Advertisement

ރައީސްގެ ވަޒީރުކަމާއި ޕާޓީގެ ސްޓޭންޑް؛ ބައެއް ވަޒީރުންނަށް ދެ ގޮތް ވެސް ރަނގަޅު!

14 މޭ 2023 - 10:42 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައީސް އޮފީސް އަދި ޖޭޕީގެ ޖަގަހަ. މިވަގުތު ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޖޭޕީ ހަރަކާތްތެރިވަމުންދާއިރު ވެސް އެ ޕާޓީގެ ސްލޮޓުތަކުގައި ތިއްބެވި މިނިސްޓަރުން އިސްތިއުފާ ނުދޭތީ ފާޑުކިޔުން ވަނީ އަމާޒުވެފައި --- ފޮޓޯ: ރައްޔާން މުހައްމަދު/އަދަދު


ރައީސްގެ ވަޒީރުކަމާއި ޕާޓީގެ ސްޓޭންޑް؛ ބައެއް ވަޒީރުންނަށް ދެ ގޮތް ވެސް ރަނގަޅު!

14 މޭ 2023 - 10:42 2

ސިޔާސީ މަސްރަހުގައި މި ވަގުތު ކުރެވެމުންދާ އޮތީ މައިގަނޑު އެއް ބަހުސެކެވެ. ރާއްޖޭގެ ދެކުނުން އިން ފުރަތަމަ ފަހަރަށް ކަށަވަރުވީތީ، ކަނޑުތަކުގެ ޓްރައިބިއުނަލްގެ ނިންމުން ސަރުކާރުން ސިފަކުރީ ބޮޑު މޮޅެއް ގޮތުގަ އެވެ. އެކަމަކު، ވާދަވެރިންނަށް ފެނުނީ ގެއްލުމެކެވެ. ކުރިން މަސްވެރިންނަށް ދެވުނުހާ ދުރަކަށް ނުދެވޭނެތީ، އެ ބައި ސަރުކާރުން "ވިއްކާލީ" ކަމަށް ތުހުމަތު ކުރީ އެވެ.

އެންމެ ފަހުން ސަރުކާރާ ވާދަވެރި އެންމެން ގުޅޭނެ ސަބަބެއް އުފަންވީ އެވެ. ސިޔާސީ ގޮތުން ހިޔާލު ތަފާތުވިޔަސް މި މައްސަލާގައި އިދިކޮޅުން އެއްގަލަކަށް އަރައިފި އެވެ. 'ގައުމުގެ ހިމާޔަތުގައި' ރިޔާސީ އިންތިހާބަށް ގުޅިގެން ނުކުންނަން "ފޯޅަވަހި ކޯލިޝަން" ރަސްމީކޮށް އިއުލާންކުރެވި އުފަންވެއްޖެ އެވެ.

އެކަމަކު މި ހިސާބުން ރައްޔިތުން ތިބީ އޮޅުންގަނޑެއްގެ ތެރޭގަ އެވެ.

"ފޯޅަވަހި ކޯލިޝަން" ގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ބައިވެރިވެ އެވެ. އެ ދެ ޕާޓީގެ ވެސް ރަސްމީ ސްޓޭންޑަކީ މި މައްސަލާގައި ސަރުކާރުން ހުރަސް ކުރަން ނުޖެހޭ ރޮނގެއް ހުރަސްކޮށްފި ކަމެވެ. މި އާ ކޯލިޝަންގެ ކޮންފެރެންސްތަކާއި ބައްދަލުވުންތަކުގައި އެ ޕާޓީތައް ތަމްސީލްކުރާނެ ބަޔަކު ބައިވެރި ވެސް ވެ އެވެ. ޕާޓީތަކުގެ ލީޑަރުން ވެސް އެ މޭރުމުން ޓުވީޓުތައް ވެސް ކުރެއްވި އެވެ.

