Advertisement

ބްރޯޑްކޮމްއަށް ލިބެންޖެހޭ ފައިސާގެ އަދަދު 24 މިލިއަން ރުފިޔާއަށް ވުރެ އިތުރު

8 މޭ 2023 - 09:44 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


ބްރޯޑްކޮމްއަށް ލިބެންޖެހޭ ފައިސާގެ އަދަދު 24 މިލިއަން ރުފިޔާއަށް ވުރެ އިތުރު

8 މޭ 2023 - 09:44 0

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް އެކި ފަރާތްތަކުން ދައްކަންޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 24 މިލިއަން ރުފިޔާ ހުރަސްކޮށްފައިވާ ކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.

ބްރޯޑްކޮމްގެ 2021 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ އަހަރުގެ ނިޔަލަށް އެ ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ޖުމްލަ 24،733،997 ރުފިޔާ ނުލިބެ އެވެ.

އޭގެ ތެރޭގައި ބްރޯޑްކާސްޓު ކުރުމާއި ރީބްރޯޑްކާސްޓު ކުރުމުގެ ލައިސެންސް ފީގެ އިތުރުން ފްރީކުއެންސީ ލައިސެންސް ފީ ހިމެނޭއިރު، އެ ފީތައް ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ ވެސް ހިމެނެ އެވެ.

މިގޮތުން، ނުދައްކާ ހުރި ލައިސެންސް ފީތަކުގެ ޖުމްލަ އަދަދު 15 މިލިއަނަށް ރުފިޔާއަށް ވުރެ އިތުރުއިރު، އަދި, އޭގެ ޖޫރިމަނާ ނުވަ މިލިއަނަށް އަރަ އެވެ.

މީގެ އިތުރުން، ބްރޯޑްކޮމްއަށް ލިބެންޖެހޭ ފައިސާގެ ނިސްބަތް އަހަރުން އަހަރަށް އިތުރުވަމުންދާކަން ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. މިގޮތުން، 2018 ވަނަ އަހަރު އެ ކޮމިޝަނަށް ނުލިބިހުރި ފައިސާގެ އަދަދު 14 މިލިއަން ރުފިޔާގައި ހުރިއިރު، ވިދިގެން އައި ތިން އަހަރު ދުވަހުގެ ތެރޭގައި އެ އަދަދަށް 10 މިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.

ރިޕޯޓުގައި ބުނެފައިވަނީ، އެ ފައިސާ ހޯދަން 2019 ވަނަ އަހަރުގެ ތެރޭގައި ނޯޓިސް ފޮނުވާފައިވީ ނަމަވެސް، ކޮވިޑާ ގުޅިގެން އެ މަސައްކަތް ބްރޯޑްކޮމްއިން މަޑުޖައްސާލެވުނު ކަމަށެވެ.

ނަމަވެސް، ކޮވިޑުން އަރައިގަނެ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އަލުން ނޯޓިސް ފޮނުވައި، އެ ފައިސާ ހޯދުމުގެ މަސައްކަތް އަނެއްކާވެސް ކުރެވެމުންދާ ކަމަށް ބްރޯޑްކޮމް އާ ހަވާލާދީ އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

"ކޮމިޝަނަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭނަމަ، އެ ފައިސާ ނުލިބި ނުވަތަ ލިބުން ލަސްވެ ދައުލަތަށް މާލީ ގެއްލުމާ ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެކެވެ،" އޮޑިޓު އޮފީހުން ބުންޏެވެ.

އެހެންކަމުން، އެ ފައިސާ ހޯދުން އަވަސް ކުރެވޭނެ ގޮތްތަކެއް ހޯދުމަށާއި އެ ފައިސާ ހޯދުމުގައި މާލިއްޔަތު ގަވައިދާ އެއްގޮތަށް އަމަލުކުރުމަށް އޮޑިޓު އޮފީހުން ވަނީ ބްރޯޑްކޮމް އަށް ލަފާދީފަ އެވެ.