11 މޭ 2023 - 16:56 0
ނިމާ ހަސަން
ހުޅުމާލޭގެ ދެވަނަ ފިޔަވަހި ފެންނަ ޑްރޯން ފޮޓޯއެއް. ފޭސް ދޭއްގެ ބައެއް ސަރަހައްދުތަކުން ވެސް ސަރުކާރުން ގޯތި ދޭނެ --- ފޮޓޯ: އާއިމް/އަދަދު
11 މޭ 2023 - 16:56 0
ކުރިން ސަރުކާރުން އިއުލާންކޮށްފައިވާ ފްލެޓާއި ގޯތި ދިނުމުގެ މަޝްރޫއުތަކަށް ބޭނުންވާވަރަށް ހުޅުމާލޭގައި ގޯތި ހުރި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ, ހުޅުމާލޭގެ ބިން ހިއްކުމުގެ މަޝްވަރާތައް ކުރިއަށް ދަނީ ކުރިން އިއުލާންކޮށްފައިވާ ފްލެޓްތަކާއި, ގޯތި ދިނުމަށް ބޭނުންވާ ބިން ނެތިގެން ނޫން ކަމަށެވެ.
މިއުވާން ވިދާޅުވީ ހުޅުމާލޭގެ ބިން ހިއްކުމުގެ މަޝްރޫއަކީ މިހާރު މަޝްވަރާ ކުރުމުގެ މަރުހަލާގައި އޮތް ކަމަކަށް ވާތީ އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކުރެވެން ނެތް ކަމަށެވެ.
"އަޅުގަނޑު ޔަގީންކަން މިއަރުވަނީ މިހާރު އިއުލާން ކުރެވިފައި ހުރި ހައުސިން މަޝްރޫއުތަކާއި އަދި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމަށް ބޭނުންވާ ބިން ނެތިގެނެއް ނޫން. އެކަމަށް ބޭނުންވާ ބިން މިހާރު ވެސް އެބައޮތް. އެކަން ކަށަވަރު ކުރުމަށްފަހު އިއުލާން ކުރެވިފައި ވަނީ," މިއުވާން ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ހުޅުމާލެއިން ހިއްކަން މަޝްވަރާ ކުރަމުންދާ ސަރަހައްދަކީ ފޭސް އެކެއްގައި މިހާރު މެރީ ބްރައުން ހިންގާ އިމާރާތް ހުރި ދިމާލުން ފެށިގެން ގޮސް ފޭސް ދޭއްގައި އޮންނަ ފަރުކޮޅު ފުށްޓާ ހަަމައަށެވެ. ހުޅުމާލޭގެ މާސްޓަ ޕްލޭންގައިވާ ގޮތުން އެއީ ކްރޫޒް ޝިޕްތައް ބަނދަރުކުރާ ޓާމިނަލަކާ އެކު، ފަޅުގެ ގޮތުގައި ބާއްވަން ކަނޑައަޅާފައި އޮތް ސަރަހައްދެކެވެ.
އަދި, އެ ސަރަހައްދު ހިއްކަނީ މާލޭ ރައްޔިތުންނަށް ދޭން ވައުދުވެފައިވާ ގޯތި ދިނުމަށް ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.
އެ ސަރަހައްދުގެ ތަރައްގީއާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާތީ މިއުވާން ވަނީ ސުވާލެއް އަމާޒުކުރައްވާފަ އެވެ.
"މާލޭގެ ރައްޔިތުންނަށް ނުވަތަ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދިނުމަށް ނުވަތަ ބޯހިޔާވަހިކަން ދިނުމަށް އެ ބޭފުޅުން ދެކޮޅު ހައްދަވަނީތޯ," މިއުވާން އެއްސެވި އެވެ.
މާލޭގައި އޮތް ތޮއްޖެހުމުގެ މައްސަލަ ފާހަގަކުރައްވާ މިއުވާން ވިދާޅުވީ މި ސަރަހައްދުގައު އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
މިހާރު އެކުލަވާލާފައިވާ ޕްލޭންތަކަށް ބަދަލު ގެނެސްގެން ވިޔަސް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުން ގެންދާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.
ހުޅުމާލޭގެ މާސްޓަ ޕްލޭނަށް ބޮޑު ބަދަލެއް ގެނެސް، ހުޅުމާލޭގެ ފަޅުގެ ސަރަހައްދެއް ހިއްކުމުގެ މަޝްވަރާތައް ކުރިއަށްދާއިރު, އެ ސަރަހައްދުގެ އިހްތިސޯސް އޮތީ އާބަންކޯއަށް ނޫން ކަމަށާއި, މާލެ ސިޓީ ކައުންސިލަށް ކަމަށް މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެ ސަރަހައްދު ހިއްކުން ހުޅުމާލޭ މާސްޓާޕްލޭނާ ހިލާފުވާނެ އެވެ. އަދި އެކަން ކުރުމަށް މާސްޓާޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ޖެހޭނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި ރާއްޖޭގައި އަމަލު ކުރަމުންދާ ގާނޫނުތަކާ އުސޫލުތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް މިކަން ކުރަން މަސައްކަތް ކުރަނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް އެ ކައުންސިލާ މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް ވެސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
Comment