8 މޭ 2023 - 21:30 0
އައިޝަތު ނުޒުހާ
މެރިއޮޓްއާއެކު މިއަދު ފެށި އެޕްޓްރެންޓިސްޝިޕްގެ ބައެއް ބައިވެރިން؛ 40 ބައިވެރިއަކަށް މިއަދު ވަނީ އެޑްމިޝަން ހަވާލުކޮށްފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
8 މޭ 2023 - 21:30 0
ތަފާތު ދާއިރާތަކުން ޒުވާނުންނަށް ތަމްރީނު ފޯރުކޮށްދިނުމުގެ މަގްސަދުގައި ޔޫތު މިނިސްޓްރީން ހިންގަމުން އަންނަ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ ބްރޭންޑަކާއެކު ފަށައިފި އެވެ.
މެރިއޮޓް އިންޓަނޭޝަނަލްއާއެކު މިދިޔަ މާޗް މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމް މިއަދު އިފްތިތާހުކޮށްދެއްވި ނައިބު ރައީސް ފައިސަލް ނަސީމެވެ.
ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ވަނި އެކި ދާއިރާތަކުން ތަމްރީނު ހޯދާ 40 ޒުވާނަކަށް އެޑްމިޝަން ހަވާލުކޮށްފަ އެވެ.
މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މަސައްކަތުގެ މާހައުލަށް ޒަމާނާއެކު އަންނަ ބަދަލުތަކަށް މަސައްކަތްތެރިން ތައްޔާރުކުރުމުގެ ގޮތުން މަތީ ތައުލީމާއި ތަމްރީނު ފުރުސަތުތައް ސަރުކާރުން ފަހިކޮށްދެމުން އަންނަ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އަދި، ދިވެހި ޒުވާނުންނަށް ވަޒީފާގެ ތެރޭންނާއި ވަޒީފާގެ ބޭރުންވެސް ބޭނުންވާ ހުނަރާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާއާއި ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު މަހުލޫފް ވަނީ މިފަދަ ފުރުސަތުތަކަކީ މަދުން ލިބޭ ފުރުސަތެއް ކަމަށާއި އޭގެ ބޭނުން ރަނގަޅަށް ހިފުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
"މި ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފައިފިނަމަ ކޮންމެ ކުއްޖަކަށް ވެސް ކޮންމެ ދިވެއްސަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، ގޮންޖެހުންތައް ހުންނާނެ ހުރަސްތައް ހުންނާނެ،" މަހުލޫފް ވިދާޅުވި އެވެ.
މި ޕްރޮގްރާމްގެ ބައިވެރިޔަކަށް ޔޫތު މިނިސްޓަރު މަހްލޫފް އެޑްމިޝަން ހަވާލުކޮށްދެއްވަނީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އަދި, މިފަދަ ޕްރޮގްރާމްތަކުގައި ވީހާ ވެސް ގިނައިން އަންހެނުން ބައިވެރިވުމަށް ވެސް މަހުލޫފް އެދިވަޑައިގެންނެވި އެވެ.
މެރިއޮޓް އިންޓަނޭޝަނަލްއަކީ ނެޝަނަލް އެޕްރެންޓިސް ޕްރޮގާރާމާއި ގުޅުނު ފުރަތަމަ އިންޓަނޭޝަނަލް ހޮސްޕިޓާލިޓީ ބްރޭންޑެވެ. އަދި, އެއީ ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިންގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަތް ޕްރޮޕަޓީ އެއް ހިންގަމުން އަންނަ ހޮޓެލް ޗެއިނެއް ވެސް މެއެވެ.
Comment