Advertisement

"ވިއްކާލާފައިވާ މަސްކަނޑު" އަނބުރާ ހޯދަން އިދިކޮޅުން ބައިނަލްއަގްވާމީ ކޯޓުތަކަށް ދަނީ

5 މޭ 2023 - 11:26 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން. --- ފޮޓޯ: މުހައްމަދު ޝާބިން


"ވިއްކާލާފައިވާ މަސްކަނޑު" އަނބުރާ ހޯދަން އިދިކޮޅުން ބައިނަލްއަގްވާމީ ކޯޓުތަކަށް ދަނީ

5 މޭ 2023 - 11:26 2

ޗާގޯސް ޖަޒީރާ އާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާ ކަމަށް ބުނެ، މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލާގައި އެ ޓްރައިބިއުނަލް އިން ނިންމި ނިންމުން ބަލައިނުގަންނަ ކަމަށާއި އެ މައްސަލަ ބައިނަލްއަގްވާމީ ކޯޓުތަކުގައި އިސްތިއުނާފު ކުރާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. އެޕްރީލް 28, ގައި އިޓްލޮސްއިން އެ މައްސަލަ ނިންމީ ރާއްޖޭން ހުށަހެޅި ގިނަ ނުކުތާތައް ބަލައިގަނެ ރާއްޖެެއަށް ބޮޑުބައި ލިބޭ ގޮތަށެވެ.

އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުން ވަނީ މި މައްސަލާގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވާ ގޮތަށް ކަންކަން ކޮށްފަ އެވެ. މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީގެ ސަބަބުން ރާއްޖޭގެ އީއީޒެޑުން ބޮޑުބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެކަމަކު ސަރުކާރުން އެކަން ދޮގުކުރެ އެވެ.

އިޓްލޮސްގެ ނިންމުމުގެ ސަބަބުން މުޅި ދައުލަތަށާއި, ވަކިން ހާއްސަކޮށް މަސްވެރި އާއިލާތަކަށް އިޔާދަނުކުރެވޭ ވަރުގެއް ގެއްލުންތައް ލިބިފައިވާ ކަމަށް އިދިކޮޅުން މި މައްސަލާގައި ނެރުނު ރަސްމީ ބަޔާނުގައި ބުނެފައިވެ އެވެ. އަދި, ސަރުކާރުގެ އިސްވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާ ކަމަށް ވެސް އިދިކޮޅުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ދެ ބަޔަށް ބަހަން ސަރުކާރުން ކުއްލިއަކަށް އެއްބަސްވެފައި ވަނީ އަޑި ނޭނގޭ ޑީލްތަކެއް ހަދައިގެން ކަމަށް, ސަބަބުވެރި ކޮންމެ އިންސާނެއް ގަބޫލު ކުރާނެ. ..... ރާއްޖޭގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރުމުގެ ބަދަލުގައި, ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލޭގޮތަށް ސަރުކާރުން އަމަލުކޮށްފައިވާކަން ދޭހަވޭ," އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ވަނީ ރައީސް ސޯލިހު އާއި, ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު އަދި އެޓާނީ ޖެނެރަލް ގައުމަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ. އަދި, މި މައްސަލާގައި "ބައެއް ގެއްލުމުގެ" ޒިންމާ އެ ތިން ބޭފުޅުން ފުރިހަމައަށް ނަންގަވަން ޖެހޭ ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.

އަދި, އަދުލުއިންސާފުގެ ކުރިމައްޗަށް ގެނެސް ރައްޔިތުންނަށް "ގައްދާރުވި މީހުންނަށް ހައްގު އަދަބު" ދިނުމަށް ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.

"މި މައްސަލަ އިސްތިއުނާފު ކުރުމަށް ބައިނަލްއަގްވާމީ ކޯޓުތަކަށް ހުށަހަޅައި, ވިއްކާލާފައިވާ ދިވެހި މަސްކަނޑު އަނބުރާ ހޯދުމަށް, މި ކޯލިޝަނުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަން," އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިޓްލޮސްގެ ނިންމުން

ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، ރާއްޖޭގެ ދެކުނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެ އެވެ. ސަރަހައްދީ އިން ވަކިކުރުމުގައި ދެ ގައުމަށް އެއްބަސްނުވެވޭ ހާލަތުގައި، ބައިނަލްއަގުވާމީ ހަމަތަކުގައި ބުނަނީ އިން ވަކިކުރާނީ "އިކުއިޑިސްޓަންސް"އަށް ބަލައިގެންނެވެ. އިޓްލޮސްގައި ދެ ގައުމުގެ މެދުގައި މައިގަނޑު ގޮތެއްގައި ހިލާފު އުފެދިގެން އުޅެނީ އިން ވަކިކުރަން ފަށާ ހިސާބާ ގުޅޭގޮތުންނެވެ.

މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. ރާއްޖޭން ދެކޮޅު ހެދީ އެވެ. ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި އިޓްލޮސްއިން މިއަދު ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކި ކުރުމަށް ޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.

އެއާއެކު، އިޓްލޮސް އިން ކުރި ހުކުމުގައި ވަނީ ދެ ގައުމުގެ މެދުގައި ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަަހައްދެއް ލިބިގެންވާ ކަމަށެވެ.

އަދި އުތުރު ޗާގޯސްގެ އައުޓާ ކޮންޓިނެންޓަލް ޝެލްޕް މޮރިޝަސްއަށް ހައްގުވާ ކަމަށް ސާބިތުކޮށްދީފައި ނުވާތީ، މޮރިޝަސްއިން އެދިފައިވާ ގޮތަށް، ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގައިވާ އައުޓާ ކޮންޓިނެންޓަލް ޝެލްފް ޑީލިމިޓު ނުކުރުމަށް ވެސް ޓްރައިބިއުނަލްގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ.