފްޓު ކުރުުމަކީ،" ސުވާލަށް ޖަވާބު ދެއްވަން ދެކޮޅު ހައްދަވަމުން އާޒިމާ ވިދާޅުވި އެވެ.

މައްސަލަ ބިނާ ކުރާނެ ގޮތާމެދު ސުވާލު ކުރުމުން މުނައްވަރު ވަނީ ވަރަށް ކޯފާ އިސްކުރައްވާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މިހާތަނަށް އިދިކޮޅުން ފާހަގަކޮށްފައި ހުރި ހައްތަހާ ވެސް ސަރުކާރުން ވެފައިވާ އިހުމާލުކަން ފާހަގަކުރުމުން، މުނައްވަރު ވިދާޅުވީ އެކަން ކުރާނޭ އިތުރު ގޮތް ގޮތް ވެސް އެބަހުރި ކަަމަށެވެ.

"އިންޓަނޭޝަނަލް ލޯ އަކީ އެންމެ މާއްދާއެއް ނޫން، ބައިވަރު މާއްދާތައް، މުއާހަދާތައް ހުންނާނެ، ޕްރެކްޓިސް ވެސް ހުންނާނެ،" އެ ސުވާލުގެ ޖަވާބުގައި މުނައްވަރު ވިދާޅުވި އެވެ.

އިތުރު ވާހަކައެއް ހިއްސާ ނުކުރެވޭނެ ކަމަށް ވިދާޅުވެ، ވަރަށް ކޯފާ އިސްކުރައްވައި މުނައްވަރު ވަނީ އިސްތިއުނާފު ކުރެވޭނެ އިތުރު މުއާހަދާއެއް ނުވަތަ ޕްރެކްޓިސްއެއް ވެސް ހާމަ ކުރައްވަން ދެކޮޅު ހައްދަވައިފަ އެވެ.

"ނިއު ޑިސްކަވަރީ" ހޯދޭނެ؟

ބަންޑާރަ ނައިބުގެ ޑެޕިއުޓީކަން މީގެ ކުރިން ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ދެކިވަޑައިގަންނަވާ ގޮތުގައި ވެރިކަމަށް އައުމަށް ފަހު، އިތުރު މައުލޫމާތު ހޯދަން ފަސޭހަވެގެން ދާނެ އެވެ. އަދި އެއިރުން އިސްްތިއުނާފަށް ވެސް އިތުރު ދޮރެއް ހުޅުވިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިވިއު ކުރެވޭނެ މުއްދަތު ވެސް އެބައިން ދެއްތޯ ބަޔާން ކޮށްފައި ވަރަށް ސާފުކޮށް، ނިއު ޑިސްކަވަރީއެއް ހޯދަން އެބަ އޮތް 10 އަހަރުގެ މުއްދަތެއް، ކޮރަޕްޝަންގެ އަމަލެއް އޮތް ކަން ފަހުން ފަޅައިއެރިޔަސް އެ ހިމެނޭނީ ނިއު ޑިސްކަވަރީއެއް ގޮތަށް،" އުޝާމް ވިދާޅުވި އެވެ.

އޭނާ ދެކިލައްވާ ގޮތުގައި މި މައްސަލައިގައި މި ސަރުކާރުގެ ވެރިންނަށް ކުރާ ކޮރަޕްޝަންގެ މައްސަލަތައް އިތުރަށް ބަލައި ތަހުގީގުކޮށް، އެއީ ވެސް ފެކްޓާއެއްގެ ގޮތުގައި ނެގިދާނެ އެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކެވި މި ކަމުގެ ތަޖުރިބާ ހުރި ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި އިޓްލޮސްގެ ނިންމުންތަކަށް ގޮންޖެހުމަކީ އާންމުކޮށް ގައުމުތަކުން ކޮށް އުޅޭ ކަމެއް ނޫނެވެ. އަދި އޭގެ ސަބަބުން އެފަދަ މައްސަލަތަކުގައި މޮޅުވުމުގެ ފުރުސަތު ވެސް ކުޑަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މައްސަލައިގެ ބާވަތުން ނަން ހާމަ ކުރުމަށް ބޭނުންނުވާ އެ ބޭފުޅާ ވިދާޅުވި ގޮތުގައި މިހާތަނަށް ދެ ފަރާތުން ފާހަގަކޮށްފައިނުވާ މުޅިން "އާ ޑިސްކަވަރީ" ހޯދުމަކީ ނާދިރު ކަމެކެވެ.

"އެފަދަ ކަމެއް ފެންމަތިނުވާނެ ކަން ހަގީގަތުގައި އެކަން ކުރައްވާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ،" އޭނާ ވިދާޅުވި އެވެ.

ކަމުގެ ބާވަތާއި، ގާނޫނުތަކާއި ބައިނަލްއަގްވާމީ ހަމަތަކުގައި ލިޔެވި އަމަލު ކުރެވެމުން އަންނަ ގޮތް އެނގިތިބިމެ، އެފަދަ ވާހަކަތައް މިއަދު ދައްކަަވަނީ ސިޔާސީ ބޭނުމެއްގައި ކަމަށް އޭނާ ތުހުމަތު ކުރައްވަ އެވެ.

ވިއްކާލީ ކަމަަށް ތުހުމަތު ކުރާ ކަނޑު އަނބުރާ ހޯދާނެ ގޮތެއް އިއްތިހާދުގައި ތިއްބެވި ފުންނާބު އުސް ބޭފުޅުންނަށް ބުނެ ނުދެވުނެވެ. ދާނެ މިސްރާބެއް ސާފެއް ނުވެ އެވެ.

ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، އިދިކޮޅުން އިއްތިހާދު މި ވީ ސިޔާސީ ބޭނުމެއްގައި ކަމަށް ބުނެވިދާނެ ފުރުސަތު އެބައޮތެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް ރާއްޖޭގެ ސިޔާސީ ތާރީހުން ވެސް ފެންނަން އޮތީ ދާދި އެއްގޮތް ސޮފުހާތަކެކެވެ.