7 ޖަނަވަރީ 2026 - 11:35 0
ލީވާން އަލީ ނާސިރު
ބްރޮޑްކޮމްގެ ކުރީގެ ނައިބުރައީސް މުހައްމަދު ފަޒީން: އޭނާގެ މައްޗަށް ދައުވާކުރަން ވަނީ ފޮނުވާފައި -- ފޮޓޯ:
7 ޖަނަވަރީ 2026 - 11:35 0
މިހާރު އުވާލާފައިވާ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މުވައްޒަފަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި އެ ކޮމިޝަނުގެ ކުރީގެ ނައިބުރައީސް މުހައްމަދު ފަޒީނަށް މިދިޔަ އާދީއްތަ ދުވަހު ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނީ ފަޒީންގެ މައްޗަށް އުފުލީ ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރުމުގެ ދައުވާ ކަމަށެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ތިން އަހަރާއި ހަތް އަހަރާ ދެމެދުގެ ހުކުމެއް އަންނާނެ އެވެ.
ފަޒީންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީން އޭނާ މަގާމުން ވަކިކުރަން ނިންމައި، މައްސަލަ ތަޅުމަށް ވެސް ފޮނުވި އެވެ. ނަމަވެސް މަގާމުން ވަކިކުރުމުގެ ކުރިން ފަޒީން ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އޭރު ބުނީ ފަޒީންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި އަންހެން މުވައްޒަފު ގައިގައި ތަކުރާރުކޮށް އޭނާގެ ނުރުހުމުގައި އަތް ލާފައިވާ ކަމަށާއި ބޭއަދަބީ ބަހުރުވައިން ފަޒީން އޭނާއާ ވާހަކަދައްކާފައިވާ ކަމަށް އެ މުވައްޒަފު ކޮމިޓީއަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ފަޒީންގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާގެ ވަކީލު އޭރު ނެރުނު ބަޔާނުގައި ބުނީ ޖިންސީ ގޯނާކުރި ކަމަށް ބުނާ ބުނުން ފިޔަވާ އިތުރު އެއްވެސް ހެއްކެއް ދެއްކިފައި ނުވާ ކަމަށެވެ. އެގޮތުން ކުރާ ހުރިހާ ތުހުމަތުތަކެއް އޭރު ނެރުނު ބަޔާނުގައި ދޮގުކުރި އެވެ.
Comment