އަނެއްކޮޅުން މިއީ މިހާރު ހިނގަމުން އަންނަ ސަރުކާރުގެ ބައިވެރިންނެވެ. ސަރުކާރު ކެބިނެޓުގައި ޕާޓީ ތަމްސީލު ކުރައްވާ ވަޒީރުން އެބަ ތިއްބެވި އެވެ. އިޓްލޮސްގެ ނިންމުމާއެކު ސަރުކާރަށް މަރުހަބާ ވިދާޅުވެ މިއިން ބައެއް ވަޒީރުން ޓުވީޓު ވެސް ކުރެއްވި އެވެ. އިޓްލޮސްގެ ނިންމުން ދިފާއުކޮށް މުޅި ކެބިނެޓު ރުކުރުވާލައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ޕާޓީގެ ވަޒީރުން ވެސް ތިއްބެވި އެވެ. ރައީސަށް ތައުރީފުކޮށް ރައީސްގެ ސަރުކާރުން ހޯދި ކާމިޔާބީގައި ހިއްސާވާކަން ދެއްކި އެވެ.

"އެކަން ނިމިގެންދިޔައީ ރާއްޖޭގެ ހާއްސަ ބޭނުންތަކާއި ކަންކަމަށް ރިއާޔަތްކޮށް ރާއްޖެއަށް ހުށަހަޅާ ސަރަހައްދުގެ ބޮޑުބައި ލިބޭ ގޮތަށްކަން އެނގިވަޑައިގަންނަވާނެ," އެކަމާ ގުޅިގެން ސަރުކާރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފް ކުރައްވަމުން އެމަނިކުފާނުގެ ފިޝަރީސް މިނިސްޓަރު ކަމުގައި ޖޭޕީގެ ސްލޮޓެއްގައި ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވި އެވެ.

ސަރުކާރުގެ ސްޓޭންޑް ފިޝަރީޒް މިނިސްޓަރު ދިފާއު ކުރެއްވިއިރު، ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ ސަރުކާރަށް މަރުހަބާ ވިދާޅުވެ ޓުވީޓު ކުރައްވައިފަ އެވެ. އެކަމަކު ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ޓުވީޓެއް ނުކުރައްވަ އެވެ. ސަރުކާރު ކެބިނެޓު އެއްކޮށް ބޭއްވި ޕްރެސް ކޮންފެރެންސްގައި ވެސް އޭނާއެއް ނެތެވެ.

އެމްއާރުއެމްގެ ދެ ވަޒީރަކު ސަރުކާރު ކެބިނެޓުގައި އެބަ ތިއްބެވި އެވެ. އޭގެ ތެރެއިން އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ ސަރުކާރަށް މަރުހަބާ ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ. އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޔުމްނާގެ އެ ޓްވީޓްތައް އެމްއާރުއެމްގެ ސްލޮޓްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. އިބްރާހީމް ހަސަން ރިޓުވީޓު ކުރައްވާފައިވެ އެވެ.

އެމްއާރުއެމާއި ޖޭޕީގެ ސްޓޭންޑް: "ކަނޑުން ބައެއް ގެއްލިއްޖެ"

އިމުގެ މައްސަލާގައި ފޯޅަވައްސާ ފެޔަށް ޖެހި ތިބީ ސެޕްޓެމްބަރުގެ އިންތިހާބަށް ރައީސް އެކުލަވާލާފައިވާ ކޯލިޝަން ޕާޓީތަކެވެ. "ފޯޅަވަހި ކޯލިޝަން" ރަސްމީ ނުކުރި ނަމަވެސް ޖޭޕީގެ މަޖިލިސް މެމްބަރުންނާއި އެމްއާރުއެމްގެ މަތީ ފަޑީގެ ބޭފުޅުންގެ ހިއްސާ އެބައޮތެވެ. މިހާތަނަށް ފެނުނު މަންޒަރުތަކުން ސާފުވާ ހަގީގަތަކީ އޭގައި އިދިކޮޅާއި އެއްވަރަށް ސަރުކާރުގައި ތިބި ބައެއް ޕާޓީތަކުގެ ބައިވެރިވުން ވެސް އޮތް ކަމެވެ.

