1 މޭ 2023 - 11:18 0
މުހައްމަދު ވިޝާމް
1 މޭ 2023 - 11:18 0
މިފްކޯގެ އެކި މަޝްރޫއުތަކަށް ސަރުކާރުން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން 570 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު މާފުކޮށްދީފައިވާ ކަމަށް މައި ކުންފުނި އެސްޓީއޯއިން ބުނެފި އެވެ.
ކުރިން އަމިއްލައަށް ހިންގަމުން އައި މިފްކޯގެ ދަރަނި އިންތިހާއަށް ބޮޑުވެ، ބަނގުރޫޓުވުމުގެ ބިރު ހީވެފައިވަނިކޮށް، އެ ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.
އޭގެ ފަހުން އެސްޓީއޯއިން ވަނީ މިފްކޯގެ ހިންގުމަށާއި އޮޕްރޭޝަނަށް ބޮޑެތި ބަދަލުތައް ގެނެސް، ފައިދާވާ ކުންފުންޏަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
އެސްޓީއޯގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނީ އެ މަސައްކަތުގެ ދަށުން މިފްކޯގެ މާލީ ހާލަތާއި ކުންފުނީގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
މިފްކޯ ރީސްޓްރަކްޗާ ކުރުމުގެ މި މަސައްކަތުގެ ދަށުން، އެ ކުންފުނީގެ އެކި މަޝްރޫއުތަކަށް މީގެ ކުރިން ސަރުކާރުން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ޖުމްލަ 576 މިލިއަން ރުފިޔާގެ ލޯނު މާފުކޮށްދީފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ.
މިގޮތުން، މަސް ކިރާ ބޯޓުތަކާއި އައިސްޕްލާންޓުގެ އިތުރުން ކުންފުނީގެ ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީ ވަނީ އިތުރުކުރެވިފަ އެވެ.
އެއާއެކު، މިދިޔަ އަހަރުގެ މިފްކޯގެ އާމްދަނީ 28 ޕަސަންޓުން އިތުރު 1.6 ބިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ. ކުންފުނީގެ އާމްދަނީ އިތުރުވެފައިވަނީ މިދިޔަ އަހަރު މަސްކިރި މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ކަމަށް ރިޕޯޓުގައި ބުންޏެވެ.
މިގޮތުން، މިދިޔަ އަހަރުގެ ނިޔަލަށް 63،579 މެޓްރިކް ޓަނުގެ މަސްކިރިއިރު، މިއީ ފާއިތުވި 16 އަހަރުގެ ތެރޭގައި އެ ކުންފުންޏަށް އެންމެ ގިނައިން މަސްކިރި އަހަރު ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
މިފްކޯގެ އިތުރުން މައި ކުންފުނި އެސްޓީއޯގެ ވިޔަފާރިތަކުން 2022 ވަނަ އަހަރުގެ އާމްދަނީއަށް ވަނީ ރަނގަޅު ކުރިއެރުންތަކެއް ލިބިފަ އެވެ.
މިގޮތުން، މިދިޔަ އަހަރު އެސްޓީއޯއަށް ވަނީ 18.6 ބިލިއަން ރުފިޔާގެ ރެކޯޑު އާމްދަނީ އެއް ލިބިފަ އެވެ.
އެއާއެކު، އެ ކުންފުނީގެ މިދިޔަ އަހަރުގެ ސާފު ފައިދާ ވަނީ އެއް ބިލިއަން ރުފިޔާ ހުރަސްކޮށްފަ އެވެ.
މިދިޔަ އަހަރުގެ ބޮޑު ފައިދާއާއެކު، އެސްޓީއޯއިން ވަނީ ހިއްސާއަކަށް 77ރ. ބަހަން ނިންމައިފަ އެވެ.
Comment