Advertisement

ޖޭއެސްސީ ބަދަލުކުރަން މަޖިލީހުގެ ފުރަތަމަ ދައުރަށް ހުށަނޭޅުނު، ސަރުކާރުން ބުނީ ބިލުގެ މަސައްކަތް ކުރިއަށްދާ ކަމަށް

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ޕްރެސް ކޮންފެރެންސެއްގައި؛ ޖޭއެސްސީ ބިލުގެ މަސައްކަތް ކުރިއަށްދާ ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް


ޖޭއެސްސީ ބަދަލުކުރަން މަޖިލީހުގެ ފުރަތަމަ ދައުރަށް ހުށަނޭޅުނު، ސަރުކާރުން ބުނީ ބިލުގެ މަސައްކަތް ކުރިއަށްދާ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވުން ބަދަލުކުރަން ސަރުކާރުން ހުށަހަޅަން އުޅުނު ބިލު ފުރަތަމަ ދައުރު ނިމުނު އިރު ވެސް ހުށަނޭޅުނުއިރު، އެ ބިލުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ޖޭއެސްސީގެ އެކުލެވުން ހިމެނޭ ގޮތަށް ޖުޑިޝަރީއަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

މި އަހަރަށް މަޖިލިސް ހުޅުވުމުގެ ޖަލްސާގައި، ރައީސް ސޯލިހުގެ ދައުރުގެ ފަހު ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށް ޓަކައި ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް އެ ދައުރުގައި ހުށަހަޅުއްވާނެ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމައި، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން މަޖިލިސް އޮތީ ޗުއްޓީގަ އެވެ. މަޖިލިސް ޗުއްޓީއަށް ދަމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި، ޗުއްޓީގައި މަޖިލިސް އޮންނާނީ ދެ ހަފުތާއަށެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ ޖޭއެސްސީގެ ބިލު ހުށަނޭޅި އޮތުމުން އެ ސުވާލުކޮށްފަ އެވެ. އޭގެ ޖަވާބުގައި މިއުވާން ފުރަތަމަ ވިދާޅުވީ ބިލު އޮތީ ކޮމިޓީ މަރުހަލާގައި ކަމަށާއި، މަޖިލީހުގެ ކޮމިޓީއަކުން ކުރަމުންދާ މަސައްކަތަކަށް ސަރުކާރަށް ބާރު ނުފޯރުވޭނެ ކަމަށެވެ.

މިއުވާން އެހެން ވިދާޅުވި ނަމަވެސް ބިލު އަދި މަޖިލީހުގެ ތަޅުމަށް ވެސް ހުށަހަޅާފައެއް ނެތެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ފަހުން "އަދަދު" ނޫހުން އެ ސުވާލުކުރުމުން މިއުވާން ވިދާޅުވީ އޭނާއަށް ރިއާޔަތް ކުރެވުނީ ޖުޑިޝަރީއާ ގުޅުން ހުރި އެހެން ބިލަކަށް ކަމަށެވެ. ޖޭއެސްސީ ބަދަލުކުރުމުގެ ބިލުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީޑިއާތަކަށް މައުލޫމާތު ދިނުމަށް އޮންނަ ރައީސް އޮފީހުގެ ވަޓްސް އެޕް ގްރޫޕްގައި ވެސް މިއުވާން ފަހުން ވަނީ އެކަން ސާފުކޮށްދެއްވައިފަ އެވެ.

ޖޭއެސްސީގެ އެކުލެވުން ބަޔާން ކޮށްފައި ވަނީ ގާނޫނު އަސާސީގަ އެވެ. އެ އެކުލެވުން ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ޖެހެ އެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނެވެނީ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ މެޖޯރިޓީންނެވެ. އެއީ 66 މެންބަރުންނެވެ.

އެމްޑީޕީގެ 68 މެންބަރުން މަޖިލީހުގައި ތިއްބަވަ އެވެ. ނަމަވެސް މިހާރު އެ ޕާޓީގައި ދެ ފެކްޝަނެއް އެބަ އޮތެވެ. އެތެރޭގެ ރިޔާސީ ޕްރައިމަރީއަށް ފަހު ވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން ވަނީ ރައީސް ސޯލިހަށް ތާއީދު ނުކުރުމަށް ނިންމައިފަ އެވެ.

ޖޭއެސްސީގެ އެކުލެވުމާ މެދު އޮތް ކަންބޮޑުވުން؛

ފެހި ގާނޫނު އަސާސީގެ ދަށުން ސެޕްޓެމްބަރު 4، 2008 ގައި އެކުލަވާލި ޖޭއެސްސީގައި 10 މެމްބަރުން ތިއްބަވަ އެވެ.

އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުންގެ ކަނޑައަޅާ މެމްބަރަކާއި ރައީސުލްޖުމްހޫރިއްޔާ ކަނޑަައަޅުއްވާ މެމްބަރަކާއި ބަންޑާރަ ނައިބާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ވަކީލުންގެ ތެރެއިން މީހަކާއި އާންމުންގެ ތެރެއިން ނަގާ މީހެކެވެ.

މިހާރު އެ ކޮމިޝަންގައި ގިނައީ އެމްޑީޕީގެ ބޭފުޅުންނެވެ. ކޮމިޝަންގެ ރައީސަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. ނައިބު ރައީސަކީ ރައީސް ސޯލިހުގެ މެންބަރަކަށް ކޮމިޝަންގައި އިންނަވާ މަސްތޫރު ހުސްނީ އެވެ. ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުރަށް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ވެސް އެ ކޮމިޝަންގައި އިންނަވަ އެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ ބާރު އޮންނަ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ އެ ކޮމިޝަން މެދުވެރިކޮށް، ޖުޑިޝަރީއާއި ފަނޑިޔާރުގެއަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތައް އަބަދުވެސް އަމާޒުވެ އެވެ.

ކޮމިޝަންގެ އެކުލެވުން ބަދަލުނުކޮށް އަދިވެސް ކުރިއަށްދާތީ، މިހާރު އޮތް ސަރުކާރަށް ވެސް އެ ތުހުމަތުތައް އަމާޒުވެ އެވެ. ހާއްސަކޮށް، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތަކަށް އެ ކޮމިޝަން މެދުވެރިކޮށް ނުފޫޒު ފޯރުވާ ކަމަށް އެ ފަރާތްތަކުން ތުހުމަތު ކުރެ އެވެ.