އިމުގެ މައްސަލާގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް "އަދަދު" ނޫހަށް ވިދާޅުވި ގޮތުގައި އެ ޕާޓީގެ ސްޓޭންޑް އެކަމުގައި ވަރަށް ސާފެވެ. ހެއްކެއްގެ ގޮތުގައި އޭނާ ދެއްކެވީ މި މައްސަލައާ ގުޅިގެން ކަނޑުތަކުގެ ޓްރައިބިއުނަލަށް ގާސިމް ފޮނުއްވި ސިޓީއާ އޭނާ ކުރެއްވި ޓްވީޓެވެ.

"ޖޭޕީގެ ސްޓޭންޑް ގާސިމް އިބްރާހިމް ކުރައްްވާ ޓްވީޓަކީ ވެސް އަދި ގާސިމް އިބްރާހިމް ސޮއިކުރައްވައި އިޓްލޮސްއަށް ފޮނުވި ސިޓީއަކީ ވެސް. އެއީ ޖޭޕީގެ ސްޓޭންޑް. އެއީ ޖޭޕީގެ ވަޒީރަކު އެ ވިދާޅުވާ އެއްޗަކީ ޖޭޕީގެ ސްޓޭންޑަކަށް ނުވާނެ," ޖޭޕީގެ ވަޒީރުން ސަރުކާރުގެ ސްޓޭންޑަށް ތާއިދު ކުރުމާ ގުޅޭގޮތުން އާރިފު ވިދާޅުވި އެވެ.

ސިޔާސީ މަސްރަހުގެ ކަންކަން ސާފުނުވާ ގޮތަކަށް އެތުރިފައި އޮތް އިރު މި ޕާޓީތަކަށް ނިސްބަތްވާ ވަޒީރުން މާ ބޮޑަކަށް މިއިން ކަމަކަށް ޖަވާބުދާރީވެފައެއް ވެސް ނެތެވެ. "އަދަދު" ނޫހުން ކުރި މަސައްކަތުން ވެސް މިހާތަނަށް ޖަވާބެއް ދިނީ ޕްރެސް ކޮންފެރެންސްގައި ވެސް ސަރުކާރުގެ ނިންމުން ފާޅުގައި ދިފާއު ކުރަން ނުކުމެ ހުންނެވި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެކަންޏެވެ.

އެހެންވިޔަސް ދިފާއުގައި ޑރ. ހުސައިން ވިދާޅުވަނީ އެ ކަމުގައި ޖޭޕީގެ ކައުންސިލުން އަދި ލީޑަރު ވެސް ވަކި ގޮތެއް އަންގަވާފައި ނެތް ކަމަށެވެ.

"ޖޭޕީގެ ރަސްމީ ޕޮޒިޝަނެއް ތި ކަމުގައި ނެތް. ކައުންސިލަށް ގެނެސް ތި ކަމުގައި ބަހުސެއް ވެސް ނެތް ކޮށްފަ. ޖޭޕީގެ ލީޑަރު ދެކޭ ގޮތެއް އެބަ އޮތް، އޭގައި ވެސް އޮތީ ރާއްޖޭން ކަނޑުގެ ސަރަހައްދުން ބައެއް ނުގެއްލޭ. އެއީ ސަރުކާރު އަދި އަޅުގަނޑު ވެސް އެދޭ ގޮތް،" ޑރ. ހުސައިން ރަޝީދު ވިދާޅުވި އެވެ.

އެމްއާރުއެމް ވެސް މިކަމުގައި އޮތީ ސަރުކާރާ ދެކޮޅަށްކަން ރަސްމީކޮށް ހާމަނުކުރި ނަމަވެސް އެ ޕާޓީގެ ވިސްނުން ވެސް ހުރީ ރައީސްއާ ފެޔަށް ޖެހި ސެޕްޓެމްބަރަށް އެހެން ފޯމިއުލާއެއް ހޯދުމަށެވެ.

"މި ނިންމުން ނިންމި އިރުގައި, މިކަމުގައި 100 ޕަސެންޓު ދިވެހި ރައްޔިތުންގެ ބަހެއް ލޮޖް ކުރެވިފައި އޮންނަން ޖެހޭ ކަމަށް އެމްއާރުއެމުން ގަބޫލުކުރަން. އެމްއާރުއެމުން [މިކަމުގައި] ކަންބޮޑުވާ ބައެއް ކަންކަން އެބަހުރި," ފޯޅަވަހި ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއާރުއެމްގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެފައިވެ އެވެ.

ޗާގޯސް މައްސަލަ ކެކި އިންތިހާބުގެ ފޯރީގައި އެ ޕާޓީގެ ތެރެއިން އިސް ގިނަ އަދަދެއްގެ ބަޔަކު ވެސް ވަނީ ވަކިވެެފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބައެއް ކުންފުނިތައް ހިންގަން ތިއްބެވި ވެރިންނާއި އެކި ވުޒާރާތަކުގެ އިސްވެރިން ވެސް ހިމެނެ އެވެ.

"ރީތި ގޮތަކީ އިސްތިއުފާ ދިނުން"

ދުނިޔޭގެ ގިނަ ގައުމުތަކުގައި އަމަލުކުރާ އުސޫލަކީ ސަރުކާރުގައި ހުރެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ޕާޓީއަކަށް ނިސްބަތްވާ ނަމަ ކޮންމެވެސް އެއްކޮޅެއް އިހުތިޔާރު ކުރުމެވެ. އާންމު ގޮތެއްގައި ޑިމޮކްރަޓިކް މުޖުތަމައުތަކުގައި މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަމަލުކުރަނީ ޕާޓީ ލައިންގަ އެވެ. ތިއްބަވާ މަގާމުތަކުން އިސްތިއުފާ ދިނުމަށް ފަހު ޕާޓީގެ މަސައްކަތަކައިގެން ކުރިއަށް ދާނީ އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމބަރު އަހުމަދު ޝިޔާމް ގަބޫލުކުރައްވާ ގޮތުގައި ވެރިކަން ކުރުމަށް އިންތިހާބުވާ ކޯލިޝަންގައި ބައިވެރިވާ ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރާނެ ގޮތުގެ އެއްބަސްވުމަކީ ރައްޔިތުންނާ މެދު ވެސް އޮންނަ "އިޖުތިމާއީ" އިގުރާރެކެވެ.

"އަސްލު ރައްޔިތުންނާ އެކު ހަދާ ކޮންޓްރެކްޓެއް މިއީ. ޕާޓީތަކުން ސަރުކާރުން ކުރާ ކަމެއްގައި ޕާޓީގެ ހިޔާލު މައިގަނޑު ގޮތެއްގައި ތަފާތުވެއްޖެ ނަމަ, ކެބިނެޓުގައި ރެއިޒް ކުރެވެން ވާނެ އަމިއްލަ ޕާޓީގެ ސްޓޭންޑް، ސަރުކާރުން ގޮތް ދޫނުކުރީމަ ދެން ރީތި ގޮތަކީ މަގާމުން އިސްތިއުފާ ދިނުން،" ޝިޔާމް ވިދާޅުވި އެވެ.

މަސްކަނޑުތައް ހޯދަން އަނބުރާ މަސައްކަތްކުރާ ޕާޓީގެ ވަޒީރަކު ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އިންނަވައި މަސްކަނޑުތައް ނުގެއްލޭ ކަމަށް ވިދާޅުވުމުން ރައްޔިތުން ތިބޭނީ އޮޅުމެއްގެ ތެރޭގަ އެވެ.

"އޭގެއިން އެ ފެންނަނީ ސިޔާސީ ޕާޓީތަކަކީ ފަލްސަފާއަކަށް ބިނާކޮށްފައި ހުންނަ ޕާޓީތަކެއް ނޫންކަން. އެހެންކަމުން ސިޔާސީ ގޮތުން ޕާޓީތަކުގެ ލީޑަރުންނާ ފަލްސަފާތައް އެއްގޮތެއް ނުވޭ. ދެ ވަނަ ކަމަކީ ޕާޓީ ތެރޭގައި ޑިމޮކްރަސީ ނެތީމަ ޑިޒިޝަން މި ނަގަނީ ޕާޓީ ތެރޭގައި ތިބޭ މަދު ބައެއް," މި ރިޕޯޓަށް މައުލޫމާތު ދެއްވަމުން ރައްޖޭގެ ސިޔާސީ އަދި އިންސާނީ ހައްގުތަކުގެ ދާއިރާގައި މަސައްކަތް ކުރައްވާ އަހްމަދު މުހައްމަދު (ފޯމީ) ވިދާޅުވި އެވެ.

ސީދާ ސަރުކާރާ ސިޔާސީ ގޮތުން ދެކޮޅަށް އިއްތިހާދުވެ މަސައްކަތްކުރާ ކޯލިޝަނެއްގައި ހިމެނޭ ޕާޓީތަކެއްގެ ސްލޮޓުގައި ވަޒީރުން ތިބުމަކީ ވެސް "ހެއްވާ" ކަމެކެވެ.

"އިންސާނުން ވީމައި ކަމަށް ވާނީ, އަމިއްލަ އެދުން ކުރިއަށް މި ނެރެނީ، ދެން ހުރިހާ އެންމެން މިހެން ވަނީއެއް ނޫން، އެތިކަލީ އެއީ ރަނގަޅު ކަމެއް ނޫންކަން ފެނިގެން އިސްތިއުފާ ދޭތަން ވެސް ފެނިފައި އެބަހުރި، އެކަމަކު ޖޭޕީގެ [ސްލޮޓް] ގައި އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެއާ ހިލާފަށް އަމަލުކުރައްވަމުންދާތަން މި ފެންނަނީ," މި ރިޕޯޓަށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވި އެވެ.

"މިއީ ސިޔާސީ ޕާޓީތަކަށް ރައްޔިތުންނަށް ކުރާ އިތުބާރު ގެއްލިގެން ދާނެ ކަމެއް. ރައްޔިތުން ކޮންފިއުޒް ކުރުވައިގެން ނުވާނެ އެއް ކަމަކަށް. ސޯޝަލް ކޮންޓްރެކްޓެއްގައި ސޮއި މިކުރަނީ. މި ކޮންޓްރެކްޓަށް އޮނާ ކުރެވެން ޖެހޭނީ," ޝިޔާމް އިތުރަށް ވިދާޅުވި އެވެ.

"ޕާޓީތަކުން ނުކެރޭ ވަކި ގޮތަކަށް ޑިޒިޝަން (ނިންމުއް) ނަގާފައި އޮތަސް ސަރުކާރުން ތިބޭ މިނިސްޓަރުން އެއާ އިދިކޮޅަށް ކަމެއް ކޮށްފިއްޔާ އެއްޗެއް ބުނާކަށް ވެސް. ޕާޓީން ފިޔަވަޅެއް އަޅާކަށް ވެސް ބޭނުމެއް ނޫން, ކޯލިޝަން ދަމަހައްޓާނެތާ," މީގެ ކުރިން ވާހަކަ ދެއްކެވި ފޯމި ވިދާޅުވި އެވެ.

އިދިކޮޅާއި އެއްކޮޅުގައި ވެސް އެއްބަޔަކު ތިބޭ ތިބުމަކީ ސިޔާސީ ގޮތުން ދެކޮޅު ނުޖެހޭ ކަމެކެވެ. ކޮންމެވެސް އެއްގޮތެއް އިހުތިޔާރު ކުރުމަކީ މިއަދު އެ ޕާޓީތަކުގެ ސްލޮޓުތަކުގައި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރައްވަން ޖެހިފައިވާ ކަމެކެވެ. އިންތިހާބަށް ވަގުތު ކުޑަތަންވަމުން އަންނައިރު ތިއްބެވި ފަޅިއެއް ސާފުކޮށް އެނގެން ޖެހެ އެވެ. ޕާޓީއާ އެކު ތޯ ވެރިކަމަށް އައުމަށްތޯ ނުވަތަ ދެވަނަ ދައުރެއް ހޯދާނީތޯ, މިއީ އެ ބޭފުޅުން ނިންމާން ޖެހިފައިވާ ނިންމުމެކެވެ.